މީހެއްގެ އަތްންބެއް ގާތަށް ވަންތް ފުލުހަކު ރަށުން ބޭރުކޮށްފި

ރ މަޑުއްވަރީގައި މީހެއްގެ އަތްންބެއްގެ ގާތަށް ވަންތް ފުލުހަކު، އެ ރަށު ޒުވާނުން ނިކުމެ ކުރި މަސައްކަތުން ރަށުން ބާލައިފި އެވެ. މިކަމުގެ މައުލޫމާތު އެ ރަށުގައި ހިންގަމުން އަންނަ ނޫހެއް ކަމުގައިވާ މަޑުއ...

02 Mar 2018 | 08:16

ރ މަޑުއްވަރީގައި މީހެއްގެ އަތްންބެއްގެ ގާތަށް ވަންތް ފުލުހަކު، އެ ރަށު ޒުވާނުން ނިކުމެ ކުރި މަސައްކަތުން ރަށުން ބާލައިފި އެވެ.

މިކަމުގެ މައުލޫމާތު އެ ރަށުގައި ހިންގަމުން އަންނަ ނޫހެއް ކަމުގައިވާ މަޑުއްވަރީ އޮންލައިންގައި ރިޕޯޓް ކޮށްފައިވާއިރު ބުނެފައިވަނީ މަޑުއްވަރީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހަކު ދަންވަރު 01:00 ހާއިރު ގެއަކަށް ވަދެ އުޅެނިކޮށް ޒުވާނުންތަކެއް ނިކުމެ އެ ފުލުސް މީހާ ނެރެންވެގެންކަމަށް ބުނެ މަސައްކަތް ކޮށްފައިވާކަމަށެވެ.

"މަންޒަރު ދުށް ބައެއްމީހުން މަޑުއްވަރީ އޮންލައިންއަށް މަޢުލޫމާތު ދިންގޮތުގައި އެފުލުސްމީހާ ދަންވަރު އެކެއް ޖަހާއިރު މަޑުއްވަރީ ހުޅަނގު އަވަށުގައި ހުންނަ ގެއަކަށް ވަންތްގޮތައް އެގެއިން ނިކުތީ ގާތްގަނޑަކަށް 2:30 ވީފަހުން، ފުލުސް މީހާ އެގެއަށްވަނީ މަޑުއްވަރީގައި އޮންނަ ފުލުހުންގެ ވެހިކަލުގައި ކަމަށާއި، އަދި އެގެއިން ނުކުތީ ފުލުހުންގެ ވެހިކަލް ދިއުމުން ކަމުގައިވެސް މަންޒަރުދުއް ފަރާތްތަކުން މަޢުލޫމާތު ދިން" މަޑުއްވަރީ އޮންލައިންގައި ރިޕޯޓް ކޮށްފައި ވެ އެވެ.

އެ ނޫހުގައި ބުނެފައިވަނީ ފުލުސް މީހާ އެގެއިން ނިކުންނަންދެން ޒުވާނުންގެ ގިނަބަޔަކު ގޮސް އެގެ ވަށާލައިގެން ތިއްބައި ފުލުސް މީހާ ނިކުތީ އެގޭގައި އުޅޭ އަންހެންކުއްޖަކާ އެއްކޮށް ކަމުގައިވެސް މަންޒަރުދުއް ފަރާތްތަކުން މަޢުލޫމާތުދިން ކަމަށާއި، އެގެއަށް ވަން ފުލުސް މީހާއާ އަންހެންކުއްޖާ ގޭތެރެއިން ނިކުތްވަގުތު އެއްވެތިބި މީހުންތައް ފެނުމުން އަންހެންކުއްޖާ އަވަސް އަވަހައް ގޭތެރެއަށް ދެމިގަތްކަމަށެވެ. އަދި މި ކަންތައްގަނޑުގެ ފޮޓޯއާއި ވީޑިއޯވެސް އެ ނޫހަށް ލިބިފައިވާކަމަށްވެސް ރިޕޯޓް ކޮށްފައި ވެ އެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި އެ އަންހެން މީހާއަކީ މީހަކާ އިނދެ ދަރިއަކުވެސް ހުރި އަންހެނެކެވެ. އޭނާގެ ފިރިމީހާވެސް އާންމުގޮތެއްގައި އުޅެނީ ރަށުގައި ކަމާއި ނަމަވެސް މިވަގުތު ރަށުގައި ނޫޅޭ ކަމުގައިވެސް ދުވަހަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އެ ފުލުސް އޮފިސަރު މިހާރު އެ ރަށުން ވަނީ ބާލައިފަ އެވެ. އަދި އެކަން ކުރީ ޒުވާނުން ފުލުސް އޮފީސް ދޮށަށް އެއްވެ އަޑު އުފުލުމުން ކަމުގައިވެސް މައުލޫމާތު ލިބެ އެވެ.

މިކަމުގައި ފުލުހުންގެ ރަސްމީ ބަހެއް ހޯދާލަން ކުރި މަސައްކަތް ވަނީ ކާމިޔާބު ވާގޮތް ނުވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް