ނައިޓް ފިޝިން އަށް ދިޔަ ދޯންޏެއް ފަރަކަށް އުރުމުން ސިފައިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ފަރަށް އުރިފައިވަނީ "މިތުރާ 5" ނަމަކަށް ކިޔާ ދޯންޏެއް ކަމަށެވެ. އުރުނީ ގްރޭންޑް ޕާކް ކޮދިއްޕަރު ރިސޯޓުގެ އުތުރުން ބައި މޭލު ދުރުގައި އޮތް ފަރަކަށް ކަމަށެވެ.
"ރޭ 22:10 ހާއިރު މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ކޯސްޓްގާޑުގެ ސިފައިން ވަނީ ޑައިވަރުންގެ ޓީމަކާއެކު ހަރަކާތްތެރިވާން ފަށާފައެވެ. މި ހާދިސާގައި ފަރަށް އެރި ދޯނި ނަގިލި އަޅައިގެން ފުން ކުރެވޭތޯ ވަނީ މަސައްކަތް ކޮށްފައެވެ. ނަމަވެސް އެކަން ކާމިޔާބު ނުވުމުން ދޯނީގައި ތިބި 13 މީހުން، ރޭ 03:25 ހާއިރު ވަނީ އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު މާލެ ގެނެސްދީފައެވެ." އެމްއެންޑީއެފުން ބުނެފައިވެއެވެ.
އެމްއެންޑީއެފުން އިތުރަށް ބުނެފައިވަނީ ފަރަށް އެރި ދޯނި ފުން ކުރުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑާއި ދޯނީގެ ވެރިފަރާތާ ގުޅިގެން ދަނީ ކުރަމުން ކަމަށާއި މި ހާދިސާގައި ދޯނީގައި ތިބި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް