ފުލުހުންގެ އިދާރާ ހަރުދަނާ ކުރުމަށް އޮންލައިން ޕޯޓަލް އެއް އިފުތިތާހު ކުރައްވައިފި

ފުލުހުންގެ މުއައްސަސާ އިތުރައް ހަރުދަނާކޮށް ބާރުވެރި ކުރުވުމަށާއި، ޕޮލިސް ރިފޯމް ކުރުމަށް "ރައްޔިތުންގެ ހިޔާލު" ގެ ނަމުގައި އޮންލައިން ޕޯޓަލްއެއް އިފުތިތާހު ކުރައްވާއިފިއެވެ. މިއަދު ހެނދުނު އިސްކަންދަ...

02 Jan 2019 | 07:32

ފުލުހުންގެ މުއައްސަސާ އިތުރައް ހަރުދަނާކޮށް ބާރުވެރި ކުރުވުމަށާއި، ޕޮލިސް ރިފޯމް ކުރުމަށް "ރައްޔިތުންގެ ހިޔާލު" ގެ ނަމުގައި އޮންލައިން ޕޯޓަލްއެއް އިފުތިތާހު ކުރައްވާއިފިއެވެ.

މިއަދު ހެނދުނު އިސްކަންދަރު ބިލްޑިންގައި ބޭއްވި މެނޭޖުމަންޓް ބޯޑުގެ ބައްދަލުވުމެއްގައި، މި އޮންލައިން ޕޯޓަލް އިފުތިތާހު ކޮށްދެއްވީ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް، މިހާރުގެ އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ.

އޮންލައިން ޕޯޓަލް އިފުތިތާހުކޮށްދެއްވުމަށް ފަހު އެކްޓިން ކޮމިޝަނަ އޮފް ޕޮލިސް ދެއްކެވި ވާހަކަފުޅުގައި، މި ޕޯޓަލްގެ ބޭނުމަކީ ރައްޔިތުންގެ ބައިވެރިވުމާއި އެކު ފުލުހުންގެ މުއައްސަސާ އިތުރަށް ހަރުދަނާކޮށް ތަރައްގީ ކުރުން ކަމަށް ވިދާޅުވިއެވެ.  އަދި މި ޕޯޓަލް މެދުވެރިކޮށް ފެބްރުއަރީ 15 އާއި ހަމައަށް ހުށަހެޅޭ ހިޔާލުތައް ފުލުހުންގެ ސްޓްރެޓިގިކް ޕްލޭން އެކުލަވައިލުމުގައި ބޭނުން ކުރެވިގެންދާނެ ކަމަށާއި، އޭގެ ފަހުންވެސް އޮންލައިން ޕޯޓަލް މެދުވެރިކޮށް ހިޔާލު ހުށްހެޅުމުގެ ފުރުސަތު ރައްޔިތުންނަށް އޮންނާނެކަމަށް ވިދާޅުވިއެވެ. އެގޮތުން ހުށަހެޅޭ ހިޔާލުތައް ބަލައި މޮނީޓަރކޮށް ކަމާގުޅުންހުރި ޑިޕާޓްމަންޓުތަކަށް އަނގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަގީންކަން ވެސް ދެއްވިއެވެ.

މިއަދު މި އިފުތިތާހު ކުރެވުނު އޮންލައިން ޕޯޓަލް އަކީ، ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެތެރޭގައި ހިމެނޭ ފުލުހުންނާއި އާމުންގެ ހިޔާލު ލިބިގެން އެކުލަވާލެވޭ ޕޮލިސް ރިފޯމް ޕްރޮގްރާމުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަދި މި އޮންލައިން ޕޯޓަލް މެދުވެރިކޮށް ފުލުހުންގެ މުއައްސަސާ ރިފޯމްކުރުމަށް ރައްޔިތުން ބޭނުންވާ ހިޔާލުތައް ހުށަހެޅޭނެ ކަމަށްވެސް ފުލުހުންގެ ފަރާތުން ހާމަ ކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް