މާލެއަށް ކުރިމަތިވެފައިވާ ޕާކިންގ ގެ މައްސަލަ ހައްލުކުރުމަށް އިތުރު ބިންތަކެއް ހުސްކުރުމުގެ މަސައްކަތް ފަށައިފި

މާލެއަށް ކުރިމަތި ވެފައިވާ ޕާރކިންގ ގެ މައްސަލަ ހައްލުކުރުމުގެ ގޮތުން، މާލޭގެ އެކި ސަރަހައްދުތަކުގައި ޕާރކް ކުރުމަށް ބިންހުސްކުރުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލްގެ ޑ...

02 Jan 2019 | 05:07

މާލެއަށް ކުރިމަތި ވެފައިވާ ޕާރކިންގ ގެ މައްސަލަ ހައްލުކުރުމުގެ ގޮތުން، މާލޭގެ އެކި ސަރަހައްދުތަކުގައި ޕާރކް ކުރުމަށް ބިންހުސްކުރުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފް ވިދާޅުވީ، މާލޭގެ މަގުތައް ހެދިފައި ހުރިގޮތުން، ބައެއް މަގުތަކަކީ އެކަށީގެންވާ ގޮތެއްގައި ޕާރކް ކުރެވޭނެ ޖާގަހުރި މަގުތަކެއް ނޫން ކަމަށެވެ. އަދި އެކަށީގެންވާ ދިރާސާއެއް ކުރުމެއްނެތި މާލޭގެ ބައެއް މަގުތަކަށް ބަދަލު ގެނައުމާ ގުޅިގެން ތޮއްޖެހުމާއި ޓްރެފިކްގެ ދަތިކަންވެސް ކުރިމަތިވެފައިވާ ކަމަށެވެ.

މާލޭ ސިޓީގެ ހުރިހާ އަވަށެއްގައިވެސް ހުރި ބޮޑެތި ހުސްބިންތައް، ޕާރކް ކުރެވޭނެ ޚާއްސަ ތަންތަނަށް ހެދިއްޖެ ނަމަ މާލެ ސިޓީގައި ދިމާވެފައިވާ ޕާރކް ކުރުމުގެ ދަތިތަކަށް ވަރަށްބޮޑު ފަސޭހައެއް ލިބިގެން ދާނެ ކަމަށްވެސް ޝަމާއު ވިދާޅުވިއެވެ. މާލޭގައި ޕާރކް ކުރުމަށް 10 ބިމެއް ފާހަގަ ކުރެވިފައިވާ ކަމަށާއި، ތަރުތީބުން ޖާގަތަކެއް ހުސްކުރެވި، ވަގުތުން ޚިދުމަތްދޭން ފެށިއްޖެ ނަމަ ޕާރކިންގ ގެ މައްސަލައަށް ވަރަށްބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މާލޭގެ ބައެއްމަގުތައް އިމާރާތްކުރުމުގެ މަސައްކަތްތައް ކުރުމަށްޓަކައި ބަންދުކޮށްފައި ވާކަމަށާއި، އެގޮތައް ބަންދުކޮށްފައިވާ ތަންތަން ބަލައި ޖާގަ ހުސްކުރުމުގެ މަސައްކަތްވެސް ސިޓީ ކައުންސިލުން ކުރަމުން އަންނަކަން ވެސް ޝަމާއު ފާހަގަ ކުރެއްވިއެވެ. މާލޭގެ މަގުތަކަށް ދިމާވެފައިވާ ތޮށްޖެހުމުގެ ދަތިކަންވެސް ހައްލުކުރުމަށްޓަކައި، މާލޭގެ ޓްރެފިކް ފްލޯރ އަށް ބަދަލު ގެނައުމުގެ ގޮތުން މާލޭގެ ވަށައިގެން އޮންނަ ބޭރުމަގު ނުވަތަ ރިންގް ރޯޑު ހުޅުވާލުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ސަބަބުން ތޮއްޖެހުމުގެ މައްސަލައަށް ވަރަށްބޮޑު ލުޔެއް ލިބިގެން ދާނެ ކަންވެސް ފާހަގަ ކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް