“ފަސްމީރު މިވަރެއްނެތް” މިނަމުގައި ހާއްސައަގުތަކަކާއި ހާއްސަ އިނާމްތަކަކާއި އެކު ރޯދަމަހަށް ހާއްސަ ކޮށްގެން މިފްކޯ ރޯދަ ސޭލް ފަށައިފިއެވެ.
މާފަންނު ސްޓޭޑިއަމް ކައިރީ ހުންނަ މިފްކޯގެ މަސް ފިހާރައިގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޕްރޮމޯޝަން ފައްޓަވައިދެއްވީ އެ ކުންފުނީގެ ސީއީއޯ އިސްމާއިލް ފައުޒީ އެވެ.
އަންނަ މޭ މަހުގެ 32 އެއްގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި 100ރ.ގެ ވިޔަފާރި ކުރާ ކޮންމެ ފަރާތަކަށްވެސް ބައިވެރިވެވޭނެ ކޫޕަނެއް ލިބޭނެ އެވެ.
މި ޕްރޮމޯޝަންގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން، ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް ސައިކަލެއް ލިބޭނެ އެވެ.
މީގެ އިތުރުން ކޮންމެ ހަފްތާއެއްގެ ބުރާސްފަތި ދުވަހު، މިފްކޯގެ މަސް ފިހާރަތަކުން ވަކި ގުރުއަތެއް ނަގާނެ ކަމަށާއި، ކޮންމެ ހަފްތާއަކު ހޮވޭ ނަސީބުވެރި ތިން ފަރާތަކަށް އެކިއެކި އިނާމު ލިބޭނެ އެވެ.
ޕްރޮމޯޝަން ފައްޓަވައި ދެއްވުމަށް ފަހު ވާކަދައްކަވަމުން އިސްމާއިލް ވިދާޅުވީ އެހެން އަހަރުތަކާ ހިލާފަށް މިއަހަރުގެ ޕްރޮމޯޝަނަކީ ހެޔޮ ބަދަލުތަކާއެކު ފެށި ޕްރޮމޯޝަނެއް ކަމަށެވެ. މި ޕްރޮމޯޝަންގެ ދަށުން ހއ.އިން ފެށިގެން އައްޑު އަތޮޅާއިހަމައަށް ހެޔޮ އަގެއްގައި މިފްކޯގެ އުފެއްދުންތައް ލިބިގެންދާނެ ކަމަށެވެ.
މީގެއިތުރުން އިސްމާއިލް ވިދާޅުވީ މި ޕްރޮމޯޝަން ދިގު މުއްދަތަކަށް ދެމިގެންދާ ގޮތަށް ދުރާލާ ރޭވީ ސްކޫލް ބަންދާ ދިމާވާތީ ކަމަށާއި، ކުންފުނީގެ ވަރަށް ގިނަ ކަސްޓަމަރުން ތަކެއް އަތޮޅުތަކުގެ ރަށްރަށުގައި އުޅޭތީ އެ މީހުންނަށް ވެސް ޕްރޮމޯޝަންގައި ބައިވެރިވާން ފުރުސަތު ދޭން ވެގެން ކަމަށެވެ.އަދި ކުންފުނީގެ އުފެއްދުންތައް ހުސްނުވެ މުޅި ރޯދަ މަހު ލިބޭނެ ގޮތް ހަމަޖައްސަން އެ ކުންފުނިން މަސައްކަތް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ޕްރޮމޯޝަންގެ ދަށުން އެ ކުންފުނީގެ މަސް ފިހާރަ ތަކުން ދަޅު މަސް ހެޔޮ އަގުގައި ވިއްކާނެ އެވެ. މީގެ ކުރިން 680 ރުފިޔާ އަށް ވިއްކަމުން ދިޔަ ތެޔޮ މަސް ކޭހެއް މި ޕްރޮމޯޝަންގެ ދަށުން މިހާރު ވިއްކާނީ 640 ރުފިޔާ އަށެވެ. އަދި ފެން މަސް ކޭހެއް މިހާރު 645 ރުފިޔާ އަށް ލިބޭއިރު މިހާރު ފެން މަސް ކޭހެއް 595 ރުފިޔާ އަށް ލިބޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް