ތޫފާނެއްގެ އަސަރު ދެކުނަށް ކޮށް، އެކި ސަރަހައްދުތަކަށް އުދަ އަރާނެ

އައްޑު އަތޮޅުގެ އިރުދެކުނުގައި އުފެދިފައިވާ ތޫފާނެއްގެ ސަބަބުން ދެކުނުގެ ރަށްތަކަށް އުދަ އަރާފާނެތީ ސަމާލުވުމަށް މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސާވިސް (މެޓް) އިން އިލްތިމާސްކޮށްފި އެވެ. އެ ތޫފާނަށް ދީފައ...

01 May 2018 | 20:31

އައްޑު އަތޮޅުގެ އިރުދެކުނުގައި އުފެދިފައިވާ ތޫފާނެއްގެ ސަބަބުން ދެކުނުގެ ރަށްތަކަށް އުދަ އަރާފާނެތީ ސަމާލުވުމަށް މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސާވިސް (މެޓް) އިން އިލްތިމާސްކޮށްފި އެވެ.

އެ ތޫފާނަށް ދީފައިވާ ނަމަކީ  "ފްލެމްބޮޔަން" އެވެ.

މެޓް އޮފީހުން ބުނީ އައްޑޫގެ 3000 ކިލޯ މީޓަރު ދުރުގައި އުފެދިފައިވާ އެ ތޫފާނުގެ ސަބަބުން އެ ސަރަހައްދުގައި ބާނި ބޮޑުވެ ކުރިޔަށް އޮތް 24 ގަޑިއިރުގެ ތެރޭގައި އޭގެ އަސަރު ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެގޮތުން ހާއްސަކޮށް ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ދެކުނު ރަށްތަކަށް އުދަ އެރުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

އެކަމަކު ރާއްޖޭގެ ހުރިހާ ހިސާބަކުން މިކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައިވެ އެވެ.

ދިޔަވަރު ބޮޑުވާނެ ކަމަށް ލަފާކޮށްފައިވަނީ އުތުރުގެ އަތޮޅުތަކަށް މިރޭ މެންދަމު 12:34 އަދި މާދަމާ މެންދުރުފަހު 1:55 ގައި އެވެ. މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް މިރޭ މެންދަމު 1:54 އަދި މާދަމާ މެންދުރުފަހު 2:34 ގައި އެވެ. އަދި ދެކުނުގެ އަތޮޅުތަކަށް އެންމެ ދިޔަވަރު ބޮޑުވާނެ ކަމަށް ލަފާ ކުރެވޭ ވަގުތު ތަކަކީ މިރޭ މެންދަމު 2:37 އަދި މާދަމާ މެންދުރުފަހު 3:11ގައި އެވެ.

މިދިޔަ ހަފްތާގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް އުދަ އަރާފައިވެ އެވެ. އެގޮތުން 20 ރަށަކަށް އުދައެރިކަމަށް ރިޕޯޓު ކުރިކަމުގަ ވިޔަސް އާންމު ދިރިއުޅުމަށް ބުރޫ އަރާވަރުގެ ގެއްލުމެއް ނުލިބޭކަމަށް މެޓް އޮފީހުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް