ޖަލު ބަންދުގައި ތިބޭ ގައިދީންގެ އާއިލީ ބައްދަލުވުންތަކާއި ވަކީލުންގެ ބައްދަލުވުންތަކާއި އެކަހެރި ބައްދަލުވުންތަކަށް ދެވޭވަގުތު އިތުރުކޮށްފައިވާ ކަމަށް ހޯމް މިނިސްޓްރީން ހާމަ ކުރައްވައިފިއެވެ.
ހޯމް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ، ގައިދީންގެ އާއިލީ ބައްދަލުވުން ތަކަށް ދެވޭ ވަގުތު މިއަދުންފެށިގެން ދެގަޑިއިރަށް އިތުރުކޮށްފައިވާ ކަމަށެވެ. މީގެކުރިން ގައިދީންގެ އާއިލީ ބައްދަލުވުންތަކަށް ހަމަޖެހިފައި ވަނީ އެންމެ ގަޑިއިރެއް ކަމަށްވާއިރު ޖަލުތަކުގައި ތިބޭ ގައިދީންނަށް ދެވޭ އާއިލީ އެކަހެރި ބައްދަލުވުންތަކަށް ވެސް ވަގުތު އިތުރުކުރައްވާފައިވާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
މީގެ ކުރިން އެކަހެރި ބައްދަލުވުންތަކަށް ކޮންމެ މަހަކު 12 ގަޑިއިރު ދޭއިރު، މިއަދުންފެށިގެން އެކަހެރި ބައްދަލުވުންތަކަށް ކޮންމެ މަހަކު 24 ގަޑިއިރު ލިބޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ހުކުމް ނިމެންދެން ރިމާންޑް ޖަލަށް ހުކުމް ކުރެވޭ ގައިދީންނަށް މީގެކުރިން އެއްވެސް ވަރަކަށް އެކަހެރި ބައްދަލުވުންތަކަށް ފުރުސަތު ނެތް ނަމަވެސް އެކަމަށްވެސް ބަދަލުތަކެއް ގެނެސްފައިވާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އެގޮތުން ހަތަރު މަހަށްވުރެ ދިގުމުއްދަތަކަށް ޖަލުގައި ތިބެންޖެހޭ ކަމަށް ވާނަމަ އެކަހެރި ބައްދަލުވުންތައް ދެވޭގޮތަށް މިހާރު ވަނީ ހަމަޖައްސާފައެވެ.
ގައިދީންނާއި ވަކީލުން ބައްދަލުކުރުމަކީ ވަރަށް އުނދަގޫ އުސޫލުތަކެއްގެ ތެރެއިން ކުރިޔަށްދާ ކަމެއް ކަމަށާއި، ވަކީލުންނަށް ގައިދީންނާއި ބައްދަލު ކުރުމުގެ ފުރުސަތު ލިބެނީ ޝަރީއަތުގެ އަޑުއެހުމެއް ތާވަލު ކުރެވުނީމާ އެކަނި ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. ނަމަވެސް މިއަދުން ފެށިގެން މި އުސޫލަށްވެސް ބަދަލުގެނެސް، ވަކީލެއްގެ ގޮތުގައި ކަރެކްޝަންސް އަށް ބޭފުޅަކު ރަޖިސްޓަރީ ކުރެވުމަށް ފަހުގައި ބަންދު ދުވަސްތައް ދޫކޮށް އެހެން ދުވަސްތަކުގައި ފުރުސަތު ދެވޭ އުސޫލުތަކެއްގެ ތެރެއިން ބައްދަލުކުރެވޭނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް