ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރަށް ހައިކޯޓުން ތާއީދު ކޮށްފައި އެވެ.
ގާސިމް 15 ދުވަހަށް ފުލުހުންގެ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރު ކުރީ ފަނޑިޔާރުންނާއި ސަލާމަތީ ބާރުތަކަށް ނުފޫޒު ފޯރުވަން މަސައްކަތްކުރިކަމުގެ ތުހުމަތުގައި އާއި ޤާނޫނީ ސަރުކާރު ވައްޓާލަން ރާވަމުންދާކަމުގެ ތުހުމަތުގެ އިތުރުން މަޖިލީސް މެންބަރުންނަށް ރިޝްވަތުދޭން އުޅޭކަމުގެ ތުހުމަތުގައި އެވެ.
ހައި ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ކުށުގެ ތުހުމަތުގައި ހައްޔަރު ކުރާ މީހާއާއި ދެކޮޅަށް ސާބިތު ހެކި ބޭނުން ނުވާ ކަމަށާއި ކުށެއް ކުރި ކަމުގެ ތުހުމަތު އުފެދޭ ވަރަށް ހެކި ހުރުމުން ފުދޭނެ ކަމަށެވެ. އެ މިންވަރަށް ފުލުހުން ގާސިމް އާއި ދެކޮޅަށް ހެކި ހުށަހަޅާފައިވާ ކަމަށް ބުނެފައިވެ އެވެ.
މީގެ އިތުރުން ގާސިމް ހައްޔަރު ކުރުމުގެ ކޯޓު އަމުރު ނެރުނު ފަނޑިޔާރު އެ މައްސަލަ ބެއްލެވުމުގައި އެ ފަނޑިޔާރުގެ އަމިއްލަ މަސްލަހަތެއް އެކުލެވިގެން ނުވާނަމަ އެއީ މައްސަލައެއް ނޫން ކަމަށް ބުނެފައިވެ އެވެ. އަދި އިމްތިޔާޒު ގާނޫނަށް އަމަލު ކުރަން ޖެހޭނީ މެންބަރަކު ހައްޔަރު ކުރާއިރު ކަމަށާއި، މަޖިލީހުގެ މެންބަރެއްގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް އެ ގާނޫނަށް އަމަލު ކުރަން ނުޖެހޭނެ ކަމަށް އަމުރުގައި ބުނެފައިވެ އެވެ.
މީގެ ކުރިން ފުލުހުން ގާސިމް ހައްޔަރު ކުރި މައްސަލައިގަ ކްރިމިނަލް ކޯޓުން މުއްދަތު ޖެހި މައްސަލަ އިސްތިއުނާފު ކުރުމުން ހައިކޯޓުން ވަނީ ދޫކޮށްލަން އަމުރުކޮށްފައި އެވެ. އެފަހަރު އަމުރުގައި ބުނެފައިވަނީ ގާސިމް ހައްޔަރުކޮށްފައިވަނީ އިމްތިޔާޒު ގާނޫނާ ހިލާފަށް ކަމަށެވެ. އަދި ގާސިމް ހައްޔަރު ކުރުމުގެ އަމުރަށް އެދެންޖެހޭނީ ޕީޖީ ކަމަށެވެ.
އެހެންވެ މިފަހަރު ފުލުހުން ގާސިމް ހައްޔަރު ކުރީ ޕީޖީ ކްރިމިނަލް ކޯޓުގައި ގާސިމް ހައްޔަރު ކުރުމަށް އަމުރު ނެރެދިނުމަށް އެދުމުން އެ ކޯޓުން ނެރުނު އަމުރަކާއި ގުޅިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް