ސުޕްރީމް ކޯޓުގެ އަމުރުގައިހުރި ކަންބޮޑުވުންތައް ދައުލަތުގެ ފަރާތުން އުއްތަމަ ފަނޑިޔާރާ ހިއްސާ ކުރައްވާފައިވާކަމަށާއި ގާނޫނީ ނިޒާމުގެ ތެރެއިން ހުކުމް ތަންފީޒު ކުރެއްވުމަށް އިރުޝާދު ދެއްވާފައިވާކަމަށް ދައުލަތުގެ ބަންޑާރަނައިބު މުހައްމަދު އަނިލް ވިދާޅުވެއްޖެ އެވެ.
އަނިލް މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެވެ.
މިއަމުރުގެ ދަށުން މިނިވަންކުރުމަށް ފާހަގަކޮށްފައިވާ ޤައިދީންގެ ތެރޭގައި ޓެރަރިޒަމް، ބޮން ގޮއްވުން، ކޮރަޕްޝަން، އެމްބެޒްލްމަންޓް، ޚިޔާނާތް ފަދަ ބޮޑެތި ކުށްތަކެއްގެ ތުޙުމަތުގައި ތިބި ޤައިދީން ތިބުމާއެކު މިކަމުގައި ހުރި ޤާނޫނީ ކަންބޮޑުވުންތައް މިހާރު ދަޢުލަތުގެ ފަރާތުން އުއްތަމަ ފަޑިޔާރާ ޙިއްޞާކުރައްވާފައިވާ ކަމަށް ބަންޑާރަނައިބު ވިދާޅުވިއެވެ. އުއްތަމަފަނޑިޔާރާ މަޝްވަރާކުރެއްވުމުން ޤާނޫނީ ނިޒާމްގެ ތެރެއިން ޙުކުމް ތަންފީޒު ކުރެއްވުމަށް އިރުޝާދު ދެއްވާފައިވާ ކަމަށާއި، ޕްރޮސެކިއުޓަރ ޖެނެރަލް މިހާރު އެމަސައްކަތް ފައްޓަވާފައިވާ ކަމަށް ބަންޑާރަނައިބު ވިދާޅުވިއެވެ. އެމަސައްކަތަށްފަހު ޕީޖީ ފާހަގަކުރައްވާ ކަންކަން ހުށަހެޅުއްވުމުން ސުޕްރީމް ކޯޓުން އެކަންކަމަށް ރިޢާޔަތް ކުރައްވައި ގޮތްތަކެއް ކަނޑައަޅުއްވައިދެއްވާނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށް ބަންޑާރަނައިބު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް