އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލަންޑަންގެ ގަދަ ދެ ބާރު ކަމަށްވާ ޗެލްސީ އާއި ޓޮޓެންހަމް ބައްދަލުކުރި މެޗުން 3-1 އިން ބަލިވެ، ޗެލްސީން ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމަށް ކުރަމުން އަންނަ މަސައްކަތަށް ވަރަށް ބޮޑަށް ހިޔަނި އެޅިއްޖެއެވެ.
ރޭގެ މެޗަށް ނުކުތްއިރު ވެސް ހަތަރު ވަނައިގައި އޮތް ޓޮޓެންހަމްއަށްވުރެ 5 ޕޮއިންޓް ފަހަތުން 5 ވަނައިގައި އޮތް ޗެލްސީ ރޭގެ މެޗުން ބަލިވުމާއެކު، މިހާރު ދެ ޓީމުގެ ދެމެދުގައި 8 ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. ޗެމްޕިއަންސް ލީގުގެ ކަށަވަރު ޖާގައެއް ލިބޭނީ ޕްރިމިއާ ލީގުގެ ގަދަ 4 ގައި ނިންމާލާ ޓީމުތަކަށެވެ.
1990 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ސްޓެމްފޯޑް ބްރިޖްގައި ޓޮޓެންހަމް އިން ޗެލްސީ ބަލިކުރިއިރު، ރޭގެ މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޗެލްސީ އިންނެވެ. ޓޮޓެންހަމްގެ ކީޕަރ ހޫގޯ ލޮރިސްއަށް ހެދުނު ހެދުނު ގޯހެއްގެ ފައިދާ ނަގައި ޗެލްސީއަށް ފުރަތަމަ ހާފުގައި ލަނޑު ޖަހައިދިނީ ސްޕެނިޝް ފޯވާޑް އަލްވާރޯ މޮރާޓާއެވެ. މިއީ 2018 ވަނަ އަހަރުގައި އޭނާ ޗެލްސީއަށް ކާމިޔާބު ކޮށްދިން ފުރަތަމަ ލަނޑެވެ.
ފުރަތަމަ ހާފު ޗެލްސީން ލީޑުގައި އޮވެ ނިންމާލަން ދަނިކޮށް ޓޮޓެންހަމްއަށް އެއްވަރު ކޮށްދިނީ އެރިކްސަން އެވެ. މިއީ ވަރަށް ދުރުން އެރިކްސަން ފޮނުވާލި ބާރު ހަމަލައެކެވެ.
މެޗުގެ 62 ވަނަ މިނިޓުގައި ޗެލްސީގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ޑެލޭ އަލީ ކާމިޔާބު ކޮށްދިން ލަނޑާއެކު ޓޮޓެންހަމްއިން ފަހަތުން އަރާ ޗެލްސީގެ މައްޗަށް ލީޑު ނެގިއެވެ. އޭގެ 5 ވަރަކަށް މިނިޓު ފަހުން އަނެއްކާ ވެސް ޑެލޭ އަލީ ކާމިޔާބުކޮށްދިން ލަނޑާއެކު ޓޮޓެންހަމްއަށް މޮޅު ޔަގީންވިއެވެ.
މި މޮޅާއެކު ޓޮޓެންހަމްއިން ގަދަ 4 ގައި ނިންމާލުމުގެ އުންމީދު ބޮޑު ކޮށްފައިވާއިރު، ލީގުގައި ބާކީ އޮތް 7 މެޗާއެކު ޗެލްސީއަށް އޮތީ އުނދަގޫ ހަނގުރާމައެކެވެ.
ރޭ ޕްރިމިއާ ލީގުގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، އާސެނަލްއިން ވަނީ 3-0 ގެ ނަތީޖާއިން ސްޓޯކް ސިޓީ ބަލިކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް