ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަގުމަތީ އަގުގެ 1.6 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.
ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ޑެޕިއުޓީ ހެޑް އިންސްޕެކްޓަރު އޮފް ޕޮލިސް އައިމިނަތު ސުޒީ ވިދާޅުވީ ފުލުހުން ހިންގި މި އޮޕަރޭޝަނަކީ ޑްރަގް އިންޓެލިޖެންސް ޔުނިޓާއި ޑްރަގް އޮޕަރޭޝަން ޔުނިޓް ގުޅިގެން އޭޕްރީލް 25 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްކަމަށެވެ.
މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން މާލޭގެ ދެ ގެއެއް ބަލައިފާސްކުރިއިރު، ފުރަތަމަ ގެއިން މަސްތުވާތަކެތި ބަންދުކުރަން ބޭނުންކުރާ ތަކެއްޗާއި ދެ ޑިޖިޓަލް ކައްޓާ ފެނިފައިވާ ކަމަށެވެ. އަދި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހޭކިފައިހުރި 17 ފިލްމު ހުސްކުރިދަޅާއި ދެ ފުޅިއަކާއި ވަޅިއެއްގެ އިތުރުން ސިރިންޖަކާއި ޖޫސްޕެޓީ ހުސް ކޮތަޅު ބޮޑިއެއް ފެނިފައިވާ ކަމަށެވެ.
ދެވަނަ ގެއިން ކެނެބިސްކަމަށް ބެލެވޭ ބަރުދަނުގައި 1.1 ކިލޯގްރާމްހުރި މަސްތުވާތަކެއްޗާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ 91 ގްރާމްހުރި މަސްތުވާތަކެތި ފެނިފައިވާކަމަށް ސުޒީ ވިދާޅުވިއެވެ.
މި އޮޕަރޭޝަނުގައި ހައްޔަރު ކޮށްފައިވަނީ 25 އަހަރުގެ ފިރިހެނަކާއި 29 އަހަރުގެ އަންހެނެކެވެ. މި ދެމީހުންންގެ މައްޗަށް ވަނީ މަސްތުވާތަކެތި ބޭނުންކުރުމާއި މަސްތުވާތަކެތި ގެންގުޅުމާއި މަސްތުވާތަކެތި ވިޔަފާރިކުރުމުގެ ތުހުމަތުކޮށްފައެވެ.
މިދެމީހުންނަށްވެސް ކޯޓުން 10 ދުވަހުގެ މުއްދަތެއް ޖަހާފައިވާކަމަށް ސުޒީ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް