މިދިޔަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ރިލީޒްކުރި ފާސްޓް އެންޑް ފިއުރިއަސް ގެ އަށްވަނަ ފިލްމު "ފޭޓް އޮފް ދަ ފިއުރިއަސް" ބޮކްސް އޮފީހުގައި ބިލިއަން ޑޮލަރަށްވުރެ ބޮޑު އާމްދަނީއެއް ހޯދައިފިއެވެ.
މި ފިލްމް ވަނީ ބިލިއަން ޑޮލަރު ކުލަބުން ޖާގަ ހޯދި 30 ވަނަ ފިލްމުގެ ޝަރަފުވެސް ހޯދާފައެވެ. ޔުނިވާސަލް ޕިކްޗާސް އިން ގެނެސް ދިން ފިލްމްތަކުގެ ތެރެއިން ބިލިއަން ޑޮލަރުގެ ކްލަބުން ޖާގަ ހޯދި މިއީ ހަތަރު ވަނަ ފިލްމެވެ.
ޔުނިވާސަލްގެ ފިލްމްތަކުގެ ތެރެއިން މީގެ ކުރިން ބިލިއަން ޑޮލަރު ކުލަބުން ޖާގަ ހޯދި ފިލްމުތަކުގެ ތެރޭގައި ހިމެނެނީ 2015 ގައި ރިލީޒް ކުރި ޖުރަސިކް ވޯލްޑް (1.67 ބިލިއަން ޑޮލަރު) އާއި ފިއުރިއަސް 7 (1.52 ބިލިއަން ޑޮލަރު) އާއި ހަމަ އެ އަހަރު ރިލީޒް ކުރި އެނިމޭޓެޑް ފިލްމް މިނިއަންސް (1.16 ބިލިއަން ޑޮލަރު) ގެ އިތުރުން 1993 ގައި ރިލީޒް ކުރި ޖުރަސިކް ޕާކް (1.029 ބިލިއަން ޑޮލަރު) އެވެ.
ދުއިސައްތަ ފަންސާސް މިލިއަން ޑޮލަރުގެ ބަޖެޓަކުން އުފައްދި މި ފިލްމުގެ އިތުރުން މި އަހަރުގެ މިހާތަނަށް ބިލިއަން ޑޮލަރު ކުލަބުން ޖާގަ ހޯދީ އެންމެ ފިލްމެކެވެ.
އޭ ލިސްޓް ތަރިން ހިމަނައިގެން އެފް ގެރީ ގްރޭ ޑައިރެކްޓްކޮށްފައިވާ މި ފިލްމު މިހާރު ވެސް އޮތީ އުތުރު އެމެރިކާގެ ބޮކްސް އޮފީހުގެ ޗާޓްގެ އެއް ވަނައިގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް