ޞިއްޙީ ޙާލުކޮޅު ހުރިގޮތުން މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ މަޤާމުން ޑރ. ޢާއިޝަތު ރަމީލާ މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވައިފިއެވެ.
މިނިސްޓަރުގެ އިސްތިއުފާގެ ސިޓީފުޅު ޤަބޫލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނޫސްބަޔާނެއް ނެރުއްވިއެވެ.
އެ ނޫސްބަޔާނުގައި ރައީސް ވިދާޅުވެފައިވަނީ ޑރ. ޢާއިޝަތު ރަމީލާގެ ޞިއްޙީ ޙާލުކޮޅު ހުރިގޮތުން މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ މަޤާމުން އިސްތިޢުފާ ދެއްވުމަށް ހުށަހަޅުއްވާފައިވާތީ، އެކަން ޤަބޫލުކުރައްވާކަމަށެވެ.
"ޑރ. ޢާއިޝަތު ރަމީލާ، އަލާސްކަންފުޅުގައި އުޅުއްވަމުންވެސް، މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ ހައިސިއްޔަތުން، ދިވެހިރާއްޖޭގެ ޤާނޫނީ ވެރިކަން ކުރިއަރުވައި، އެންމެހައި ރައްޔިތުންނަށް ލާބައާއި ފާގަތިކަން ހޯދައިދެނިވިމަގުން، މި ދައުލަތުގެ ކަންތައްތައް ރަނގަޅަށް ހިންގުމުގައި އެހީތެރިވުމަށް، އަޅުގަނޑަށް ދެއްވި އެއްބާރުލެއްވުމަށާއި، ތެދުވެރިކަމާއި ވިސްނުންތެރިކަމާއެކު، ސަރުކާރަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތަކަށްޓަކައި އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރުއަދާކުރަން" ރައީސްގެ ނޫސްބަޔާނުގައި ވިދާޅުވެފައިވެއެވެ.
ޑރ. ޢާއިޝަތު ރަމީލާ ފަދަ ހީވާގި އަމާނާތްތެރި ޤާބިލު ބޭފުޅަކު ވަޒީރުންގެ މަޖިލީހުގައި ހިމެނުމަކީ އެމަނިކުފާނަށް ލިބިލެއްވި ވަރަށް ބޮޑު އުފަލެއްކަމަށާއި ކުރިއަށް އޮތްތާނގައިވެސް ކަމަނާގެ ޚިދުމަތް ދިވެހި ޤައުމަށް ލިބޭނެކަން ޔަޤީންކުރައްވާކަމުގައިވެސް ރައީސްގެ ނޫސްބަޔާނުގައި ވިދާޅުވެފައިވެއެވެ.
"އަޅުގަނޑުގެ ދުޢާއަކީ، ޑޮކްޓަރ ޢާއިޝަތު ރަމީލާގެ ސާބިތުކަމާއި ކެތްތެރިކަން އިތުރު ކުރައްވައި މާތްﷲ ގެ ތަނަވަސް ރަޙުމަތްފުޅުން ޑޮކްޓަރ ޢާއިޝަތު ރަމީލާއަށް އަވަސް އަދި ދާއިމީ ޝިފާއެއް މިންވަރު ކުރައްވައި އަދަށްވުރެ އުފާވެރި ފާގަތި މުސްތަޤުބަލެއް މިންވަރުކުރެއްވުމެވެ." ރައީސްގެ ނޫސްބަޔާނުގައި ހިމަނުއްވާފައިވެއެވެ.
މިނިސްޓަރު ޢާއިޝަތު ރަމީލާ ގެންދަވަނީ ކެންސަރަށް ފަރުވާ ހޯއްދަވަމުންނެވެ. މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހުގައި ރާއްޖެއިން ބޭރުން ގިނަ ދުވަސްތަކެއް ވަންދެން ފަރުވާވެސް ހޯއްދެވިއެވެ.
މިނިސްޓަރު ޢާއިޝަތު ރަމީލާގެ އިސްތިއުފާ ޤަބޫލުކުރެއްވިކަން ރައީސް ހާމަކުރެއްވިނަމަވެސް އަދި އެ މަޤާމަށް އިތުރުބޭފުޅަކު އައްޔަންކުރިކަމެއް އަދި އެ މިނިސްޓްރީ ހިންގުން ވަކި ބޭފުޅަކާއި ހަވާލުކުރިކަމެއް ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް