އަހަރެމެންގެ ސިފައިންނަކީ ރޭޕް ކުރާ ބައެއް ނޫން: މިޔަންމާ

މިޔަންމާގެ ސިފައިންނަކީ އަހުލާގު ރަނގަޅު ބައެއް ކަމަށާއި އެމީހުންނަކީ ރޭޕްކުރާ ބައެއް ނޫން ކަމުގައި މިޔަންމާގެ ސިފައިންގެ ވެރިޔާ މިން އޯން ލައިން ބުނެފި އެވެ. އޭނާ މިހެން ބުނެފައިވަނީ ރާކިން ސްޓޭޓްގައ...

01 May 2018 | 22:06

މިޔަންމާގެ ސިފައިންނަކީ އަހުލާގު ރަނގަޅު ބައެއް ކަމަށާއި އެމީހުންނަކީ ރޭޕްކުރާ ބައެއް ނޫން ކަމުގައި މިޔަންމާގެ ސިފައިންގެ ވެރިޔާ މިން އޯން ލައިން ބުނެފި އެވެ.

އޭނާ މިހެން ބުނެފައިވަނީ ރާކިން ސްޓޭޓްގައި ރޮހިންގާ ދަރިކޮޅު ދިރިއުޅުނު ސަރަހައްދަށް އދ ގެ ވަފުދެއް ޒިޔާރަށް ކުރުމަށްފަހު އެ ވަފްދުން އޭނާ އާއި ބައްދަލު ކުރުމުންނެވެ.

އެ ވަފްދުން މިން އޯން ލައިން އާއި މިޔަންމާގެ ލީޑަރު އޯން ސަން ސޫ ކީ އާއި ބައްދަލުކޮށް ބުނެފައިވަނީ ރޮހިންގާ މުސްލިމުންނާއި ދެކޮޅަށް ހިންގާފައި ލާއިންސާނީ އަމަލުތައް ފުރިހަމައަށް އެގައުމުން ތަހުގީގު ކުރަން ޖެހޭނެ ކަމަށެވެ.

މިދިޔަ އަހަރުގެ އޯގަސްޓް މަހުގައި ރާކިން ސްޓޭޓްގައި ދިރިއުޅޭ މުސްލިމު ހަނގުރާމަވެރިންނާއި ދެކޮޅަށް ކަމަށްބުނެ އެ މިޔަންމާގެ ބުދު ދީނުގެ އަހުލުވެރިންނާއި ސިފައިން ގުޅިގެން ހިންގި ލާއިންސާނީ ޖަރީމާތަކުގައި އެތައް ހާސް މުސްލިމުންނެއް މަރާލާފައި ވެ އެވެ. ހަތް ލައްކައަށްވުރެ ގިނަ މުސްލިމުން ގައުމު ދޫކޮށް ބަންގްލަދޭޝް އަށް ގޮސްފައި ވެ އެވެ.

ބަންގްލަދޭޝް ގައި ތިބި އެތައް ލައްކަ ބަޔަކު ބުނެފައިވަނީ މިޔަންމާ ސިފައިން، އަތު ޖެހުނު ބަޔަކު ފާޅުގައި ރޭޕްކޮށް، މަރާ އެތައް އެތައް ލާއިންސާނީ އަނިޔާތަކެއް ދިން ކަމަށެވެ.

ނަމަވެސް އދ ގެ މަންދޫބުން ގާތު މިން އޯން ލައިން ބުނެފައިވަނީ އެގައުމުގެ ސަގާފަތުގައިވެސް ރޭޕް ކުރުމަކީ ގަބޫލު ކުރެވޭ ކަމަކަށް ނުވާއިރު ސިފައިންނަކީ އެފަދަ އަމަލެއް ހިންގާނެ ބައެއް ނޫން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް