އޯޓިޒަމާ ގުޅޭ ސަޕޯޓް ގްރޫޕްތަކުގެ މައުލޫމާތު ބެލެނިވެރިންގެ މެދުގައި ހިއްސާކުރުމަކީ ވަރަށް މުހިއްމު ކަމެއް: ފަސްޓްލޭޑީ

އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑަރާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތާއި ހޯދުންތައް ބެލެނިވެރިންގެ މެދުގައި ޙިއްޞާކޮށް އެކަކު އަނެކަކަށް ހިތްވަރުދޭ ސަޕޯޓް ގްރޫޕުތައް ހަރަކާތްތެރި ވުމަކީ ވަރަށް ބޭނުންތެރި ކަމެ...

02 Apr 2019 | 07:23

އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑަރާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތާއި ހޯދުންތައް ބެލެނިވެރިންގެ މެދުގައި ޙިއްޞާކޮށް އެކަކު އަނެކަކަށް ހިތްވަރުދޭ ސަޕޯޓް ގްރޫޕުތައް ހަރަކާތްތެރި ވުމަކީ ވަރަށް ބޭނުންތެރި ކަމެއްކަމަށް ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިކަމަށް އިލްތިމާސްކުރެއްވީ މިއަދު ހެނދުނު އޯޓިޒަމް ދުވަސް ފާހަގަކުރުމުގެ ގޮތުން އޯޓިޒަމް ސެންޓަރުގައި ބޭއްވެވި ޢާއިލީ ނާސްތާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިފަދަ ގްރޫޕްތަކުގެ ބޭނުން އެންމެ އެދެވޭގޮތުގައި ހިފުމަށް އިލްތިމާސްކުރައްވަމުން ފަސްޓްލޭޑީ އިތުރަށް ވިދާޅުވީ، އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑަރ ހުންނަ ފަރާތްތަކަށް ދިމާވާ ތަފާތު ކަންތައްތައް ޙައްލުކުރުމަށާއި، އެކަމުގެ މަޢުލޫމާތު އޮޅުންފިލުވުމަށް އެންމެ ފަސޭހަވާނީ އެފަދަ އަނެއް ބެލެނިވެރިޔާގެ ގާތުން ކަމުގައެވެ. އެގޮތުން އެކި ފަރާތްތަކުގެ ފޯރުންތެރިކަމާއި ހާލަތު ހުންނަގޮތުން އެފަދަ ކޮންމެ މީހަކީ ރާއްޖެއިން ބޭރަށް ގޮސް ނުވަތަ ރާއްޖެއިން ވިއަސް، ފަރުވާ ހޯދާ މީހަކަށް ނުވެދާނެކަން ފާހަގަ ކުރައްވާފައެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން އެކަމަނާ ވިދާޅުވީ، އަސާސީ ޙައްޤުތައް ލިބިދިނުމުގައި އެއްވެސް ރައްޔިތެއްގެ މެދުގައި ތަފާފުކުރުމެއް އޮވެގެން ނުވާނެކަމަށް ޤާނޫނު އަސާސީގައި ބުނާ ކަމަށާއި، އެހެނިހެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކެކޭ އެއްފަދައިން އޯޓިޒަމް ހުންނަ ކުދިންނަށް ވެސް އެންމެ މުހިންމީ އެ ބަލީގެ އުނދަގޫތައް އިހުސާސްކުރަން ނުޖެހި، އިތުރު ވޭންތައް ތަހައްމަލުކުރަން ނުޖެހޭނެގޮތަކަށް މުޖުތަމަޢުގެ ކަންކަން ބައްޓަންވެފައި ހުރުން ކަމުގައެވެ.

އޯޓިޒަމް އެސޯސިއޭޝަން ފަދަ ޖަމުޢިއްޔާއެއްގައި ތިބޭނީ އެފަދަ ފަރާތްތަކަށް އަޅާލައި، ރަނގަޅުގޮތްތައް ހޯދައިދޭން ބޭނުންވާ މީހުންކަމަށް ޤަބޫލުފުޅުކުރައްވާ ކަމުގައި ވެސް އެކަމަނާ ވަނީ ފާހަގަ ކުރައްވާފައެވެ.

މި ޙަފުލާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ އޯޓިޒަމް ސެންޓަރުގެ ވެބްސައިޓް އިފްތިތާޙްކޮށްދެއްވައި، 100 ކުޑަކުދިން ބައިވެރިކޮށްގެން އެފަރާތުން ކުރިއަށްގެންދާ "ޗައިލްޑް ޑިވެލޮޕްމަންޓް ސްކްރީނިންގ" ޕްރޮގްރާމް އިފްތިތާޙް ކޮށްދެއްވައިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް