"އަހަރެންގެ ބޭންކް" ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހަޅުމުގެ ފުރުސަތު ބީއެމްއެލްއިން ހުޅުވާލައިފި

ބޭންކް އޮފް މޯލްޑިވްސް އިން "އަހަރެންގެ ބޭންކް" ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަ...

02 Feb 2020 | 13:08

ބޭންކް އޮފް މޯލްޑިވްސް އިން "އަހަރެންގެ ބޭންކް" ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ.

މިދިޔަ އަހަރާ އެއްގޮތަށް މިއަހަރުވެސް  ތަޢުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓް ތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވައި، ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ރުފިޔާ ދިނުމަށް ވަނީ ކަނޑައެޅިފައެވެ. މި ގޮތުން ކޮންމެ ކުއާޓަރއެއްގައިވެސް 5 ޕްރޮޖެކްޓް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މި ކުއާޓަރގެ ޕްރޮޕޯސަލް ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ 15 ފެބްރުއަރީ 2020 އެވެ.

މި ފަންޑާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ " ބޭންކް އޮފް މޯލްޑިވްސް ގެ އެންމެ މުހިންމު އެއް އަމާޒަކީ ބޭންކާއި ދިވެހި މުޖުތަމައުއާ އޮތް ގުޅުން ބަދަހިކުރުން. ފާއިތުވެދިޔަ އަހަރު ބީއެމްއެލް އިން ވަނީ މުޖުތަމައަށް އެހީތެރިވުމުގެ ގޮތުން ހިންގަމުންދާ  އިންވެސްޓްމަންޓް ޕްރޮގްރާމް ފުޅާކޮށްފައި. އަދި މީގެ އިތުރުން ކޮމިއުނިޓީ ފަންޑުގެ އެހީގައި 20 ރަށަކަށް މިވަނީ އެހީތެރިކަން ފޯރުކޮށްދެވިފަ. މި ފަންޑު މިއަހަރުވެސް ކުރިޔަށް ގެންދިޔުމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ޕްރޮޖެކްޓްތަކަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދެވި، މުޖުތަމައުގެ ކުރިއެރުމަށާއި ލާބައަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތްތައް އިތުރުވެގެންދާނެ ބޮޅެއް."

2019 ވަނަ އަހަރު ބޭންކް އޮފް މޯލްޑިވްސް އިން ވަނީ "އަހަރެންގެ ބޭންކް" ކޮމިއުނިޓީ ފަންޑުގެ އެހީގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޕްރޮޖެކްޓް ހިންގުމަށް 1 މިލައަން ރުފިޔާ ހޭދަކޮށްފައެވެ. މިގޮތުން ނެއްލައިދޫ ކޮމިއުނިޓީ ޕާކާއި، ދ. މާއެނބޫދޫގެ ސްކޫލު ލައިބްރަރީ ތަރައްގީކުރުމާއި، އއ. ދަނގެތި އަދި ށ. ފޭދޫގައި ތިމާވެއްޓާ ރައްޓެހި ޕްރޮޖެކްޓް ހިންގުމާއި، ކިހާދޫގައި ކުޑަކުދިންގެ ޕާކެއް ގާއިމްކުރުމާއި ކ. ގާފަރުގައި ސެން ކްލާސްރޫމެއް ތަރައްގީ ކުރުން ފަދަ ޕްރޮޖެކްޓްތައް ވަނީ ކާމިޔާބު ކަމާއެކު ކުރިޔަށް ގެންގޮސްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް