ނުރައްކާތެރި ކޮރޯނާ ވައިރަސްއިން އާންމުން ރައްކާތެރި ކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި ކ. އާރަށް ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރަން ނިންމައިފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އާރަށް ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރުމަށް ހުށަހެޅުއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އާރަށަކީ މީހުން ކަރަންޓީންކުރަން ޖެހިއްޖެ ނަމަ މިހާރުވެސް އެކަމަށް ބޭނުންކުރެވޭ ގޮތަށް ތައްޔާރު ކުރެވިފައި ހުރި ތަނެއްކަމަށެވެ.
މީހުން ކަރަންޓީން ކުރާ ތަންތަނުގެ ގޮތުގައި ތިން ރަށެއް މިހާރު ހަމަޖެހިފައި އެބަ ހުއްޓެވެ. އެއީ ކ. ފުނަދޫ އާއި ހުޅުމާލެއާ ގުޅުވާފައި އޮންނަ ފަރުކޮޅުފުށީގެ އިތުރުން އާރަށެވެ. މީގެ އިތުރުން ހާލު ސީރިއަސްވާ މީހުންނަށް ފަރުވާ ދިނުމަށް ދަރުމަވަންތަ ހޮސްޕިޓަލުގެ11 ވަނަ ބުރީގައި ހަތަރު އެނދުގެ އައިސީޔޫއެއް ވަނީ ތައްޔާރުކޮށްފަ އެވެ.
މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އެތަންތަނުގެ އިތުރުން ކުއްލި ނުރައްކަލުގެ ހާލަތެއްގައި ފަރުވާ ދޭން ޖެހިއްޖެ ނަމަ އެކަމަށް އިތުރު ރަށެއްވެސް ތައްޔާރު ކުރަމުންދާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ރާއްޖެ އޮތީ މި ވައިރަސްއަށް ފުރިހަމައަށް ތައްޔާރުވެފައި ކަމަށެވެ.
"އަދި އޭގެ އިތުރުން ޓޯޓަލް އައުޓްބްރޭކަކަށް ގޮސްދާނެ ހާލަތަކަށް ޓަކައި، ޓޯޓަލް އައިސޮލޭޝަން ރަށެއް ތައްޔާރުކުރުމުގެ މަސައްކަތް ވެސް އަޅުގަނޑުމެން އެބަކުރަން. އެހެންވީމާ އަޅުގަނޑު ހަމަ ތަކުރާރުކޮށް ދަންނަވާލަން ބޭނުން ދުނިޔޭގައި މި ކޮރޯނާ ވައިރަސް ފެތުރެމުން މިދާ ބާރުމިނަށް ބަލާފައި، ދިވެހިރާއްޖެ ތައްޔާރުވާން ޖެހޭ ހުރިހާ ހާލަތަކަށް ސަރުކާރު މިއޮތީ ތައްޔަރުވެފައޭ،" އޭނާ ވިދާޅުވި އެވެ.
ރާއްޖެއިން މިހާތަނަށް މި ބައްޔަށް ޝައްކު ކުރެވިގެން ކަރަންޓީން ކޮށްފައިވަނީ ޗައިނާއިން އައި20 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ކަރަންޓީންކޮށްފައިވަނީ ފުނަދޫގައި އެވެ. އެކަމަކު އޭނާގެ ގައިން ކުރިން ފެނުނު ރޯގާގެ އަލާމާތްތައް ރަނގަޅު ވަމުންދާ ކަމަށް އައިޖީއެމްއެޗު ޑޮކްޓަރުން ވިދާޅުވެ އެވެ.
އޭނާގެ ގައިން ނެގި ލޭގެ ސާމްޕަލް ކޮރޯނާ ވައިރަސްއަށް ޓެސްޓު ކުރަން ފޮނުވާފައިވަނީ އިންޑިއާގެ ޕޫނޭ އަށެވެ. ނަތީޖާ މިއަދު އިރުއޮއްސޭހާއިރު ލިބޭނެ ކަމަށް ހެލްތް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް