ވިލާ ކޮލެޖުން ގާނޫނީވަކީލުކަން ކިޔެވި ބައެއް ދަރިވަރުންނަށް ސެޓްފިކެޓް ދިނުން ލަސްވުމުން ޝަކުވާ ކުރަނީ

ވިލާ ކޮލެޖުން ގާނޫނީވަކީލުކަން ކިޔެވި ގާތްގަނޑަކަށް 14 ދަރިވަރުންނަށް ސެޓްފިކެޓް ނުދީ ލަސްކުރުމުގެ ސަބަބުން އެ ދަރިވަރުންނަށް ގާނޫނީ ވަކީލުކަމުގެ ހުވާ އަވަސް މުސްތަގުބަލެއްގައި ކުރިވިދާނެ ކަމުގެ އުއްމ...

02 Feb 2019 | 13:31

ވިލާ ކޮލެޖުން ގާނޫނީވަކީލުކަން ކިޔެވި ގާތްގަނޑަކަށް 14 ދަރިވަރުންނަށް ސެޓްފިކެޓް ނުދީ ލަސްކުރުމުގެ ސަބަބުން އެ ދަރިވަރުންނަށް ގާނޫނީ ވަކީލުކަމުގެ ހުވާ އަވަސް މުސްތަގުބަލެއްގައި ކުރިވިދާނެ ކަމުގެ އުއްމީދެއް ނެތް ކަމަށް އޭގެ ތެރެއިން ބައެއް ދަރިވަރުން ބުނެފިއެވެ.

ދުވަސް އަށް މައުލޫމާތު ދެމުން މީގެ ތެރޭގައި ހިމެނޭ ދަރިވަރަކު ބުނީ އެ ދަރިވަރުންގެ ކޯސް ޖުލައި 2018 ގައި ނިމިފައިވާ ކަމަށެވެ. ގަނޫނީވަކީލު ކަމުގެ ހުވާ ކުރުމަށް އެދުމުގެ މުއްދަތު މިމަހުގެ ފަސްވަނަ ދުވަހަށް ހަމަވާއިރު މި މަހުގެ ފަހެއްގެ ކުރިން ސެޓްފިކެޓް ސްޕްރީމްކޯޓަށް ހުށަނޭޅިއްޖެނަމަ ދެން ހުވާ ކުރެވޭނެ ތާރީޚެއް ވެސް ނޭނގޭ ކަމަށާއި މީގެ ސަބަބުން ވަޒީފާ ހޯދުމަށް ގިނަ ދަތިތަކެއް ދިމާވާނެ ކަމަށް އެ ދަރިވަރުން ބުނެއެވެ.

ވަކީލުކަމުގެ ހުއްދަދެނީ ގާނޫނީ ދާއިރާއިން ޑިގްރީ އެއް ނިންމުމަށްފަހު އެ ސެޓްފިކެޓް ސްޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ބާއްވާ ރަސްމިއްޔާތެއްގައި ގާނޫނީވަކީލުކަމުގެ ހުވާ ކުރުމަށްފަހުއެވެ.

ވިލާ ކޮލެޖުގެ ދަރިވަރުންތަކެއް ވަނީ އެ ކޮލެޖްގެ މެނޭޖްމެންޓަށް ސެޓްފިކެޓް އަވަހަށް ލިބޭނެ އިންތިޒާމެއް ހަމަޖައްސާދެއްވުމަށް އެދި ދަންނަވާފައެވެ. 'ދުވަސް' ނޫހަށް ވަނީ މި ސިޓީގެ ކޮޕީއެއް ލިބިފައެވެ.

އެ ސިޓީގައި ބަޔާންކޮށްފައިވާ ގޮތުން 2018 ވަނަ އަހަރު ގާނޫނީ ދާއިރާއިން ކޯސް ނިންމި ބައެއް ދަރިވަރުންނަށް ސެޓްފިކްޓް ދީފައިވާ ކަމަށާއި ބައެއް ދަރިވަރުންނަށް ސެޓްފިކްޓް ދިނުން ލަސްކުރުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ.

އެ ސިޓީގެ ޖަވާބުގައި ވިލާ ކޮލެޖުން ބުނެފައިވަނީ މި އަހަރުގެ ޖެނުއަރީ މަހު އެޑްމިނިސްޓްރޭޓިވް ކޮންފަރމެންޓް ނިމި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ދެން ކޮންފަރމެންޓެއް ތާވަލްކުރެވިފައި ވަނީ އަންނަ އެޕްރިލް މަހު ކަމަށްވާތީ އެ ދަރިވަރުންގެ ސެޓްފިކެޓް ދޫކުރެވެން އޮތީ އަންނަ އެޕްރިލް މަހު ކަމަށެވެ.

އެހެންނަމަވެސް 'ދުވަސް' އާއި ވާހަކަ ދެއްކި ދަރިވަރަކު ބުނީ ޖެނުއަރީ މަހު ސެޓްފިކްޓްދޭނެ ކަމެއް ވިލާ ކޮލެޖުން އިއުލާނަކުންވެސް އަދި މެސެޖަކުންވެސް އަންގާފައިނުވާ ކަމަށެވެ. އަދި އެގޮތަށް އެންގިނަމަ ސެޓްފިކެޓް ހޯދުމަށްއެދި ފޯމް ލާނެ ކަމަށެވެ. 2018 ވަނަ އަހަރު ނިންމި ދަރިވަރުންގެ ތެރެއިން ބައެއް ދަރިވަރުންނަށް ވަނީ ސެޓްފިކެޓް ދީފައެވެ. އެ ދަރިވަރުންނަށް ސެޓްފިކެޓް ދީފައިވަނީ 2019 ވަނަ އަހަރު އެޕްރިލް މަހު ސެޓްފިކެޓް ދޭނެ ކަމަށް ބުނުމުން އެ ދަރިވަރުން ޝަކުވާ ހުށަހެޅުމުންނެވެ.

" 2018 ވަނަ އަހަރު ނިމުނު ބައެއް ދަރިވަރުންނަށް ދިން ގޮތަށް ހަމަ އެ ބެޗްތަކުގެ ދަރިވަރުން އަޅުގަނޑުމެންނަކީވެސް، އަޅުގަނޑުމެންނަށް ސެޓްފިކެޓް ނުދިނުމަކީ ވަރަށް ބޭއިންސާފުކަމެއް" ދުވަސް އާއި ވާހަކަ ދެއްކި ދަރިވަރަކު ބުންޏެވެ.

ދުވަސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބައެއް ޔުނިވަރސިޓީތަކާއި ކޮލެޖްތަކުން ވަނީ ގާނޫނީ ވަކީލުކަމުގެ ހުވާ ކުރުމަށް މަގުފަހިކުރުމުގެ ގޮތުން އެތަންތަނުން  ގާނޫނީ ދާއިރާއިން ކޯސް ނިންމި ދަރިވަރުންނަށް ސެޓްފިކެޓް ދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް