ބޭންކް އޮފް މޯލްޑިވްސްއިން އެ ބޭންކުގެ ލީޑަރޝިޕް އޮނިގަނޑަށް މުހިންމު ބަދަލުތަކެއް ގެނެސްފިއެވެ.
މީގެ ތެރޭގައި ސަހާ ވަޙީދު ޑެޕިއުޓީ ސީއީއޯ އަދި ޗީފް އޮޕަރޭޝަންސް އޮފިސަރ (ސީއޯއޯ) ގެ މަގާމަށް އައްޔަންކުރުން ހިމެނެއެވެ.
ބޭންކުން ބުނެފައިވާގޮތުގައި މި މަގާމުގެ މަސްއޫލިއްޔަތާއެކު ބޭންކިންގ އޮޕަރޭޝަންސް، ލީގަލް އެންޑް ކޯޕަރޭޓް އެފެއާޒް، ހިއުމަން ރިސޯސަސް، އެޑްމިނިސްޓްރޭޝަން އެންޑް ޕްރޮޕަޓީސްގެ އިތުރުން ބޭންކުގެ ޕްރޮކިއުމަންޓް ބަލަހައްޓަވާނީ ސަހާއެވެ.
ބޭންކިންގ ދާއިރާގައި 18 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހޯއްދަވާފައިވާ ސަހާ ވަނީ ބޭންކުގައި މުހިންމު މަގާމުތަކެއް ފުރުއްވާފައެވެ. މީގެ ތެރޭގައި ހެޑް އޮފް ސްޓްރެޓެޖިކް ޕްލޭނިންގ އެންޑް ޗޭންޖް މެނޭޖްމަންޓްގެ އިތުރުން އެންމެ ފަހުން އަދާކުރެއްވި ޕީޕަލް އެންޑް ޗޭންޖް ޑިރެކްޓަރގެ މަގާމު ހިމެނެއެވެ.
ސަހާ ވަނީ ލަންޑަން ސްކޫލް އޮފް އިކޮނޮމިކްސް އެންޑް ޕޮލިޓިކަލް ސައިންސް އިން އިކޮނޮމިކްސް އެންޑް އިކޮނޮމިކް ހިސްޓްރީގެ ދާއިރާއިން ބެޗްލަރ އޮފް ސައިންސް ޑިގްރީ ހާސިލުކުރައްވާފައެވެ. އަދި މީގެ އިތުރުން ކޮމާޝަލް ލޯގެ ދާއިރާއިން މާސްޓަރ އޮފް ލޯސް (އެލްއެލްއެމް) ހާސިލްކުރައްވާފައިވެއެވެ. ސަހާ ވަނީ އޭޝިއަން އިންސްޓިޓިއުޓް އޮފް ޗާޓަޑް ބޭންކަރސްއިން ޗާޓަޑް ބޭންކަރ ޕްރޮފެޝަނަލް ކޮލިފިކޭޝަންވެސް ހާސިލުކުރައްވާފައެވެ.
ބޭންކުގެ ދިގު މުއްދަތުގެ ސްޓްރެޓެޖިކް ލަނޑުދަނޑިތަކާ އެއްގޮތަށް ބޭންކުގެ ހިންގުމުގެ އޮނިގަނޑު ބައްޓަންކުރުމަށްޓަކައި، ބޭންކުން މިއަދު އައު އެގްޒެކެޓިވް މެނޭޖްމަންޓް ޓީމެއްވެސް އިޢުލާނުކޮށްފައިވެއެވެ. ޗީފް ފައިނޭންޝަލް އޮފިސަރ ނަންދަނަ ސެނެވިރަތުނެ އަދި ޗީފް ރިސްކް އޮފިސަރ ގެރީ ލޯޓަންގެ އިތުރުން، އަންނަނިވި މަގާމުތަކަށް އިތުރު ބޭފުޅުން ވަނީ އައްޔަންކޮށްފައެވެ.
އަދުލީ އަޙްމަދު ދީދީ، ޗީފް ޓެކްނޮލޮޖީ އޮފިސަރ (ސީޓީއޯ): ބޭންކުގެ ޓެކްނޮލޮޖީ ސްޓްރެޓެޖީ އަދި ޑިޖިޓަލް ޓްރާންސްފޮމޭޝަން ބަލަހައްޓަވާނީ އަދުލީއެވެ.
މޫސާ ނިމާލް، ޗީފް ބިޒްނަސް އޮފިސަރ (ސީބީއޯ): ކޯޕަރޭޓް ކަސްޓަމަރުންނާއި ވިޔަފާރިތަކާއި އަމިއްލަ ފަރުދުންގެ ބޭންކިންގ ހިދުމަތްތައް ބަލަހައްޓަވާނީ ނިމާލްއެވެ.
ރަޝްފާ ޖައުފަރު، ޗީފް ކްރެޑިޓް އޮފިސަރ (ސީސީއޯ): ކްރެޑިޓް ރިސްކް މެނޭޖްމަންޓް، ރިކަވަރީސް އަދި ކްރެޑިޓް އެޑްމިނިސްޓްރޭޝަން ބަލަހައްޓަވާނީ ރަޝްފާއެވެ.
އައިޝަތު ޒަމްރާ ޒާހިރު، ޗީފް މާކެޓިންގ އޮފިސަރ (ސީއެމްއޯ): މާކެޓިންގ، ކަސްޓަމަރ ސަރވިސަސް، އަދި ޕްރޮޖެކްޓް މެނޭޖްމަންޓް ބަލަހައްޓަވާނީ ޒަމްރާއެވެ.
ޙަސަން ކަލާމް، ޗީފް އިސްލާމިކް ބޭންކިންގ އޮފިސަރ (ސީއައިބީއޯ): ބީއެމްއެލް އިސްލާމިކްގެ ދަށުން ހިދުމަތްދޭ ވިޔަފާރިތަކާއި އަމިއްލަ ފަރުދުންގެ ބޭންކިންގ ހިދުމަތްތައް ބަލަހައްޓަވާނީ ކަލާމްއެވެ.
މިކަމާ ގުޅޭގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ މުހިންމު ލީޑަރޝިޕް އެ މަގާމުތަކަށް ދިވެހިން އައްޔަންކުރެވެގިންދިޔަ ކަމީ ތައުލީމީ ގާބިލު ދިވެހިން ބިނާކުރުމަށް ބޭންކުން ދޭ އަހައްމިއްޔަތުކަން ކަމަށެވެ.
މިއިން ކޮންމެ ބޭފުޅަކީވެސް އެބޭފުޅެއްގެ ދާއިރާގައި ނަމޫނާ ތަޖުރިބާކާރުން ކަން ފާހަގަކުރައްވަމުން ޝަރީފް ވިދާޅުވީ އެބޭފުޅުން ސާބިތުކޮށްދެއްވާފައިވާ ގާބިލުކަމާއި ރާއްޖޭގެ ބޭންކިންގ ދާއިރާއާ ބެހޭ ގޮތުން ހޯއްދަވާފައިވާ ފުރިހަމަ މައުލޫމާތާއެކު މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ފަރުދުންނާއި، ވިޔަފާރިތަކާއި މުޖުތަމައުތަކަށް އެހީތެރިވުމަށް ބީއެމްއެލްއިން ކަނޑައަޅާފައިވާ ތަސައްވުރަށް ވާސިލުވުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް