ސައިފަތް ޕެކެޓުގައި ހިމެނޭ ދަގަނޑު ހީރަސް – އިންތިހާއަށް ނުރައްކާތެރިކަން ބޮޑު

ބަލާ ބެލުމަށް ނުވަތަ ވިސްނާ ވިސްނުމަށް މިއީ ވަރަށް ކުޑަ މައްސަލައެއް ކަމުގައި ބެލިދާނެއެވެ. ނަމަވެސް މި ލިޔުން ކިޔާ ނިމޭއިރު މި މައްސަލައިގެ ނުވަތަ މިކަމުގެ ބޮޑުކަން ދުވަހުގެ ކިޔުންތެރިންނަށް ސިފަ ވާނ...

02 Jan 2019 | 01:18

ބަލާ ބެލުމަށް ނުވަތަ ވިސްނާ ވިސްނުމަށް މިއީ ވަރަށް ކުޑަ މައްސަލައެއް ކަމުގައި ބެލިދާނެއެވެ. ނަމަވެސް މި ލިޔުން ކިޔާ ނިމޭއިރު މި މައްސަލައިގެ ނުވަތަ މިކަމުގެ ބޮޑުކަން ދުވަހުގެ ކިޔުންތެރިންނަށް ސިފަ ވާނެ ކަމުގައި އުންމީދުކުރަމެވެ.

އެނގިލައްވާތޯ އެވެ. ސައިފަތް ޕެކެޓުގައި ހިމެނެ ދަގަނޑު ހީރަހަކީ އިންތިހާއަށް ނުރައްކާތެރިކަން ބޮޑު އެއްޗެކެވެ. އިތުރު ތަފްސީލައިގެން ކުރިއަށްދާނަމެވެ.

އާންމު ކަޅުސައިގެ އިތުރުން ދިވެހީންވެސް އެންމެ ގިނައިން ބޯ އެއް ސަޔަކަށް ވާނީ ގްރީން ޓީއެވެ. ގްރީން ޓީގެ ފައިދާ ގިނަ ގުނައެވެ. ބަރުދަން ލުއިކޮށްދިނުމަށް އެހީތެރިވެދެއެވެ. ހަޖަމުގެ ބައި ރަނގަޅުކޮށްދެއެވެ. އެންޓި އޮކްސިޑެންޓްސް އެކުލެވެއެވެ. އަދި ޑިޓޮކްސިފިކޭޓް ކޮށްދިނުމުގައިވެސް ގްރީން ޓީ އަކީ ހަމަ އެއްވަނަ އެވެ. ނަމަވެސް ގްރީން ޓީގެ ސައިފަތް ޕެކެޓުގައި ދަގަނޑު ހީރަސް އެކުލެވޭނަމަ ލިބޭ ފައިދާއަށް ވުރެ ލިބޭ ގެއްލުން އަދި މާ ބޯޑެވެ.

ފެބްރުއަރީ 2008ގައި، އިންޑިއާގެ ފުޑް ސޭފްޓީ އެކްޓަށް ގެނެސްފައިވާ އިސްލާހަކުން، ސައިފަތް ޕެކެޓުގައި ދަގަނޑު ހީރަސް ހިމެނުން އިންޑިއާގެ ފުޑް އޮތޯރިޓީން ވަނީ މަނާކޮށްފައެވެ. ބަދަލުގައި ކޮންމެވެސް އެހެން ހައްލެއް ބޭނުން ކުރުމަށް، ސައިފަތް ޕެކެޓު އުފައްދާ ކުންފުނިތަކަށް އިންޑިއާގައި އޮންނަނީ މަޖުބޫރުކޮށްފައެވެ.

ދަގަނޑު ހީރަހުން ކުރިމަތިވާ އެއް ނުރައްކަލަކީ ސައިތަށީގެ ތެރެއަށް މި ހީރަސް ވެއްޓި، މި ހީރަސް ދިރުވި ދާނެ ކަމުގެ ބިރެވެ. މި ހީރަސް އުފައްދާފައިވާ ދަގަނޑުގެ މާއްދާގެ ގޮތުން ބައެއް ހާލަތްތަކުގައި އިންސާނާގެ ފުރާނައަށް ނުރައްކާވާ ހިސާބަށް ކަންކަން ގޮސްފައި އެބަހުއްޓެވެ.

އަނެއް ކަމަކީ މިފަދަ ހީރަސް ގިނަ ފަހަރަށް އުފައްދާފައި ހުންނަނީ ދަގަނޑުގެ ބާވަތެއް ކަމުގައިވާ "ގަލްވަނައިޒްޑް އަޔަން" އިން ކަމަށްވުމެވެ. އޭގައި ޒިންކް ކޯޓިންއެއް އެކުލެވޭއިރު މި ބާވަތުގެ ދަގަނޑަކީ ހަޖަމު ވާނެ ނުވަތަ އަމިއްލަ ޒާތުގައި ހަލާކުވާނެ ދަގަނޑެއް ނޫނެވެ. އެހެންކަމުން ބައެއް ހާލަތްތަކުގައި ވިހަވުން، ނުވަތަ އިންޓާނަލް ބްލީޑްވުން އެކަށީގެންވެއެވެ.

މީގެ އިތުރުންވެސް ވަރަށް ބޮޑު ނުރައްކަލެއް އެބަ އޮތެވެ. އެއީ ގަލްވަނައިޒްޑް އަޔަން، ޒިންކް ކޯޓިން އާއެކު ހޫނު ފެނަށް ލާފައި ބެހެއްޓުމުން އޭގައި އެކުލެވޭ ޒިންކް ކޮމްޕައުންޑްތައް ހޫނު ފެނާއި ތަގައްޔަރުވެ ހަޖަމުގެ ނިޒާމަށް ގެއްލުންވާކަމެވެ. އަދި ބައެއް ދިރާސާތަކުން ދައްކާފައިވާގޮތުގައި ދަގަނޑު ހީރަހުގައި ހިމެނޭ "ޑަސްޓް" ގެ ސަބަބުން ބައެއް ކަހަލަ ނުކުޅެދުންތެރިކަމާއިވެސް ކުރިމަތިލާން ޖެހިފައި އެބަހުއްޓެވެ. އަދި އެއީ ދަގަނޑުކަމުން އިދިފުށަށް ދަމާ ބަލީގެ ޝިކާރައަކަށް ވުމުގެ ބިރަކީވެސް އޮންނަ އެއްޗަކަށް ވެއެވެ.

އެހެންކަމުން ރަނގަޅު ގޮތަކީ ސައިފަތް ގަތުމުގައި ދަގަނޑު ހީރަސްޖެހި ސައިފަތުގެ ބަދަލުގައި އެނޫން ހައްލަކާއެކު އުފައްދާފައިވާ ސައިފަތް ގަތުމެވެ. ދިވެހި މާކެޓްގައިވެސް އެފަދަ އުފެއްދުންތައް އެބަހުއްޓެވެ. ވަކި ޕްރޮޑަކްޓެއްގެ ނަން ހާމަކުރުމަކީ ރަނގަޅު ކަމަކަށް ނުވެދާނެއެވެ.

ދުވަހުގެ ކިޔުންތެރިންނަށް ދުޅަހެޔޮ ބާއްޖަވެރި ދުވަހަކަށް އެދެމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް