ބިދޭސީންގެ މުސާރަ އެކައުންޓަށް ޖަމާނުކުރުމުން ކުރާ ޖުރިމަނާގެ ގާނޫނަށް އަމަލު ކުރުން ފަސްކޮށްފި

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ މުސާރައާއި އިނާޔަތްތައް ބޭންކް އެކައުންޓަށް ޖަމާނުކުރާނަމަ ކުރަންޖެހޭ ޖޫރިމަނާތައް ކުރުމުގެ ގާނޫނަށް އަމަލުކުރުން އަނެއްކާވެސް އިތުރު ހަމަސް ދުވަހަށް ފަސްކޮށްފިއެ...

02 Jan 2019 | 11:12

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ މުސާރައާއި އިނާޔަތްތައް ބޭންކް އެކައުންޓަށް ޖަމާނުކުރާނަމަ ކުރަންޖެހޭ ޖޫރިމަނާތައް ކުރުމުގެ ގާނޫނަށް އަމަލުކުރުން އަނެއްކާވެސް އިތުރު ހަމަސް ދުވަހަށް ފަސްކޮށްފިއެވެ.

2016 ވަނަ އަހަރު ވަޒީފާއާއި ބެހޭ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން ބިދޭސީންގެ މުސާރައާއި އިނާޔަތްތައް އެމީހުންނަށް ދޭންޖެހޭނީ އެމީހުންގެ ނަމުގައި ރާއްޖޭގެ ބޭންކެއްގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކޮށްގެންނެވެ. އެކަން އެގޮތަށް ނުކުރާކަމުގައި ވާނަމަ، ވަޒީފާދޭ ފަރާތް ޖޫރިމަނާ ކުރެވޭނެއެވެ.

އެކައުންޓަށް ފައިސާ ޖަމާނުކުރާ ފަރާތްތައް ޖޫރިމަނާ ކުރަން ފެށުމަށް ކުރިން ހަމަޖައްސާފައިވަނީ އިއްޔެ ކަމުގައި ވީނަމަވެސް، އެކަމާ ބެހޭ ގަވާއިދަށް އިކޮނަމިކް މިނިސްޓްރީން އިއްޔެ ވަނީ އިސްލާހު ގެނެސްފައެވެ. އަންނަ ޖުލައި މަހުގެ ފުރަތަމަ ދުވަހާ ހަމަޔަށް މި ގަވާއިދަށް އަމަލުކުރުން ފަސްކޮށްފައިވައިރު މީގެ ކުރިންވެސް ހަތަރު ފަހަރެއްގެ މަތިން ވަނީ މިގަވާއިދަށް އަމަލުކުރުން ފަސްކޮށްފައެވެ.

ވަޒީފާއާއި ބެހޭ ގާނޫނުގައި ވާގޮތުން ބިދޭސީންގެ މުސާރައާއި އިނާޔަތްތައް އެކައުންޓަށް ޖަމާނުކޮށް، މުސާރައާއި އިނާޔަތްތައްދޭނަމަ، ވަޒީފާދޭ ފަރާތް 10،000 ރުފިޔާއާއި 50،000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އެގޮތައް ގާނޫނަށް އިސްލާހު ގެނެސްފައިވަނީ ބިދޭސީން ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާއިން ދައުލަތަށް ރެމިޓެންސް ޓެކްސް ނަގަން ފެށުމުން އެކަމަށް މަގުފަހި ކުރުމުގެ ގޮތުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް