ބީއެމްއެލް ވައު ކިޑްސް ރަން މިއަހަރުވެސް ބާއްވަނީ

ބެންކް އޮފް މޯލްޑިވްސް އާއި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގުޅިގެން ބާއްވާ "ބީއެމްއެލް ވާއު ކިޑްސް ރަން" މިއަހަރުވެސް ބާއްވަން ހަމަޖައްސައިފިއެވެ. މި ރަން އޮންނާނީ 27 އެޕްރިލް ވަނަ ދުވަހު ހުޅުމާލޭގ...

02 Apr 2019 | 06:25

ބެންކް އޮފް މޯލްޑިވްސް އާއި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގުޅިގެން ބާއްވާ "ބީއެމްއެލް ވާއު ކިޑްސް ރަން" މިއަހަރުވެސް ބާއްވަން ހަމަޖައްސައިފިއެވެ. މި ރަން އޮންނާނީ 27 އެޕްރިލް ވަނަ ދުވަހު ހުޅުމާލޭގައެވެ.

2016 ވަނަ އަހަރުންފެށިގެން ކުރިޔަށް ގެންދާ މި ދުވުމުގައި، އެހެން އަހަރުތަކާއި ހިލާފަށް އިތުރު އުމުރުފުރާ އަކަށް ފުރުސަތު ހުޅުވާލައިފައި ވާކަމަށް ބީއެމްއެލް އިން މައުލޫމާތު ދެއެވެ. މި ދުވުމުގައި ބައިވެރިވެވޭނީ 4 އަހަރާއި 6 އަހަރާއި ދެމެދު، 6 އަހަރާއި 8 އަހަރާއި ދެމެދު، 8 އަހަރާއި 10 އަހަރާއި ދެމެދުގެ އުމުރުފުރާގެ އިތުރުން، 10 އަހަރާއި 13 އަހަރުގެ އުމުރުފުރާއަށް ކަމަށްވެސް ބީއެމްއެލް އިން ބުންޏެވެ.

މި އަހަރުގެ ދުވުމުގައި 1000 ކުދިންނަށް ބައިވެރިވެވޭނެއެވެ.

މި ދުވުމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރާ ކުދިންނަށް ބީއެމްއެލް އަދި އާކް އާއި ގުޅިގެން، ހަނގާކުރުން ހުއްޓުވުމަށް މުޖުތަމައު އިތުރަށް ހޭލުންތެރިކުރުމަށް ގައުމީ ފެންވަރުގައި ހިންގަންފަށާ "ބީޓް ބުލީންގ" ޕްރޮގްރާމަށް ފަންޑް ރައިޒްކުރުމަށް ފުރުސަތުވެސް ހުޅުވާލެވޭނެކަމަށް ބީއެމްއެލް އިން ބުންޏެވެ.

ބީއެމްއެލް އޮފިޝަލެއް ވިދާޅުވީ، ވާއު ކިޑްސް ރަން އަކީ ކޮންމެ އަހަރަކުވެސް ވަރަށް ހިތްގައިމު އުފާވެރި މާހައުލެއްގައި ކުދިންނާއި ބެލެނިވެރިން ބައިވެރިވާ ވަރަށް ހާއްސަ ހަރަކާތެއް ކަމަށާއި، މި ދުވުން ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ހަރަކާތްތެރިވެ އުޅުމުގެ މުހިންމުކަން ބުނެދީ، ކުދިންނާއި ބެލެނިވެރިން މިކަމަށް އަހުލުވެރިކުރުވުން ކަމަށެވެ. އަދި މި ދުވުމާއެކު ބީއެމްއެލް އާއި އާކް ގުޅިގެން ހަނގާކުރުން ހުއްޓުވުމަށްޓަކައި މުޖުތަމައު ހޭލުންތެރިކުރުވުމަށް ހިންގާ 'ބީޓް ބުލީންގ' ޕްރޮގްރާމަށް ފައިސާ ހަދިޔާކުރުމަށް އޮންލައިން ޕޯރޓަލްއެއްވެސް ގާއިމްކުރެވިފައިވާނެ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

މިއީ ބީއެމްއެލް ވާއު ކިޑްސް ބާއްވާ ހަތަރު ވަނަ އަހަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް