އިންޑިއާގެ އަސާމް ސްޓޭޓްގައި ކަތިލަންވެގެން ގެރިއެއް ވަގަށް ނެގިކަމަށް ބުނެ މުސްލިމު ދެ ފިރިހެނަކު ހަވަރަށް ދީގެން މަރާލައިފި އެވެ.
އޭއެފްޕީން މަޢުލޫމާތުދޭ ގޮތުގައި އަސާމްގެ އަވަށެއްގެ ދަނޑުހައްދާ ސަރަޙައްދެއްގައި އޮތް އެ ގެރި ވަގަށް ނަގަނިކޮށް ބަޔަކަށް ފެނިގެން އެމީހުން ދަނޑިބުރިފަދަ އެއްޗެހިން އެ ދެމީހުނަށް ހާމަލާދީ ޒަޙަމްކޮށްލީ އެވެ. ހޮސްޕިޓަލަށް ގެންދިޔައިރުވެސް އެ ދެމީހުން ވަނީ މަރުވެފައި އެވެ.
ގެރީއާއި ގުޅިގެން މިފަހުން އިންޑިއާގައި މުސްލިމުންނާއި ހިންދޫންގެ މެދުގައި ވަރަށް ގިނަ މައްސަލަތަކެއް ފެންމަތިވެފައިވެ އެވެ. ހިންދޫ ދީނުގެ މީހުން ބުނަނީ ގެރިއަކީ އެމީހުންގެ ކަލާނގެއެއްކަމަށެވެ. ގެރި ކަތިލުމަކީ އިންޑިއާގެ ވަރަށް ގިނަ ސްޓޭޓްތަކުގައި ޤާނޫނީ ގޮތުން މަނާކަމެކެވެ. އަދި އެފަދަ މައްސަލަތައް ސާބިތުވާ މީހުނަށް އަދަބެއްގެ ގޮތުން އުމުރު ދުވަހަށް ޖަލުގެ ޙުކުމް އިއްވަ އެވެ.
ހިއުމަން ރައިޓްސް ވޮޗްގެ ރިޕޯޓު ދައްކާގޮތުން އިންޑިއާގައި 2015 ވަނަ އަހަރުގެ މެއި މަހުން ފެށިގެން މި ހަފްތާގެ ނިޔަލަށް ގެރީގެ މައްސަލައިގައި 10 މުސްލިމަކު މަރާލާފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް