މުއްދަތު ހަމަވެފައިވާ ސަލާމަތީ ސެޓިފިކެޓަކާއެކު ހޮނޑާފުށީގައި ދޯންޏެއް އޮޕަރޭޓް ކުރާތާ އެއް އަހަރު!

ސާވިސް ޗާޖުގެ މައުލޫމާތު ހާމަކުރިކަމުގެ ތުހުމަތުގައި މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވާ ހޮނޑާފުށި ރިސޯޓުގައި ގެސްޓުން އުފުލަން ބޭނުންކުރާ ދޯނީގެ ސަލާމަތީ ސެޓިފިކެޓް މުއްދަތު ހަމަވެފައި އޮންނަތާ ގާ...

01 Jan 2020 | 19:15

ސާވިސް ޗާޖުގެ މައުލޫމާތު ހާމަކުރިކަމުގެ ތުހުމަތުގައި މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވާ ހޮނޑާފުށި ރިސޯޓުގައި ގެސްޓުން އުފުލަން ބޭނުންކުރާ ދޯނީގެ ސަލާމަތީ ސެޓިފިކެޓް މުއްދަތު ހަމަވެފައި އޮންނަތާ ގާތްގަނޑަކަށް އަހަރެއް ވާން ގާތްވެފައިވާކަން ދުވަހަށް ކަށަވަރު ކުރެވިއްޖެއެވެ.

އެގޮތުން އެ ރިސޯޓަށް އަންނަ ފަތުރުވެރިން އެއާޕޯޓުން ރިސޯޓަށް ގެންދިއުމާއި ރިސޯޓުން ފުރާ ފަތުރުވެރިން ރިސޯޓުން އެއާޕޯޓަށް ގެންދިއުމަށް މިހާރުވެސް ބޭނުން ކުރަމުން އަންނަ އެ ދޯނީގެ ސަލާމަތީ ސެޓިފިކެޓްގެ މުއްދަތު މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް ހަމަވެފައިވާކަން ދުވަހަށް ވަނީ ކަށަވަރު ކުރެވިފައެވެ. އެ ސެޓިފިކެޓަކީ 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު އެއް އަހަރު ދުވަހުގެ މުއްދަތަށް ދޫކޮށްފައިވާ ސެޓްފިކެޓެކެވެ.

އޭ.އޭ.އޭ 33 ނަމަކަށް ކިޔާ އެ ދޯންޏަކީ 30 މީހުން އުފުލޭވަރުގެ ދޯންޏެކެވެ. އެއް އަހަރު ދުވަހުގެ މުއްދަތަށް 2018 ވަނަ އަހަރު އެ ދޯންޏަށް ސަލާމަތީ ސެޓިފިކެޓް ދޫކޮށްފައިވަނީ އުޅަނދު ސާވޭ ކުރުމަށްފަހުގައެވެ. ނަމަވެސް ދޫކޮށްފައިވާ އެ ސެޓިފިކެޓުގެ މުއްދަތު މިދިޔަ އަހަރުގެ ފެބްރުއަރީ އަށް ހަމަވެފައިވާއިރު އެ ސެޓިފިކެޓް އާކޮށްދިނުމަށް އެ ދޯނީގެ ފަޅުވެރިން ތަކުރާރުކޮށް އެދުމުންވެސް މެނޭޖްމަންޓުން ސެޓިފިކެޓް އާކޮށްދީފައި ނުވާކަމުގެ މައުލޫމާތުވެސް ދުވަހަށް ވަނީ ލިބިފައެވެ.

މުއްދަތު ހަމަވެފައިވާ ސަލާމަތީ ސެޓިފިކެޓަކާއެކު ހޮނޑާފުށީގައި ދޯންޏެއް އޮޕަރޭޓް ކުރަމުން އަންނަތާ ގާތްގަނޑަކަށް އަހަރެއް ވާން ގާތްވެފައިވާއިރު އެ ރިސޯޓުގެ މުވައްޒަފުންނަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ސާވިސް ޗާޖުގެ ގޮތުގައި ދޭން ނިންމާފައިވާ އަދަދަކީ 11 ޑޮލަރު ކަމުގެ މައުލޫމާތު ސޯޝަލް މީޑިއާގައި އާއްމުވުމާއެކު އެ ރިސޯޓުން ވަނީ އެ ރިސޯޓުގެ ސެކިއުރިޓީ އޮފިސަރެއްގެ ވަޒީފާ އަދާކުރަމުންދިޔަ މުވައްޒަފަކު ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށް އެ ރިސޯޓުން ބޭރުކޮށްފައެވެ.

ހޮނޑާފުށި ރިސޯޓަކީ ކުރީގެ މަޖިލިސް މެންބަރު އަދި ވިޔަފާރިވެރިޔާ އަހުމަދު ހަމްޒާ އާއި ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމްގެ ދެބެންގެ މަސްލަހަތު އޮންނަ ރިސޯޓެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް