ރައީސް ޔާމީން އިސްވެ ހުންނަވައި އުފެއްދެވި ޕީޕަލް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ކޯލިޝަން ހަދައިފިއެވެ.
މި ދެ ޕާޓީ ކޯލީޝަން ހަދައި އެކަމުގެ އެއްބަވުމުގައި ސޮއި ކޮށްފައިވަނީ ރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ.
ސިޔާސީ މަސައްކަތްތައް ގުޅިގެން ކުރުމުގެ އެއްބަސްވުމުގައި ދެ ޕާޓީން ރޭ ސޮއިކޮށްފައިވާއިރު ޕީޕިއެމްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ. ޕީއެންސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޕީއެންސީގެ ވަގުތީ ރައީސް އަދި ޕީޕީއެމްގެ ކުރީގެ ނައިބު ރައީސް، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އެވެ.
ރޭގެ އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަދުރޭ ވިދާޅުވީ އެ ދެ ޕާޓީން އެއްބަސްވުމުގައި ސޮއިކޮށް ކޯލީޝަން ހެދީ ދެ ޕާޓީ ވުޖޫދުގައި އޮތްހާ ދުވަހަކު ގުޅިގެން މަސައްކަތް ކުރުމަށް ކަމަށެވެ. ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައިވެސް މަސައްކަތްކުރާނީ ދެ ޕާޓީ ގުޅިގެން ކަމުގައި އަދުރޭ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް