ޓެލުގޫ ފިލްމު ބަހުބަލީ 2 ބޮކްސް އޮފީސްގައި 59.8 މިލިއަން ޑޮލަރުގެ ބޮޑު އާމްދަނީއެއް ހޯދާއި އިންޑިއާގައި މިހާތަނަށް އެންމެ ބޮޑު އާމްދަނީ އެއް ހޯދި ފިލްމުގެ ރެކޯޑު މުގުރާލައިފި އެވެ.
ބަހުބަލީ 2 ވަނީ ދުނިޔޭގެ އެކި ޤައުމުތަކުގައި ދެއްކި އިންޑިއާ ފިލްމުތަކުގެ ތެރެއިންވެސް އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުގެ ރެކޯޑު މުގުރާލާފަ އެވެ. އެގޮތުން އެކި ޤައުމުތަކުގައި ދައްކައިގެން މިހާތަނަށް 77.7 ޑޮލަރުގެ އާމްދަނީއެއް ވަނީ ހޯދާފައި އެވެ. ހަމައެކަނި އުތުރު އެމެރިކާއިން އެ ފިލްމަށް 10.1 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.
ބަހުބަލީ 2 ވަނީ ޓެލުގޫ ބަހުގެ އިތުރުން ޓެމިލް، މަލަޔާލަމް އަދި ހިންދީ ބަހުންވެސް ބޮޑު ސްރީންގައި ދައްކާފައި އެވެ. އެގޮތުން ހިންދީ ބަހުން ދެއްކި ފިލްމަށް އާމްދަނީއެއްގެ ގޮތުގައި 19.9 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. މިއީ ހިންދީ ފިލްމަކަށް އެންމެ ބޮޑު އާމްދަނީއެއް މިހާތަނަށް ލިބުނު އާމިރް ޙާންގެ ފިލްމު ދަންގަލް އަށް ލިބުނު އާމްދަނީ އަށްވުރެ ބޮޑު އަދަދެކެވެ. ދަންގަލްއަށް ލިބިފައިވަނީ 16.6 މިލިއަން ޑޮލަރުގެ އާމްދަނިއެކެވެ.
މި ފިލްމަކީ އިންޑިއާގައި ނިކުތް ފިލްމުތަކުގެ ތެރެއިން އައިމެކްސް ފޯމެޓަށް ރިލީޒްކުރި ތިންވަނަ ފިލްމުވެސްމެ އެވެ. އެކި ޤައުމުތަކުގައި އައިމެކްސް ފޯމެޓަށް މި ފިލްމު ދައްކައިގެން 2.34 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ. މިއާއެކު އިންޑިއާގައި މިހާތަނަށް އައިމެކްސް ފޯމެޓަށް ދައްކައިގެ އެންމެ ބޮޑު އާމްދަނީއެއް ހޯދި "ދަ ފޭޓް އޮފް ދަ ފިއުރިއަސް"ގެ ރެކޯޑުވެސް 330،000 ޑޮލަރުގެ ތަފާތަކުން މި ފިލްމުވަނީ މުގުރާލާފަ އެވެ.
ރާޖް މޯލީ ޑައިރެކްޓްކޮށްފައިވާ މި ފިލްމު ހަދާފައިވަނީ 40 މިލިއަން ޑޮލަރުގެ އެސްޓިމޭޓެޑް ބަޖެޓަކުންނެވެ. އެއާއެކު މި ފިލްމަކީ އިންޑިއާގައި މިހާތަނަށް އެންމެ ބޮޑު ހަރަދެއްކޮށްގެން ތައްޔާރުކުރި ފިލްމަށްވެސްވަނީ ވެފަ އެވެ.
ބަހުބަލީ 2 އަކީ މިދިޔަ އަހަރު ނިކުތް އެ ފިލްމުގެ އެއްވަނަ ބައިގެ ސީގުއެލްއެކެވެ. މި ފިލްމުގައި ދައްކުވައިދެނީ އިންޑިއާގެ އިހުގެ ރަސްކަމުގެ ކޮއިލެއްގައި ދެ ބެންގެ ދެމެދުގައި އުފެދުނު ހަމަނުޖެހުންތަކަށްފަހު ކުރިމަތިވާ ކަންތައްތަކެކެވެ. މި ފިލްމުގެ އިސް ރޯލުތަކުން ފެނިގެންދަނީ ދެކުނު އިންޑިއާގެ މަޝްޙޫރު ފިލްމީ ތަރިން ކަމުގައިވާ ޕްރަބާސް، ރަނާ ދަގުއްބާތި، ތަމަންނާ، އަދި އަނުޝްކާ ޝެއްޓީ އެވެ.
ބަހުބަލީ 2 ކަށް އާމްދާނީއެއް ގޮތުގައި 116.6 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ދިރާސާކުރާ ފަރާތްތަކުން މިހާރުވަނީ އަންދާޒާކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް