ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަންނަވާ ޖަލްސާއެއް ޑިސެމްބަރ ތިންވަނަ ދުވަހުގެ ރޭ ބޭއްވުމަށް ނިންމާފައިވާ ކަަމަށް ޕްރޮގްރެސިވް ކޯލިޝަނުން ބުނެފި އެވެ.
ޕީޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާ ވިދާޅުވީ މި ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވާނެ ކަމަށެވެ. އަދި އެ ކޯލިޝަންގައި ހިމެނޭ ޕީޕީއެމް، ޕީއެންސީގެ އިސް ބޭފުޅުން ވެސް ޖަލްސާގައި ބައިވެރިވެ ވާހަކަ ދައްކަވާނެކަމަށް އޭނާ ވިދާޅުވި އެވެ.
”މިއީ ރައީސް ޔާމީން އެތައް ދުވަހަކަށްފަހު އަޅުގަނޑުމެންނާއި ބައްދަލު ކުރައްވާ ރޭ. މިޖަލްސާއަކީ ވަރަށް ޚާއްސަ ޖަލްސާއެއް. މިޖަލްސާގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް އަޅުގަނޑު އެދެން." ޝުޖާ ވިދާޅުވި އެވެ.
މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ އެ މައްސަލައިގައި ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅީ އިއްޔެ އެވެ.
އެހެންކަމުން އެމަނިކުފާނު މިހާރުވަނީ މިނިވަން ވެފައެވެ. އަދި އިތުރު ހުކުމެއްގައި ހައްޔަރު ނުކުރާނަމަ، 2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ވެސް އެމަނިކުފާނަށް ލިބިވަޑައިގަންނަވާނެ އެވެ.
އެހެންނަމަވެސް ވ. އާރަށް އަދި ރ. ފުއްގިރިގެ މައްސަލައިގައި ވެސް ރައީސް ޔާމީންގެ މައްޗަށްވަނީ ރިޝްވަތު ޤަބޫލުކުރުމާއި މަނީ ލޯންޑްރިންގެ ދައުވާ އުފުލާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް