މިނިވަންވުމަށް ފަހު ފުރަތަމަ ޖަލްސާގައި ވެސް ރައީސް ޔާމީންގެ ފާޑުކިޔުން ޝަރުޢީ ދާއިރާއަށް އަމާޒުކުރައްވައިފި އެވެ.
އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހަށް ޖަލަށް ލާން ކުރި ހުކުމް ސުޕްރީމް ކޯޓުން އިއްޔެ ވަނީ ބާތިލުކުރުމާ ގުޅިގެން ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ އަދިވެސް އެންމެ ކޮރުކޮށް އޮތީ އަދުލުގެ ނިޒާމު ކަމަށެވެ.
މިކަމާ ގުޅޭގޮތުން ވާހަކަތަކެއް ދެއްކުމުން ޖަލަށް ގެންދިއަޔަސް މައްސަލައެއް ނެތް ކަމަށާއި އަދުލުގެ ނިޒާމު އިންސާފުވެރި ނުވާނަމަ ރާއްޖެއަށް ދިރުމެއް އަދި ކުރިއެރުމެއް ނެތް ކަމަށެވެ.
" ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވި ކަމަށް ބުނެ ކިތަންމެ ދައުވާއެއް ކުރިނަމަވެސް، އަދުލުވެރި ޝަރީއަތެއް ކޮށްގެން އެ މަނިކުފާނުގެ ގައިކޮޅުގައި އަތް ނުލެވޭނެ" ރައީސް ޔާމީން ވިދާޅުވި އެވެ.
މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ މިއަދު ރައްޔިތުންގެ ހިތަށް އެންމެ އުދާސްކުރާ ކަމަކީ އަދުލުގެ ދާއިރާ އަދުލުވެރިކަމާއެކު އޮންނާނެ ކަމާމެދު ކަމަށެވެ. އެގޮތުން ސިޔާސީ މީހަކު ކަމެއްކޮށްފި ނަމަ ތީރުތައް ހާހުން މެޔާއި ދިމާލަށް އަންނައިރު އަދުލުގެ ދާއިރާއިން ކަމެއް ގޯސްކޮށްދާނަމަ އެކަމާމެދު ބަހެއް ބުނާ މަންޒަރެއް ނުފެންނަ ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ މިހާރު ވެސް ތިން ފަނޑިޔާރުންގެ އޯޑިއޯ ލީކުވެގެން އުޅޭ މައްސަލަ އެ އުޅެނީ ކަމަށާއި އެތަނުން އެއް ފަނޑިޔާރެއްގެ އޯޑިއޯ އަކީ ސައްހަ އޯޑިއޯއެއް ކަމަށް ގަބޫލުކޮށް އެއް ފަނޑިޔާރަކު ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.
" އެހާ ހިސާބުން ފަނޑިޔާރުންގެ ތެރޭގައި ކަންތައްތަކެއް ހިނގައިފިކަން ގަބޫލުކުރެވޭ. އެއްވެސް ގޮތަކަށް މީހަކާ ދޭތެރޭ އަދުލުވެރިކަމާ އެކީ ހުކުމެއް ކުރަން ބެންޗުގައި ތިބޭ މީހުންގެ ތެރެއިން އެންމެ މީހެއްގެ އަދުލުވެރިކަން ގެއްލިއްޖެ ކަމަށް ސާބިތުވި ނަމަވެސް އެ އުފެދެނީ ސުވާލު،" އަދުލު އިންސާފުގެ ދާއިރާއަށް ފާޑު ވިދާޅުވަމުން ޔާމީން ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް