ހަލުވިކަމާއި އެކު މުޅި ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ ތެރެއިން ޗައިނާއިން ބޭރުގައި ފުރަތަމަ ފަހަރަށް މީހަކު މަރުވެއްޖެ އެވެ.
އެމީހާ މަރުވެފައިވަނީ ފިލިޕިންސްގައި ފަރުވާދެމުންދަނިކޮށެވެ. ޗައިނާގެ ވޫހާން ސިޓީން ފިލިޕިންސަށް ދިޔަ އެމީހާ އަކީ އުމުރުން44 އަހަރުގެ ޗައިނާ ފިރިހެނެކެވެ. އޭނާއަށް ކޮރޯނާ ވައިރަސް ޖެހިފައިވަނީ ފިލިޕިންސަށް ދިއުމުގެ ކުރިން ކަމަށްވެ އެވެ.
ފިލިޕިންސިން މި ބަލި ފެނިފައިވަނީ ދެމީހުންގެ ގައިންނެވެ. އެއީ މަރުވި ފިރިހެން މީހާ އާއި އޭނާއާ އެކު އެ ގައުމަށް އެތެރެވި ޗައިނާގެ38 އަހަރުގެ އަންހެނެއްގެ ގައިންނެވެ. އެމީހާއަށް އަދިވެސް ފިލިޕިންސްގެ ހޮސްޕިޓަލެއްގައި ދަނީ ފަރުވާދެމުންނެވެ.
ޑަބްލިއުއެޗްއޯއިން މިކަމާ ގުޅިގެން ބުނެފައިވަނީ ފިލިޕިންސް އޮތީ ކޮރޯނާ ވައިރަސްއާއި ގުޅިގެން ކުއްލި ހާލަތަށް ގެންނަން ޖެހޭފަދަ ހާލަތެއްގައި ނޫންކަމަށެވެ. އެއީ އެ ގައުމުން އަދި އެ ބަލި ޖެހިފައިވާ ފިލިޕިންސް މީހަކު ނުފެނުމާއި އެ ދެމީހުންގެ އިތުރުން އިތުރު މީހަކަށް ގައުމަށް އެތެރެވެފައިވެސް ނުވާތީ އެވެ.
އިއްޔެގެ ނިޔަލަށް މި ބަލީގައި ޗައިނާއިން އެކަނި300 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް