ޗައިނާއިން އަންނަ މީހުން ރާއްޖެ ވަނުން މަނާކޮށް، ޓްރެވަލް އެޑްވައިޒަރީއެއް ނެރެފި

ޗައިނާއިން އަންނަ މީހުން ރާއްޖެ ވަނުން މަނާކޮށް ޓްރެވަލް އެޑްވައިޒަރީއެއް ނެރެފި އެވެ. މެންދުރު ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މި ޓްރެވަލް އެޑްވއިޒަ...

02 Feb 2020 | 13:34

ޗައިނާއިން އަންނަ މީހުން ރާއްޖެ ވަނުން މަނާކޮށް ޓްރެވަލް އެޑްވައިޒަރީއެއް ނެރެފި އެވެ.

މެންދުރު ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މި ޓްރެވަލް އެޑްވއިޒަރީއަށް އަމަލު ކުރަން ފަށާނީ މިރޭ12:00 ން ފެށިގެން ކަމަށެވެ. އަލީ ވަހީދު ވިދާޅުވީ ރާއްޖެ އަންނަ ޓޫރިސްޓުންނަށްވެސް އެންމެ ރައްކާތެރި ގޮތަކީ މިއީ ކަމަށެވެ.

މިދިޔަ ހަފްތާގައި ވަނީ ޗައިނާ އާއި ރާއްޖެއާ ދެމެދު ކުރާ ސީދާ ވައިގެ ދަތުރުތައް ހުއްޓާލާފައި އެވެ. އެކަމަކު ޓްރާންސިޓްކޮށް ކުރާ ފްލައިޓު ދަތުރުތައް ކުރެވެ އެވެ. އަލީ ވަހީދު ވިދާޅުވީ މިއަދު ނެރުނު އެޑްވައިޒަރީ އާއި އެކު ޗައިނާގެ މެއިންލޭންޑުން ފުރައިގެން އެއްވެސް މީހަކަށް ރާއްޖެ ނާދެވޭ ގޮތަށް ދިވެހި ސަރުކާރުން ނިންމުމާ ގުޅިގެން ޓްރާންސިޓް ފްލައިޓެއްގައި ވެސް ނާދެވޭނެ ކަމަށެވެ.

އެކަމަކު ޗައިނާގައި ތިބި ދިވެހިންނަށް ރާއްޖެ އާދެވެނޭ ކަމަށެވެ. ދިވެހިންވެސް ރާއްޖެ ގެންނަނީ އެހެން ގައުމެއްގައި ކަރަންޓީންކޮށް ފަރުވާ ދިނުމަށް ފަހު އެވެ.

"މި ވަގުތު ސޭފްޓީ އަށް ވުރެ މުހިންމު އެއްވެސް ކަމެއް އަޅުގަނޑުމެންގެ ކުރިމައްޗަކު ނެތް. މިއީ ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށާއި ރާއްޖެ އަށް ޒިޔާރަތް ކުރާ މީހުންނާއި ރާއްޖޭގައި މިވަގުތު ދިރިއުޅެމުންދާ މީހުންގެ ރައްކާތެރިކަމަށް އެންމެ އިސްކަމެއް ދީގެން އެޅުނު ފިޔަވަޅެއް." އޭނާ ވިދާޅުވި އެވެ.

ޓްރެވަލް އެޑްވައިޒަރީއެއް ނެރުމަކީ ވަގުތާއި ހާލަތަށް ބަލާފައި ދިވެހި ސަރުކާރުން އެޅި ރަނގަޅު ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ޓެރެވަލް އެޑްވައިޒަރީ ނެރެން ޖެހުނީ ރާއްޖެ އިން ޓްރެވެލް އެޑްވައިޒަރީއެއް ނެރުނީ ކޮރޯނާވައިރަހާ ގުޅިގެން ހާލަތަށް އަންނަ ބަދަލުތަކަށް ބެލުމަށް ފަހު ކަމަށެވެ. އެގޮތުން އެ ވައިރަސް ޖެހިފައިވާ މީހަކު ޗައިނާ އިން ބޭރުން އެހެން ގައުމެއްގައި މިއަދު މަރުވުމަކީ ވެސް އޭގެ ސަބަބެއް ކަމަށް އަމީން ވިދާޅުވި އެވެ.

"އެއާ ގުޅިގެން އެ ގައުމުތަކުން އަޅަންޖެހޭ ފިޔަވަޅުތަކުގެ މިންގަނޑުތަކާ ދޭތެރޭ އެ ގައުމަކުން ވިސްނައި އިތުރަށް އަޅަންޖެހޭ ފިޔަވަޅުތައް މި އަޅަނީ. އެހެންވީމާ ރާއްޖެ އަށް ޗައިނާ އިން ސީދާ ދަތުރުކުރާ ފްލައިޓްތައް ހުއްޓާލުމަށް ފަހު ދެން އަޅުގަނޑުމެން އިތުރަށް ބަލަންޖެހޭ ބެލުމުގެ ތެރެއިން ސްކްރީނިން ވެސް ހަރުދަނާ ކުރުމާއި ދެން ހުރި މަސައްކަތްތައް ވެސް ކުރިއަށް އެބަގެންދޭ،" އަމީން ވިދާޅުވި އެވެ.

ކޮރޯނާއަށް ޝައްކު ކުރެވޭ މީހަކު ރާއްޖޭގައި ހުރި ކަމަށް ހެލްތް މިނިސްޓްރީން ހާމަކުރީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެވެ. އޭނާ ކަރަންޓީން ކޮށްފައި ހުރީ ކ. ފުނަދޫގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް