ނައިބު ރައީސް މަސީގެ ބޯޑު މެމްބަރުންނާ ބައްދަލުކުރައްވައިފި

މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ ބޯޑު މެންބަރުންނާއި މިއަދު ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ބައްދަލުކުރައްވައިފިއެވެ. މިއަދު ހެނދުނު ރައީސް އޮފީހުގައި ...

02 Apr 2019 | 09:10

މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ ބޯޑު މެންބަރުންނާއި މިއަދު ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި މަސީއިން ހިންގުމަށް ހަމަޖެހިފައިވާ، ކޮންސްޓްރަކްޝަން ސައިޓުގެ ސަލާމަތާއި ރައްކާތެރިކަމުގެ މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމާއި ގުޅޭގޮތުން މަޝްވަރާކުރެއްވެވިއެވެ. އަދި މި ޕްރޮގްރާމް ހިންގުމަށް ސަރުކާރުގެ ފަރާތުން ބޭނުންވާ އެހީތެރިކަމާއި، މި ޕްރޮގްރާމް ހިންގުމުގައި ކުރިމަތިވާނެ ގޮންޖެހުންތައްވެސް ހިއްސާ ކުރެއްވިއެވެ. އަދި ހުޅުމާލޭގައި ހެދުމަށް ހަމަޖެހިފައިވާ ކޮންވެންޝަން ސެންޓަރުގެ މަޢުލޫމާތުވެސް މި ބައްދަލުވުމުގައި މަސީ އިން ވަނީ ހިއްސާ ކުރައްވާފައެވެ.

މީގެ އިތުރުން ނާއިބު ރައީސް ވަނީ، މަސީގެ ބޯޑުން ކޮންސްޓްރަކްޝަން ސައިޓުގައި ހުންނަންވާނެ ހެލްތް އެންޑް ސޭފްޓީ ކަންތައްތަކުގެ މަޢުލޫމާތު ޢާންމު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އިސް ނެންގެވީތީ އެކަމަށް މަރުހަބާ ދަންނަވާފައެވެ.

އިޖުތިމާޢީ މައްސަލަތައް ހައްލުކުރުމުގައި ވަކި މީހަކު އިސްނަގަންދެން މަޑުނުކޮށް ކޮންމެ މީހަކުވެސް އެފަދަ މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރުމަށްވެސް ނައިބު ރައީސް ވަނީ ނަސޭހަތްތެރިވެ ވަޑައިގެންފައެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީ އާއި ގުޅިގެން ސުކޫލު ކުދިންނަށް މަސައްކަތް ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައް ހިންގައިދިނުމަށްވެސް މަސީގެ ފަރާތުން އެމަނިކުފާނު ވަނީ އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން، ކޮންސްޓްރަކްޝަން ދާއިރާއިން ހުރި ފުރުޞަތުތަކުގެ މަޢުލޫމާތު ޒުވާނުންނަށް ދެއްވުމަށާއި، ޒުވާނުން އެދާއިރާއަށް އަހުލުވެރިކުރުވަން ޚާއްޞަ މަސައްކަތްތަކެއް ކުރެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް