އިންޓަ އިން އިކާޑީ ދޫކޮށްލަން ތައްޔާރު. ބަދަލުގައި ބޭނުންވަނީ ބެންޒެމާ

އިޓަލީގެ އިންޓަ މިލާންއަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ޒުވާން ފޯވާޑް މައުރޯ އިކާޑީ ހޯދުމަށް ސްޕެއިންގެ ރެއާލް މެޑްރިޑުން މަސައްކަތް ކުރާއިރު، އިންޓައިން އޮތީ އިކާޑީ ދޫކޮށްލަން ތައްޔާރަށް ކަމަށް ރި...

02 Apr 2019 | 03:36

އިޓަލީގެ އިންޓަ މިލާންއަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ޒުވާން ފޯވާޑް މައުރޯ އިކާޑީ ހޯދުމަށް ސްޕެއިންގެ ރެއާލް މެޑްރިޑުން މަސައްކަތް ކުރާއިރު، އިންޓައިން އޮތީ އިކާޑީ ދޫކޮށްލަން ތައްޔާރަށް ކަމަށް ރިޕޯޓްތައް ބުނެފިއެވެ. އެހެނަސް، އިކާޑީ ދޫކޮށްލާނީ އެ ޑީލްގެ ދަށުން ބަދަލުގައި ބެންޒެމާ އިންޓަ މިލާންއަށް ދިނުމަށް ރެއާލްއިން އެއްބަސްވާނަމަ ކަމަށް ތުންތުންމަތިން ދެކެވޭ ޓްރާންސްފާގެ ވާހަކަތައް ބުނެއެވެ.

ޑޮން ބަލޮން އިން މިގޮތަށް ހާމަކޮށްފައިވާއިރު، މި ސީޒަންގެ ކުރީކޮޅުގައި ރެއާލްގެ އެއް ނަންބަރު ފޯވާޑް ބެންޒެމާއަށް އެންމެ އެކަށީގެންވާ ކުޅުމެއް ނުދެއްކުމުން ރެއާލްއިން އޭނާ ވިއްކާލާނެކަމުގެ އަޑުތައް ގަދަވިއެވެ. އެހެނަސް، ފަހަކަށް އަހިސް ބެންޒެމާގެ ކުޅުން ރަނގަޅުވެފައިވާއިރު، ޒިދާން ކޯޗުކަމާ ހަވާލުވުމުން ބެންޒެމާގެ ފަރާތުން އިތުރަށް ތަފާތު ފެންނާނެކަމަށް ބެލެވެއެވެ.

އެހެނަސް، މި ސީޒަން ހުސްއަތާ ނިންމާލަން ޖެހިފައިވާ ރެއާލްގެ ޓީމަށް ބަދަލުތަކެއް ގެންނާނެކަމަށް ކޯޗު ޒިދާން ވެސް އިޝާރާތެއް ދީފައިވާއިރު، ރެއާލް އިން އެންމެ ބޮޑަށް ފާރަލާނީ ފޯވާޑަކާއި މިޑްފީލްޑަރެއް ހޯދުމަށް ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ. މިގޮތަށް ރެއާލްއިން ފާރަލަމުން އަންނަ ފޯވާޑުންގެ ތެރޭގައި އިކާޑީ ވެސް ހިމެނެއެވެ. އަނެއްކޮޅުން، އިންޓައިން އިކާޑީގެ ކޮންޓްރެކްޓް އާކުރަން ދިގު މުއްދަތެއް ވާންދެން ދެއްކި ވާހަކަތަކުން ނަތީޖާއެއް ވަނީ ނުފެނިފައެވެ. އެހެންކަމުން އަންނަަ ސީޒަންގައި އިކާޑީ ރެއާލް އިން ފެނުމުގެ ފުރުސަތު ވެސް ބޮޑެވެ.

އެހެނަސް، އިންޓައިން އިކާޑީގެ ޓްރާންސްފާ ޑީލްއެއްގައި ބެންޒެމާ ހިމަނަން ބާރުއަޅާނަމަ، އެކަމަށް ރެއާލްއިން އެއްބަސް ވާނެކަމާމެދު ސުވާލު އުފެދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް