މިހާ އަވަހަށް 2020 މަތިން ފޫހިވީތަ ؟

2019 ވަނަ އަހަރަށް އަލްވިދާއު ކިޔުމަށްފަހު ގިނަ ބަޔަކު 2020 ވަނަ އަހަރަށް މަރުހަބާ ކިޔާފައިމިވަނީ އެތަކެއް ފޮނި އުންމީދުތަކަކާއި، ރީތި އެކި ކުލަތަކުން ފުރިފައިވާ ހުވަފެންތަކާއިއެކުގައެވެ. ދުނިޔޭގެ އެކ...

02 Jan 2020 | 07:12

2019 ވަނަ އަހަރަށް އަލްވިދާއު ކިޔުމަށްފަހު ގިނަ ބަޔަކު 2020 ވަނަ އަހަރަށް މަރުހަބާ ކިޔާފައިމިވަނީ އެތަކެއް ފޮނި އުންމީދުތަކަކާއި، ރީތި އެކި ކުލަތަކުން ފުރިފައިވާ ހުވަފެންތަކާއިއެކުގައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ބަޔަކު އާއަހަރު ފާހަގަކުރުމަށްޓަކައި އެކުވެރިންނާއި އާއިލާއާއި އެކު ދަނީ ތަފާތު އެތައް މަޖާ އަދި ހަނދާނުން ފިލައިގެން ނުދާނެ ފަދަ ކަންތައްތަކެއް ކުރަމުންނެވެ.

ގިނަ ބަޔަކު އާއަހަރަށް އެކި ކަހަލަ ޕްލޭންތައް ރޭވުމުގެ މަސައްކަތް މިދިޔަ ޑިސެމްބަރު ފެށުނުތަނާ ފަށައިފިއެވެ. ޒުވާން އުމުރު ފުރައިގެ ކުދިން ތިބީ ވަރަށް ޝައުގުވެރިވެފައެވެ. 2019 ވަނަ އަހަރު ހާސިލު ނުކުރެވުނު ލަނޑުދަނޑިތައް، އާހިތްވަރަކާއި އެކު 2020 ވަނަ އަހަރު ހާސިލު ކުރުމަށް އަޒުމު ކަނޑައެޅިއެވެ. އާއަހަރާއިއެކު ދިރިއުޅުމުގައި ރަނގަޅު ކުރަން ހުރި ކަންކަން ރަނގަޅު ކުރުމަށް ހިތުލައިގެންނެވެ. ޑިސެމްބަރު މަހުގެ 31 ވަނަ ދުވަސް ވެގެން ދިޔައީ މީސްމީޑިއާގެ އެއް މަންސަ ކަމުގައިވާ ފޭސްބުކަށް ވެސް ބޮޑު ރާޅެއް ޖެހި ދުވަހަކަށެވެ. އާއަހަރުގެ ތަހުނިޔާ ތަކުން ނިއުސް ފީޑް ވެސް ފުރާލިއެވެ.

އެހެން ނަމަވެސް 2020 ވަނަ އަހަރު ފެށުނު ތަނާ ހެން ގިނަ ބަޔަކު އާއަހަރަށް މަރުހަބާ ކިޔުމަށް ވެފައި ތިބި ޝައުގުވެރިކަމަށް ވީ ގޮތެއް ނޭނގެއެވެ. ފޭސްބުކުން ފެންނަމުން ދިޔައީ 2020 ވަނަ އަހަރު މަތިން ފޫހިވެއްޖެ ކަމަށާއި ދެން އިންތިޒާރު ކުރަނީ 2021 ވަނަ އަހަރަށް ކަމަށް ބުނެ ކުރަމުންދިޔަ ޕޯސްޓްތަކެވެ. އަހަރު ފެށުން ދުވަހު އަހަރު މަތިން ފޫހި ވީ ހެއްޔެވެ؟ އާއަހަރު ހާސިލުކުރަން އަޒުމު ކަނޑައެޅި ލަނޑުދަނޑިތަކަށް ވީ ކިހިނެއް ހެއްޔެވެ؟ ކޮންމެއަކަސް ގިނަ ޒުވާނުން 2020 ވަނަ އަހަރު މަތިން ވެސް ފޫހިވެއްޖެއެވެ.

ފަހަރުގައި 2020 ވަނަ އަހަރު މަތިން ފޫހިވެއްޖެ ކަމަށް ބުނެ ފޭސްބުކްގައި ޕޯސްޓްތައް ހިއްސާ ކުރަމުންދިޔައީ މަޖަލަށް ކަމަށްވެސް ވެދާނެއެވެ. އެއީ ހަމަގައިމުވެސް އެމީހެއްގެ އަމިއްލަ ކަމެކެވެ. ނަމަވެސް މިހިސާބުން އުފެދޭ ސުވާލަކީ އެފަދަ އެއްޗެހި ފޭސްބުކްގައި ހިއްސާ ކޮށްގެން އެހާ ނެގެޓިވް ވުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟ ދިރިއުޅުމުގައި ކުރިމަތިވާ ބައެއް ހިތާމަވެރި ހާދިސާތަކުގެ ސަބަބުން، އާއަހަރަށް ހިތާމަޔާއ އުދާހާއިއެކު މަރުހަބާ ކިޔައި އެތައް ބަޔަކުވެސް އުޅޭނެ ކަން ޔަގީނެވެ. އެފަދަ ހިތްވަރު އެލޭ ޒާތުގެ ޕޯސްޓް ޝެއަރ ކޮށްގެން މީހުންގެ ހިތްވަރު އެލުވާލަން ވީ ކީއްކުރަން ހެއްޔެވެ. އާއަހަރާއި ދިމާކޮށް މީހުންނަށް ހިތްވަރު ލިބޭ ކަހަލަ ވާހަކަތައް ދެއްކުން ގިނަ ކުރަންވީއެވެ.

ބަދަލުގައި އަޒުމު ކަނޑައަޅަންވީ 2020 ވަނަ އަހަރަކީ ތިބާގެ އުޅުމަށާއިދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެންނަ އަހަރަކަށް ހެދުމަށެވެ. ކުޑައިރުއްސުރެ ދެކެމުން އައި ހުވަފެންތައް ހަގީގަތަކަށް ހެދުމަށް މަސައްކަތް ކުރާ އަހަރަކަށެވެ. މާތްވެގެންވާ އިސްލާމު ދީނުގެ އުސޫލުތައް މަތީގައި ރިވެތި ގޮތުގައި ދިރިއުޅުން ބައްޓަން ކުރުމަށެވެ. ހަމަގައިމުވެސް މއީ ވަގުތީ އާލަމެކެވެ. މި ފެށުނު އާ އަހަރާއިކު މަސައްކަތް ކުރަންވީ މި ވަގުތީ ދުނިޔެއަށްވުރެ އާހިރަތަށް އިސްކަންދީގެން ރަނގަޅު އުޅުމެއް އުޅުމަށެވެ. އެހާ އަވަހަށް 2020 ވަނަ އަހަރު މަތިން އުންމީދު ކަނޑާނުލާށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް