ރާއްޖެއިން ބޭރަށް ފުރާ ދިވެހިން އަތުން އިތުރު 12 ޑޮލަރު ނަގަން ފަށައިފި

އެއާޕޯޓު ޑިވެލޮޕްމެންޓު ޗާޖުގެ ގޮތުގައި ރާއްޖެއިން ބޭރަށް ފުރާ ކޮންމެ ދިވެއްސެއްގެ އަތުން އިތުރަށް 12 ޑޮލަރު އަދި ބިދޭސީއެއްގެ އަތުން 25 ޑޮލަރު ނަގަން ފަށައިފި އެވެ. ދިވެހިރާއްޖޭގެ އެއާޕޯޓަކުން ދިވެހި...

02 May 2017 | 04:00

އެއާޕޯޓު ޑިވެލޮޕްމެންޓު ޗާޖުގެ ގޮތުގައި ރާއްޖެއިން ބޭރަށް ފުރާ ކޮންމެ ދިވެއްސެއްގެ އަތުން އިތުރަށް 12 ޑޮލަރު އަދި ބިދޭސީއެއްގެ އަތުން 25 ޑޮލަރު ނަގަން ފަށައިފި އެވެ.

ދިވެހިރާއްޖޭގެ އެއާޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ބިލަށް ގެނައި މި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވީ މިދިޔަ ޑިސެމްބަރު ހަތެއްގައި އެވެ. އެ ގާނޫނުގައި ބުނެފައިވަނީ އެ އުސޫލަށް ހަމަލު ކުރަން ފަށާނީ މެއި އެއްވަނަ ދުވަހުން ފެށިގެން ކަމަށެވެ.

ބިލުގައި ބުނެފައިވަނީ އެއާޕޯޓު ޑިވެލޮޕްމެންޓް ޗާޖުގެ އަކީ މިހާރު ނަގަމުން އަންނަ އެއާޕޯޓު ސާވިސް ޗާޖުގެ އިތުރުން ނަގާ ފީއެއް ކަމަށެވެ. މީގެ ކުރިންރާއްޖެއިން ފުރާ ކޮންމެ ދިވެއްސެއްގެ އަތުން 12 ޑޮލަރު އެއާޕޯޓު ސާވިސް ޗާޖުގެ ގޮތުގައި ނަގަމުންދާއިރު ބިދޭސީންގެ އަތުން 25 ޑޮލަރު ނެގި އެވެ.

އެއާޕޯޓު ޑީވެލޮޕްމެންޓް ޗާޖުގެ ގޮތުގައި ނަގާ އެފީ ނެގުމުގެ ޒިންމާ އަދާކުރަން ޖެހޭނީ އެއާލައިންތަކުންނާއި އެއާޕޯޓުން ކަމަށާއި އެ ފައިސާ މީރާއަށް ހަވާލު ނުކޮށްފި ނަމަ އެ އެއާލައިނެއް ޖޫރިމަނާ ކުރެވޭނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ. އެ ބިލުގައިވާގޮތުން ޑިޕްލޮމެޓިކް ޕާސްޕޯޓު ގެންގުޅޭ ފަރާތްތަކާއި ދެ އަހަރު ނުވާ ކުޑަކުދިންނާއި ޓްރާންސިޓް ފަސިންޖަރުން މި ފީ ދައްކާކަށް ނުޖެހެ އެވެ.

އެހެން ކަމުން އިއްޔެއިން ފެށިގެން އިންޓަނޭޝަނަލް އެއާޕޯޓުތަކުން ފުރާ ކޮންމެ ދިވެއްސެއްގެ އަތުން ޖުމްލަ 24 ޑޮލަރު އަދި ބިދޭސީއެއްގެ އަތުން 50 ޑޮލަރު ނަގާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް