ނުރައްކާތެރި ކޮރޯނާ ވައިރަސް އާއި ގުޅިގެން ބަންދުކޮށްފައިވާ ޗައިނާގެ ވޫހާން ސިޓީގައި ތިބި ދިވެހިން އެ ސިޓީން ނެރެގެން އިންޑިއާގެ ނިއުދިއްލީއަށް ގެންގޮސްފި އެވެ.
ވޫހާން ސިޓީގައިނުވަ ދިވެހިން އެކކި ބޭނުންތަކުގައި ތިއްބެވެ. ފޮރިން މިނިސްޓްރީން ބުނީ އޭގެ ތެރެއިން ރާއްޖެ އަންނަ ބޭނުންވަނީ ހަތް މީހުން ކަމަށެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މީގެ ކުރިން ވިދާޅުވީ އެމީހުން ވޫހާން ސިޓީން ނެރެގެން ސީދާ ރާއްޖެ ނުގެންނާނެ ކަމަށެވެ. އޭގެ ބަދަލުގައި ރަނގަޅަށް ފަރުވާދެވެން ހުރި އަވައްޓެރި ގައުމަކަށް ގެންގޮސް ކަރަންޓީން ކުރާނެ ކަމަށް ވިދާޅުވި އެވެ. އެކަމަކު އެއީ ކޮން ކަމެއް އޭރު ވިދާޅެއް ނުވެ އެވެ.
ޝާހިދު ވިދާޅުވީ އެ ގައުމުގައި ތިބި އިންޑިއާ މީހުންނާއި އެކު އެ ހަތް ދިވެހިން އިންޑިއާއަށް ގެންދިއުމަށް އެއާ އިންޑިއާގެ ޗާޓާޑް ފްލައިޓެއްގައި ދަތުރުފަށާފައިވާ ކަމަށެވެ. ދިވެހިން ދިއްލީ އަށް ގެންދަނީ ޗައިނާގައި ތިބި އިންޑިއާ މީހުން ގެންދަން އެއާ އިންޑިއާ އިން ކުރި ދެ ވަނަ ދަތުރުގަ އެވެ.
ދިވެހިން ތިބި ބޯޓުގައި އިންޑިއާގެ 323 މީހަކު ވެސް ދަތުރުކުރާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފައިވެ އެވެ. މި ދިވެހިން ރާއްޖެ ގެންނާނީ އިންޑިާގެ ދިއްލީގެ ހޮސްޕިޓަލެއްގައި ފަރުވާ ދިނުމަށް ފަހު އެވެ.
https://twitter.com/abdulla_shahid/status/1223799159951482880
ޗައިނާގެ އެހެން ސިޓީތަކުގައި ތިބި މީހުންނަށް ރާއްޖެއައުމަށް ސަރުކާރުން ފުރުސަތު ދިނެވެ. އެކަމަކު އެކަމަށް ރަޖިސްޓްރީ ކުރީ ދެ ދިވެހިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް