ބޭރުގެ ޖަމިއްޔާއެއް ކަމަށްވާ ފައުންޑޭޝަން ފޯ ސްމޯކް ފްރީ ވޯލްޑް (އެފްއެސްއެފްޑަބްލިއު) އިން ރާއްޖޭގައި ހިންގާ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވާން ހެލްތު މިނިސްޓްރީން އެދެފި އެވެ.
ހެލްތް މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އެފްއެސްއެފްޑަބްލިއު އިން ރާއްޖޭގެ އަމިއްލަ ބައެއް ފަރާތްތަކާއި ސަރަހައްދީ ބައެއް ޖަމާއަތްތަކާ ގުޅިގެން ދުންފަތް ކޮންޓްރޯލް ކުރުމުގެ ދިރާސާގެ ނަމުގަ އާއި ސީއެސްއާރު ހަރަކާތްތަކުގެ ނަމުގެ އިތުރުން ދުންފަތް ކޮންޓްރޯލް ކުރުމުގެ ނަމުގައި ބައެއް ހަރަކާތްތައް ހިންގަން ރާވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި ދުންފަތުގެ އެއް ބާވަތަށް ވުރެ އަނެއް ބާވަތް ރައްކާތެރި ކަމަށް ދައްކަން މަސައްކަތްކުރުމަކީ ހަގީގަތް އޮޅުވާލުން ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން އެ ބަޔާނުގައި ވަނީ ވޯލްޑް ހެލްތް އޮގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ކަނޑައަޅާފައިވާ މިންގަނޑުތަކާއި ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ އޮތް ގޮތުން ދުންފަތުގެ ސިނާއަތުގައި މަސައްކަތްކުރާ ޖަމިއްޔާއަކަށް ދުންފަތް ކޮންޓްރޯލް ކުރުމުގެ މަސައްކަތެއް ނުކުރެވޭނެ ކަމަށެވެ. އަދި އެފްއެސްއެފްޑަބްލިއު އަކީ އެ ސިނާއަތުގެ މާލީ އެހީގައި މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށާއި އެހެންވެ، އެފަދަ އެއްވެސް ހަރަކާތަކަށް އެއްބާރުލުން ނުދެވޭނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި، އެފްއެސްއެފްޑަބްލިއު އިން ހިންގާ ހަރަކާތްތަކާ މެދު ސަރުކާރުން ކަންބޮޑުވާ ކަމަށް ބުނެފައިވެ އެވެ. އެ ޖަމިއްޔާއާ ބައިވެރިވެގެން އެއްވެސް ހަރަކާތެއް ކުރިއަށް ނުގެންދިއުމަށާއި އެފަދަ ކަމެއްގެ މައުލޫމާތު ލިބިފައިވާ ނަމަ، އެކަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަށް ރިޕޯޓްކުރަން ބަޔާނުގައި އެދިފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް