ބުރުސޫރަ - ނުވަވަނަ ބައި

ކުރީގެ އަދަދާ ގުޅޭ... އޭގެ ފަހުން ހަފްތާއެއް ވޭތުވެއްޖެއެވެ. މި ވޭތުވެދިޔަ ހަފްތާ ތެރޭގައި ވަރަށް ގިނަ ކަންކަން ބަދަލުވަމުން އަންނަކަން ޒިއަންއަށް ފާހަގަވަމުން ދިޔައެވެ. އީމާން ގެ ދުރުކަމެވެ. ކުލާސް ގ...

02 Apr 2019 | 05:57

ކުރީގެ އަދަދާ ގުޅޭ...

އޭގެ ފަހުން ހަފްތާއެއް ވޭތުވެއްޖެއެވެ. މި ވޭތުވެދިޔަ ހަފްތާ ތެރޭގައި ވަރަށް ގިނަ ކަންކަން ބަދަލުވަމުން އަންނަކަން ޒިއަންއަށް ފާހަގަވަމުން ދިޔައެވެ. އީމާން ގެ ދުރުކަމެވެ. ކުލާސް ގަޑި ނޫން އެހެން ގަޑިއަކު އީމާން އަކާ ދިމަލެއް ނުވެއެވެ. ދިމާވާ ވަގުތުކޮޅުވެސް އީމާން ބަލަނީ ޒިއަންއާ ވީހާވެސް ދުރުން އުޅެވޭތޯއެވެ. އަނެއްކޮޅުން މަންހާ ހުންނަނީ އަބަދުވެސް ޒިއަންގެ ގައިގައި ތަތްވެފައެވެ. މިހާރު މުޅި ކުލާހުގައި ޒިއަން އާއި މަންހާގެ ކައިވެނީގެ ވާހަކަ އޮތީ ފެތުރިފައެވެ. އެވާހަކަ ދެއްކީ މަންހާ އެވެ. އެކަމާ ޒިއަން ހުންނަނީ ވަރަށް ރުޅި އައިސްފައެވެ. ގޭތެރޭގައި މަންމައާއި ބައްޕަ އަދިވެސް ދައްކަނީ މަންހާއާއި ޒިއަންގެ ކައިވެނީގެ ވާހަކައެވެ. ޒިއަން ހުރީ ޝަކުވާއިން ފުރިފައެވެ. ޒާހިދާވެސް ބަލަނީ ޒިއަން އާއި އެކަހެރިކޮށް ދިމާ ނުކުރެވޭތޯއެވެ. މި ވަމުން އަންނަ ގޮތެއް ޒިއަން އަކަށް ނުވިސްނުނެވެ.

****

ސިއްސައިގެން ގޮސް ރާނީ އަށް ހޭލެވުނީ ބިރުވެރި ހުވަފެނެއް ފެނުމުންނެވެ. ދެލޯ ބޮޑުކޮށްލުމަށްފަހު ނިތްކުރީގައި ފިރުމައިލިއެވެ. އޭރު ބޮޑެތި ދާ ތިކިތަކުން މުޅި މޫނު ވަނީ ފުރިފައެވެ. ރާނީ ފުން ނޭވާއެއް ލިއެވެ. ރާނީ އަށް ހުވެފެނުން ފެނުނީ ޒިއަން ކައިވެނި ކުރަނިކޮށެވެ. އެކަމަކު ރާނީ އަކާ ނޫނެވެ. ރާނީއަށް ވުރެ މާ ރީތި ކުއްޖަކާއެވެ. ދެން ފެނުނީ ރާނީ އެ ކައިވެނި ކުރާ ތަނުގައި ހުއްޓައެވެ. އެންމެން އޭނާގެ ސިފައަށް މަލާމާތްކުރާ ތަނެވެ. ރާނީ ހުރީ ރޮވިފައެވެ. އެންމެން އެވަރަށް މަލާމާތްކުރި އިރު ޒިއަން އެއްވެސް އެއްޗެއް ނުބުނެ ހުރީ ބަލަހައްޓައިގެންނެވެ. އެހިސާބުން ހޭލެވުނީއެވެ.

ރާނީ ހިންދިރުވައިލިއެވެ. އަދި އަތުން މޫނުމަތީ ވިދަމުން ދިޔަ ދާ ތިކިތައް ފުހެލިއެވެ. ރާނިއަށް ރޮވިއްޖެއެވެ. އެނދުން ތެދުވެގެން ގޮސް ބޮކި ދިއްލުމަށްފަހު ލޯގަނޑުން އޭނާގެ ސޫރަ ބަލައިލިއެވެ. އިސްތަށިގަނޑުގައި ހުޅިއެއް ޖެހުމަށްފަހު ވަރަށް ފުންކޮށް އޭނާގެ މޫނަށް ބަލައިލިއެވެ. ރާނީއަށް އަޑުން އަޑު ނަގާފައި ރޮވެން ފެށުނެވެ. ޒިއަންއަށް ރާނީ އަކީ އަދި އެންމެ އެކަށޭނަ މީހެއް ނޫނޭ ހިތް ބުނަމުން ދިޔައެވެ. ޒިއަން އަކީ މާލޭ މީހެކެވެ. ރީތި ޒުވާނެކެވެ. ހަމަ ޔަގީނުންވެސް ކިތަންމެ އަންހެން ކުއްޖެއް އެ ރީތި ކަމަށް ފިދާވާނެއެވެ. ދެން ޒިއަން އޭނާ ދެކެ ލޯބިވާންވީ ކީއްވެގެން ހެއްޔެވެ. މިހާރު ރާނީއަށް ވެސް އެވަނީ އިންތިހާޔަށް ޒިއަން ދެކެ ލޯބި ވެވިފައެވެ. މި ގުޅުމަށް ހުރަސް އަޅާ ހަމައެކަނި ސަބަބަކީ އޭނާގެ މޫނުނެވެ. އެ ބުރުސޫރައެވެ. މިކަމާ ރާނީ ނުވިސްނާ އެންމެ ވަގުތެއްވެސް ނުދެއެވެ. ޒިއަންއާއި ވާހަކަ ދައްކާ ގިނަ ވަގުތުތަކުގައިވެސް ދެއްކެނީ ހަމަ އެވާހަކައެވެ. ނަމަވެސް ޒިއަން އަބަދުވެސް ބުނަނީ ރާނީހާ ރީތި ކުއްޖެއް ނުދެކޭ ކަމުގައެވެ. ނަމަވެސް މިއަދާ ޖެހެންދެންވެސް ރާނީއަކަށް އެކަމެއް ގަބޫލެއް ނުކުރެވެއެވެ. އޭނާ އަމިއްލައަށްވެސް ތިމަންނައަކީ ޖިންނިއެއް ކަމަށް ގަބޫލުކުރެއެވެ.

ދެން ރާނީއަށް ވިސްނެމުން ދިޔައީ މިރޭ ފެނުން ހުވަފެނާއި ދޭތެރޭގައެވެ. ހަގީގަތުގައިވެސް ޒިއަން އެހެން މީހަކާ ކައިވެނި ކުރަނީ ހެއްޔެވެ. ކުއްލިއަކަށް އެކަހަލަ ހުވަފެނެއް ފެންނާންވީ ކީއްވެގެން ހެއްޔެވެ. ރާނީ ސިއްސައިގެން ދިޔައީ ފަތިސް ނަމާދަށް ބަންގި ގޮވާ އަޑަށެވެ. ދެން ރާނީ އަވަސްވެގަތީ ނަމާދު ކުރާށެވެ. ފަތިސް ނަމާދުކޮށްގެން ރާނީ ނިކުތީ އާދައިގެ މަތިން އޭނާގެ ބަގީޗާގެ ހާލު ބަލައިލާށެވެ. އެ ގަސްތަކުގެ ތެރޭގައި ހޭދަވާ ކޮންމެ ވަގުތަކީ ރާނީއަށް އެންމެ ހިތްހަމަ ޖެހުން ލިބޭ ވަގުތެވެ. އެ މާ ބަގީޗާއަކީ މިހާރު ރާނީގެ ދިރިއުޅުމުގެ އެއްބައެވެ.

****

އީމާންއަށް ހޭލެވުނީ ހީކަރުވައިގަނެގެންނެވެ. ކުޑަކޮށް ލޯ ހުޅުވައިލުމަށްފަހު ފޯނު ނަގައި ގަޑި ބަލައިލިއިރު ގަޑިން މެންދުރު 12 ޖަހަނީއެވެ. އެހާ ގިނައިރު އޭނާއަށް ނިދުނީ ކީއްވެގެން ހެއްޔެވެ. މިއަދަކީ ބަންދު ދުވަހެއްވެސް ނޫނެވެ. އޮފީހަށް ދާކަށްވެސް ނުހޭލެވުނެވެ. މީހަކު ނުގޮވަނީ ހެއްޔެވެ. އެނދުން ތެދުވެގެން ގޮސް ކުޑަދޮރު ހުޅުވައިލިއިރު ބޯކޮށް ވާރޭ ވެހެނީއެވެ. ވެހެމުން ދިޔަ ވާރޭ ތިކިތައް އައިސް އީމާންގެ މޫނުގައި ބޮސްދެމުން ދިޔައެވެ. އީމާންއަށް ލޯ މަރައިލެވުނެވެ. އޭނާއަށް ފެންނަމުން ދިޔައީ މަންހާގެ ސޫރައެވެ. އެ ބޮޑު ދެލޮލާއި ދޮން ކޯތާފަތެވެ. އެ މަޑު ފިޔާތޮށި ކުލައިގެ ތުނި ތުންފަތެވެ.

މަންހާއާއި ދިމާވީ ޖަމާލުއްދީން ސުކޫލުގައި ކިޔަވަން އުޅުން އިރުއެވެ. އެންމެ ފުރަތަމަ ދިމާވި ދުވަސް އަދިވެސް ހަނދާން އެބަހުއްޓެވެ. ވިއްސާރަ ދުވަހަކު ޔުނީފޯމުގެ އެއްބައި ތެތްމައިގެން މަންހާ ކުލާހަށް އައީ ގަޑި ޖެހިގެންނެވެ. އައިސް ވަތް ގޮތަށް ދޮރުމައްޗަށް ވެއްޓުނީ ގޮނޑިއެއްގައި ފެއްސިފައެވެ. އެދުވަހުގެ އެ ހާދިސާ އީމާން ދުވަހަކުވެސް ހަނދާން ނުނެތޭނެއެވެ. އެދުވަހު މަންހާ ތެދުވަން އެހީގެ އަތް ދިއްކުރީ އީމާންއެވެ. އެހެން އެންމެން މަލާމާތް ކޮށްފައި ހުނީއެވެ. އެދުވަހުން ފެށިގެން މަންހާ ވެގެން ދިޔައީ އީމާން އަށް ވަރަށް ޚާއްސަ ކުއްޖަކަށެވެ. މަންހާވެސް ދެކެމުން ދިޔައީ އީމާން އަކީ އޭނާގެ އެންމެ ގާތް އެކުވެރިޔާ ކަމަށެވެ.

އީމާންގެ ހިތުގައި މަންހާ އަށްޓަކައި ލޯބި އުފެދިފައިވާކަން އިނގުނީ މަންހާއާއި ޒިއަން ދިމާވި ހިސާބުންނެވެ. މާ ކުރިންވެސް ޒިއަން އާއި އީމާން އަކީ އެކުވެރިންނެވެ. ކޮލެޖާ ހިސާބުން އެންމެންވެސް ބޭނުންވީ އެކައްޗެއް ކިޔަވާށެވެ. އެއް ކުލާހަކުން ދިމާވުމުން މަންހާއާއި ޒިއަންގެ އެކުވެރިކަންވެސް ދިޔައީ ބަދަހިވަމުންނެވެ. ނަމަވެސް އޭރުވެސް އީމާންގެ ހިތުގައި ކޮށްޓަމުން ދިޔައީ އެ އެކުވެރިކަން އޭނާގެ ހިތައް ތަދުކުރާކަމެވެ. އީމާންގެ ހިތުގައި މަންހާއަށްޓަކައި ލޯބި ވާކަން އިހުސާސްވީ މަންހާ ޒިއަން ދެކެ ލޯބިވާ ވާހަކަ ބުނި ދުވަހުއެވެ. އެ ދުވަހު ދެރަވި ވަރަށް ދުވަހަކުވެސް ދެރައެއް ނުވެއެވެ. ނަމަވެސް އެކަން ފޮރުވީ ދެފަރާތުގައިވެސް ތިބީ އޭނާގެ ވަރަށް ގާތް ދެމީހުންނަށް ވީމައެވެ. އޭގެ ފަހުން މިއަދާ ޖެހެންދެންވެސް އީމާން އެހުރީ ދެމީހުންގެ މެދުގައި ފިތިފައެވެ. މަންހާގެ އެދުމަކު ކޮޅުފައިން ޖަހާކަށް އީމާންއަކަށް ނުކެރޭނެއެވެ. އެ ގުޅުމުގެ ވާފަށް ނުކެނޑި ހިފެހެއްޓޭތޯ އީމާން ވަރަށް މަސައްކަތް ކޮށްދިނެވެ. މަންހާގެ އުފަލަށްޓަކައެވެ. ނަމަވެސް މިއަދު މިވަނީ ހަތަރު އުދަރެސް ފެނުޖެހިފައެވެ. އެދެމީހުން އެ އުޅެނީ ކައިވެނި ކުރާށެވެ. ދެން ހަދާނީ ކިހިނެއް ހެއްޔެވެ. ކުރިން ހުރި ގޮތަށް ހަނު ހުންނާންވީ ހެއްޔެވެ.

ރާނީ އާއި ޒިއަންގެ ގުޅުމުގެ ވާހަކަ އިވުމުން އެންމެ ފުރަތަމަ އީމާން ވަރަށް އުފާވިއެވެ. ނަމަވެސް ދެން ކަންތައް ވާނެ ގޮތް ވެސް އިނގޭތީ އީމާން އެ ގުޅުމަށް ހުރަސް އެޅޭތޯ ވަރަށް މަސައްކަތްކުރިއެވެ. އެކަން މަންހާއަށް އިނގިއްޖެނަމަ ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެއެވެ. މަންހާ މިހާރު އެވަނީ ޒިއަންދެކެ މޮޔަ ވެފައެވެ. އީމާން އެވަނީ މިހާރު ގޮތް ހުސްވެފައެވެ.

ހިޔާލަކަށް ގެއްލިފައި ހުރި އީމާން ސިއްސައިގެން ދިޔައީ ފޯނު ރިންގްވާ އަޑަށެވެ. އޭރު ވެހެމުން ދިޔަ ވާރެ ތުނިކޮށްލައިފިއެވެ. އީމާން ފޯނަށް ބަލައިލިއިރު ގުޅަނީ ޒިއަންއެވެ. އީމާން ފޯނު ސައިލެންޓަށް ލުމަށްފަހު ވަނީ ފާހާނާއަށެވެ.

ޒިއަންއާއި މާޒިން ތިބީ ސިޓްރޯންގައި ކޮފީއެއް ބޯށެވެ. ޒިއަން އޭރުވެސް އީމާންއަށް ގުޅޭތޯ މަސައްކަތްކުރަމުން ދިޔައެވެ.

"އޮފީހުގަ ބިޒީ ގަޑިއެއް ކަންނޭންގެ" މާޒިން ބުނެލިއެވެ. ޒިއަންވެސް އެކަމާ ބޯ ޖަހައިލިއެވެ. އިރުކޮޅަކު ވާހަކަ ދައްކަން ތިއްބައި މާޒިންގެ ފޯނަށް އީމާން ގުޅަން ފެށިއެވެ.

"މަށަށް ނުގުޅާ ކަލެޔަށް ދޯ އެގުޅީ" ޒިއަން ކުޑަކޮށް ރުޅި އަންނަ ގޮތްވިއެވެ. މާޒިން ފޯނު ނެގުމަށްފަހު އެތަނަށް އައުމަށް ބުންޏެވެ.

"މި އަންނަނީ އޯ... ވަރަށް ފާޑަކަށް ހުރީ" މާޒިން ބުނެލިއެވެ. ޒިއަން އިނީ އީމާން ހަމަ ފެންނައިރަށް އެއްޗެހި ކިޔަން ތައްޔާރަށެވެ. އީމާން މިހާރު އުޅޭ ގޮތުން ޒިއަންއަށް ހުންނަނީ ވަރަށް އުދަގޫވެފައެވެ. ރައްޓެހިންގެ އެހީ އެންމެ ބޭނުންވި ދުވަހު އެމީހުން އެ އުޅެނީ އޭނާއާއި ދުރުދުރުންނެވެ. ޒިއަން މިހާރު އެހުރީ ހަދާނެ ގޮތް ހުސްވެފައެވެ.

އޭގެ ފަނަރަ މިނިޓް ފަހުން އީމާން އައިސް އެމީހުން ކައިރީގައި އިށީނެވެ.

"މަ ގުޅީމަ ފޯނު ނަގަނީއެއް ނޫން... ފެނުނީމަ ވާހަކަ ދައްކަނީ އެއްނޫން... ކޮބާ އީމާންގެ މައްސަލައަކީ؟ ބުނީމަ ދޯ އިނގޭނީ ކަމެއް ވިޔަސް..." އީމާން ހަމަ އިށީނުމާއި އެކީ ޒިއަން ފެށިއެވެ. އީމާން އިސްޖަހައިލިއެވެ. ޒިއަންއާއި މާޒިންގެ ނަޒަރު ވަނީ އީމާން އަށް ހުއްޓިފައެވެ. ދެމީހުންވެސް އިންތިޒާރުކުރަމުން ދިޔައީ އީމާން ދޭނެ ޖަވާބަކަށެވެ.

"ކަލޭ ވެސް މީހަކާ އިންނަން އުޅޭ ވާހަކައެއް އަހަރެމެން ކައިރިއަކު ނުބުނޭ" އެންމެފަހުން ޒިއަންގެ މޫނަށް ބަލައިލުމަށްފަހު އީމާން ބުނެލިއެވެ. އީމާން އެހެން ބުނުމުން އެންމެ ހައިރާންވީ މާޒިންއެވެ.

"ކައެ އެ ޖިންނިއާ އިންނަނީތަ؟ ހުވާ؟" އަނގަ ވަށްކޮށްލަމުން މާޒިން ބުނެލިއެވެ. ޒިއަން މާޒިންއަށް ލޯ އަޅައިލިއެވެ. އަދި މާޒިންގެ ބޮލުގައި އަތުން ޖަހައިލިއެވެ. މާޒިން ތޫލި އަޑެއް ލައްވައިލިއެވެ.

"މިއޮތީ މަ ބުނިތަން އައިސްފަ... މަންހާއާ އިންނަނީ... އޭރުވެސް ބުނިން ރާނީއަށް ދެރައެކޭ ތި ދެވެނީ" އީމާން ބުނެލިއެވެ.

"އޭ މަށެއް ނޫނޭ... މަށަށް ނުވެސް އެނގި ބައްޕަ އެކަން ނިންމީ މަންހާގެ ބައްޕައާ ވާހަކަ ދައްކައިގެން... މަ ނީންނާނަން މަންހާ އަކާ... ހެލްޕް މީ ގައިސް" ޒިއަން ދެއަތުން ބޮލުގައި ހިފަހައްޓައިލިއެވެ. އީމާން އިނީ ވިސްނުމަކަށް ގެއްލިފައެވެ. އިރުކޮޅަކު އެހެން އިނުމަށްފަހު އީމާން ދިން ހިޔާލު އެންމެންނަށްވެސް ވަރަށް ކަމުދިޔައެވެ. ނަމަވެސް އޭގެ ސަބަބުން ނަތީޖާ ނިކުންނާނެ ގޮތެއް އެކަކަށްވެސް ނޭންގެއެވެ. އީމާންގެ އެ ހިޔާލުގެ ސަބަބުން ދެމީހުންނަށްވެސް ފައިދާ ބޮޑެވެ. އެވަގުތު އީމާންގެ ހިތް އުފަލުން ނަށައިލިއެވެ.

****

ޒިއަން އިނީ ކޮޓަރީގައި އެސައިންމެންޓެއް ހަދާށެވެ. މިހެން އިންދައި ކޮޓަރިއަށް ވަނީ ޝާހިދުއެވެ. ޒިއަން ތެދުވަން އުޅުމުން އެކަން ޝާހިދުގެ އަތުން މަނާ ކޮށްލިއެވެ. ޝާހިދު އައިސް ޒިއަން މަސައްކަތް ކުރަން އިން މޭޒުގައި އަތް އަޅުވައިލުމަށްފަހު ޒިއަން އަށް ގޮވައިލިއެވެ.

"ދަރިފުޅު މިހާރު ތާރީހެއް ކަނޑައެޅީތަ؟" ބައްޕަގެ މި ސުވާލުން ޒިއަންގެ މޭ ކަރައިގަތެވެ. ބައްޕަ ކައިރީގައި މަންމަ ރާނީގެ ވާހަކަ ނުދައްކާކަން މިހާރު ކަށަވަރުވެއްޖެއެވެ. ޝާހިދު ބަލަން ހުރުމުން ޒިއަން ބޯ ހޫރައިލިއެވެ. ޝާހިދު ހީލިއެވެ.

"އަދި ރަގަޅު ވާނެ ދެމަހެއްވަރު ފަހުން... ބައްޕަ މިދަނީ ލަންކާއަށް ގޮސްލަން ކޮންފަރެންސް އަކަށް... ބައްޕަ އައީމަ އެކަން ކުރާނީ ދޯ..." ޒިއަންގެ ކޮނޑުގައި ޖަހައިލަމުން ޝާހިދު ބުނެލިއެވެ. ޒިއަން ހީލިއެވެ. ޝާހިދު ނިކުމެގެން ދިއުމުން ޒިއަން ފުންމައިގެން ތެދުވެ ކުޑަކޮށް ނަށައިލިއެވެ. އަދި އީމާން އާއި މާޒިންއަށް ގުޅުމަށްފަހު އެހަބަރު އެމީހުންނަށް ދިނެވެ.

އެރޭ ޒިއަން ކާން އިންދައި ޒާހިދާ ކާކޮޓަރިއަށް ވަނެވެ. ޒިއަން މަންމައަށް ގޮވައިލިއެވެ.

"ދަރިފުޅު އެއްޗެއް ބޭނުންވީތަ؟" ޒާހިދާ އަހައިލިއެވެ. ޒިއަން ބޯ ހޫރައިލުމުން ޒާހިދާ ދާން އުޅުނެވެ.

"މަންމަ އަދިވެސް ބައްޕަ ކައިރީ އެވާހަކަ ނުދައްކަން ދޯ؟" ޒާހިދާ ހުއްޓުން އެރިއެވެ. އޭނާގެ މޫނުމަތިން ހާސްކަމެއް ފެންނަން ހުއްޓެވެ. ޒިއަން އިނީ މަންމަގެ ހަރަކާތްތަކަށް ބަލާށެވެ.

"މަންމާ ކީއްވެގެން؟ މަންމައަށް ރާނީ ކަމުނުދަނީތަ؟" ޒިއަން އަނެއްކާވެސް އަހައިލިއެވެ. ޒާހިދާ ފަސްއެނބުރި ޒިއަންގެ މޫނަށް ބަލައިލިއެވެ. މަންމަގެ އެބެލުމުގައި ތަފާތުކަމެއް ހުރިކަން ޒިއަންއަށް ފާހަގަކުރެވުނެވެ.

"ނޫން ޒިއަން... މަންމައަށް ކަމުދޭ... ދަރިފުޅު ގޯސް ކަމެއް ނުކުރާނެކަން މަންމައަށް އިނގޭ... އެކަމަކު..." ޒާހިދާ ބުނަން އުޅުން ޖުމްލަ ކަރުގައި ތާށިވި ކަހަލައެވެ.

"އެކަމަކު ކިހިނެއްވީ؟" ޒިއަން ކާންއިން ސަމުސާ ތަށިތެރެއަށް ދޫކޮށްލުމަށްފަހު ގޮނޑިން ތެދުވިއެވެ.

"ކިހިނެއްތަ ބުނާނީވެސް... ދަރިފުޅާ މިތާ އިށީންދެބަލަ" ކައިރީހުރި ގޮނޑި ދައްކަމުން ޒާހިދާ ބުނެލިއެވެ. ބަސްއަހައިގެން މަންމަ ދައްކާ ވާހަކަ އަޑު އަހަން ޒިއަން ގޮނޑީގައި އިށީނެވެ. ޒާހިދާވެސް ޒިއަން ކައިރީގައި އިށީނެވެ.

"މިގޭގަ ކުރިންވެސް އޮތީ ކައިވެންޏެއްގެ މައްސަލަ ޖެހިފަ... ކުޑޫ އަކާ ބައްޕަ ވާހަކައެއް ނުދައްކަ... ބައްޕަ އަކީ މީހުން ދަންނަ ނުލާހިކު ސިޔާސީ މީހެއް... ކުރީފަހަރު މުޅި ފޭސްބުކްގަޔާ ޓްވިޓާގަ ބައްޕައާ ދެކޮޅު މީހުން ހުރި ކުޑޫ އެ ކައިވެނި ކުރީމަ މަލާމާތްވެސް ކޮށްފަ... މަންމަ އަށް މައްސަލައެއް ނެތޭ މަންހާއާ ކައިވެނި ނުކުރިޔަސް.... އެވާހަކަ ބުނާކަށް މަންމަ ފަހެއް ނުޖެހޭނަން... އެކަމަކު ދެއްކި ފޮޓޯގަ އިން ކުއްޖާއާ ބައްޕަ ނުރުހިދާނެ...." ޒިއަން ލޯ ބޮޑުކޮށްލުމަށްފަހު އެއްޗެއް ބުނަން އުޅުން ވަގުތު ޒާހިދާ އޭނާގެ އަތައް ފިތައިލިއެވެ.

"ދަރިފުޅާ ބައްޕަ ލަދުގަންނަން ޖެހިދާނެ" ޒާހިދާ ބުނެލިއެވެ. ޒިއަން އިނީ ހައިރާންކަންމަތީ މަންމަގެ މޫނަށް ބަލާށެވެ. ޒާހިދާ އިސްޖަހައިލިއެވެ.

"އައި ކާންޓް ބިލީވް ދިސް" ޒާހިދާގެ އަތުން އަތް ދަމައިގަންނަމުން ޒިއަން ބާރުބާރަށް ކާކޮޓަރިން ނިކުމެގެން ހިނގައްޖެއެވެ.

(ނުނިމޭ)

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް