ބޮލީވުޑާއި ހޮލީވުޑްގައި ފިޔަޖަހަމުން އަންނަ ޕްރިޔަންކާ ޗޯޕްރާ ބޭނުންވާ ވަރަށް މަސައްކަތް ކުރެވުނީމަ ހޮލީވުޑް ދޫކޮށް އެނބުރި އިންޑިއާއަށް ދާނެ ކަމަށް އޭނާ ބުނެފި އެވެ.
ޕްރިޔަންކާ ހޮލީވުޑްގައި މަސައްކަތް ކުރަން ފެށީ 2015 ވަނަ އަހަރު އެވެ. އަދި ވޭތުވެދިޔަ ދެ އަހަރު އޭނާ ދިރިއުޅުނީ އެމެރިކާގައި އެވެ. މިވަގުތު ޕްރިޔަންކާ ހުރީ ޗުއްޓީގައި އިންޑިއާގައި އެވެ.
އިންޑިއާގެ ނޫހެއްކަމަށްވާ މިޑް ޑޭއަށް ދިން އިންޓަވިއުއެއްގައި ޕްރިޔަންކާ ބުނެފައިވަނީ ބުރަކޮށް އުޅެން ޖެހުމުން މިހާރު ވަރުބަލިވެފައިވާ ކަމަށެވެ. އެކަމަކު އަދި ބޭނުންވަނީ ބުރަކޮށް މަސައްކަތް ކުރަން ކަމަށާއި ކުރަން ހުރި މަސައްކަތް އަދި ވަރަށް ގިނަ ކަމަށެވެ.
ޕްރިޔަންކާ ބުނެފައިވަނީ މިވަގުތު ހޮލީވުޑާއި ބޮލީވުޑްގައި ކާމިޔާބު ކަމާއި އެކު މަސައްކަތް ކުރެވޭތީ ހިތްހަމަ ޖެހޭ ކަމަށެވެ. އަދި އޭނާ އަކީ އެއް ކަމެއްގައި މާ ގިނަ ދުވަހު އުޅެންޖެހިއްޖެ ނަމަ ފޫހިވާ މީހެއް ކަމަށާއި ބޭނުންވާ ވަރަށް މަސައްކަތް ކުރެވުނީމަ ހޮލީވުޑް ދޫކޮށްލާނެ ކަމަށެވެ.
ޕްރިޔާން ބޭނުންވާ މަގުސަދު އެއް ދުވަހުން އަނެއް ދުވަހަށް ހާސިލްވަމުންދާ ކަމަށްވެސް އޭނާ ބުނެފައިވެ އެވެ.
ހޮލީވުޑްގައި ޕްރިޔަންކާ އެންމެ ފުރަތަމަ މަސައްކަތް ކޮށްފައިވަނީ އެމެރިކާގެ ޓީވީ ސީރީޒް “ކުއަންޓީކޯ”ގެ ލީޑް ރޯލެވެ. މިއަހަރު ޕްރިޔަންކާގެ ފުތަމަ ހޮލީވުޑް ފިލްމު "ބޭވޮޗް" ރިލީޒް ވާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް