ވެކްސިންގެ ބޫސްޓަރ ޑޯޒު ޖެހި މީހުންގެ އަދަދު 12،193 އަށް އަރައިފި

ކޮވިޑް-19 އިން ދިފާއު ވުމަށްޓަކައި ކޮވިޑް ވެކްސިންގެ ތިންވަނަ ޑޯޒު (ބޫސްޓާ ޑޯޒު) ޖެހި މީހުންގެ އަދަދު ރާއްޖެއިން 12،193 އަށް އަރައިފި އެވެ. އެޗްޕީއޭ އިން އެންމެ ފަހުން ނެރެފައިވާ ތަފާސް ހިސާބުތަކުން ދ...

01 Dec 2021 | 18:29

ކޮވިޑް-19 އިން ދިފާއު ވުމަށްޓަކައި ކޮވިޑް ވެކްސިންގެ ތިންވަނަ ޑޯޒު (ބޫސްޓާ ޑޯޒު) ޖެހި މީހުންގެ އަދަދު ރާއްޖެއިން 12،193 އަށް އަރައިފި އެވެ.

އެޗްޕީއޭ އިން އެންމެ ފަހުން ނެރެފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިހާރު ކުރިއަށް ގެންދާ ޤައުމީ ވެކްސިން ޕްރޮގްރާމްގެ ތެރެއިން މިދިޔަ މަހުގެ 30 ވީ ބުދަ ދުވަހުގެ ނިޔަލަށް ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހި މީހުންގެ އަދަދު ވަނީ 395،781 އަށް އަރާފަ އެވެ.

ބުދަ ދުވަހު 46 މީހަކު ވަނީ ކޮވިޑް ވެކްސިންގ ފުރަތަމަ ޑޯޒު ޖަހާފައެވެ. މީގެ ތެރެއިން 33 މީހުންނަކީ މާލެ ސަރަހައްދުން ވެކްސިންގް ފުރަތަމަ ޑޯޒު ފުރިހަމަ ކުރި މީހުންނެވެ. އަތޮޅު ތަކުން އެދުވަހު ވެކްސިންގް ފުރަތަމަ ޑޯޒު ޖެހީ  13 މީހުން ނެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ވެކްސިންގް ދެވަނަ ޑޯޒު ބުދަ ދުވަހު 256 މީހަކު ޖަހާފައި ވެއެވެ. މީގެ ތެރެއިން 166 މީހަކު ވެކްސިންގެ ދެވަނަ ޑޯޒު ޖަހާފައިވަނީ މާލެ ސަރަހައްދުން ނެވެ. އަދި އަތޮޅުތަކުން އެ ދުވަހު ވެކްސިންގެ ދެވަނަ ޑޯޒު ޖެހީ 90 މީހުން ނެވެ. މިއާއެކު ވެކްސިންގެ ދެވަނަ ޑޯޒް ޖެހި މީހުންގެ ޖުމްލަ އަދަދުވަނީ 364،082 އަށް އަރާފަ އެވެ.

މީގެ އިތުރުން، ވެކްސިންގެ ބޫސްޓަރ ޑޯޒު ބުދަ ދުވަހު ފުރިހަމަ ކޮށްފައިވަނީ 947 މީހުން ނެވެ. އޭގެ ތެރެއިން 625 މީހުން ވެކްސިންގެ ބޫސްޓަރ ޑޯޒު ފުރިހަމަ ކޮށްފައި ވަނީ މާލެ ސަރަހައްދުން ނެވެ. އަދި އަތޮޅުތަކުން އެ ދުވަހު ވެކްސިންގެ ބޫސްޓަރ ޑޯޒު ފުރިހަމަ ކޮށްފައިވަނީ 322 މީހުން ނެވެ. މިއާއެކު ވެކްސިންގެ ބޫސްޓަރ ޑޯޒް ޖެހި މީހުންގެ ޖުމްލަ އަދަދުވަނީ  12،193 އަށް އަރާފަ އެވެ.

ކޮވިޑް ވެކްސިންގެ ބޫސްޓަރ ޑޯޒު އެޗްޕީއޭއިން 50 އަހަރުން މަތީގެ މީހުންނަށާއި، ދިފާޢީ ނިޒާމު ބަލިކަށި މީހުންނަށާއި ޕްރޮންޓް ލައިންގައި މަސައްކަތް ކުރައްވާ ސިއްހީ ޚިދުމަތްތެރިންނަށް އަމާޒު ކޮށްގެން ޖަހާފައި ވާއިރު، ދެކުނު އެފްރިކާ އިން އަލަށް ފެނުނު ކޮވިޑްގެ ވޭރިއަންޓް އޮމިކްރޯން އާއި ދެކޮޅަށް ދިވެހި ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ޓޫރިޒަމް ސެކްޓަރގެ މުވައްޒަފުންނަށް ވެސް މި ހަފްތާގެ ތެރޭގައި ބޫސްޓަރ ޑޯޒު ދޭން ފަށާނެ ކަމަށާއި މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޫސްޓަރ ޑޯޒު ޖަހަން ފަށާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެފައި ވެއެވެ.

ބޫސްޓަރ ޑޯޒުގެ ވެކްސިން ފުރިހަމަ ކުރާ ފަރާތްތަށް ވާން ވާނީ ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒާއިި ދެވަނަ ޑޯޒުު ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ދިނުމަށް ބޭނުންކުރަނީ ސިނޮފާމް، އެސްޓްރަޒެނިކާ އަދި ފައިޒާ ވެކްސިނެވެ. ކޮވިޑް ވެކްސިންގެ ބޫސްޓަރ ޑޯޒުގެ ގޮތުގައި ޖަހަން ނިންމާފައިވަނީ ފައިޒާ ވެކްސިނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް