ރަހުމް ކުޑަގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޔާމީން ރަޝީދުގެ މަރާ ގުޅިގެން 800 ސިޓި ފުލުހުންގެ އިދާރާއަށް ހުށަހަޅައިފި އެވެ.
ޔާމީނަށް އިންސާފު ހޯދައިދޭން އެދި އާއިލާ އާއި ހެޔޮއެދޭ ފަރާތްތަކުން ސޮއިކޮށްފައިވާ ސިޓީތައް ފުލުސް އޮފީހާ ހަވާލުކުރީ ޔާމީންގެ ބައްޕަ، ހުސެއިން ރަޝީދެވެ. އެ ސިޓީތަކުގައި އެދިފައިވަނީ ޔާމީން ރަޝީދުގެ މަރުގެ މައްސަލަ މިނިވަންކަމާ އެކު ވީހާވެސް އަވަހަށް ތަހުގީގުކޮށްދިނުމަށެވެ.
ސިޓީތައް ހުށަހެޅުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން ޔާމީންގެ ބައްޕަ ހުސައިން ރަޝީދު ބުނީ މީގެ ކުރިން ހިނގާފައިވާ މިފަދަ ހާދިސާތަކުގެ ތަހުގީގު ގޮސް އޮތް ގޮތުން އިތުރަށް ސަމާލުކަން ދީ ބޭރުގެ ފަރާތްތައް ބައިވެރި ކުރަން ތަކުރާރުކޮށް އެދިފައިވާނެ ކަމަށެވެ. އަދި ޔާމީންގެ މަރާ ގުޅިގެން ފުލުހުންގެ ފަރާތުން މައުލޫމާތު ހަމަ ކުރުމުގައި ލަސްވާތީ ކަންބޮޑުވުންތަކެއް އެބަ ހުރި ކަމަށެވެ.
"އަޅުގަނޑުމެންނަކީ ޔާމީންގެ އާއިލާ، މިހާރު ގާތްގަނޑަކަށް ނުވަ ވަރަކަށް ދުވަސްވެގެންދާއިރު އަޅުގަނޑުމެން ފެންނަން ބޭނުންވާ ނަތީޖާ ނުފެންނަ ކަމަށްވާ ނަމަ، އަޅުގަނޑުމެން ހިތްހަމައެއް ނުޖެހޭނެ ދެއްތޯ،" އޭނާ ބުންޏެވެ.
އެ ސިޓިތަކާއި ގުޅޭގޮތުން ޔާމީންގެ އާއިލާއިން ފަހުން ބުނީ ސިޓީތައް ފުލުހުންގެ އިދާރާއިން ބަލައިގެންފަ ނުވާ ކަމަށެވެ. އަދި ޔާމީންގެ ބައްޕަ ހުސައިން ރަޝީދަށް މިއަދު މެންދުރު 2:30 ށް ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައިވާ ކަމަށެވެ.
ޔާމީން މަރާލާފައި އޮއްވާ ފެނުނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ ދަންވަރު 2:50 ހާއިރު އޭނާ ދިރިއުޅުނު ގޭ ސިޑި ގޮޅިންނެވެ. ޔާމީންގެ ހަށިގަނޑުގެ އެތައް މިތަނަށް ވަޅިން ހަމަލާދީފައިވާއިރު ފުލުހުން ބުނެފައިވަނީ އެ މީހުން ދެނެގެނެވިފައިވާ ކަމަށެވެ.
އަދި އިއްޔެ ފުލުހުން ވަނީ އެ މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށް 15 ދުވަހަށް ބަންދުގެ މުއްދަތު ޖަހާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް