މިސްކިތްތަކަށް ކުޑަކަމުގޮސް، ޚަތިމަށް ކުޅުޖެހި މ. ޝޭޑީހޯމް، ހަސަން ޒިޔާދު އެއްމަހާއި 19 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
އިސްލާމީ މަރުކަޒަށާއި ޖުމްހޫރީ މައިދާނަށް ކުޑަކަމުދިޔަ މައްސަލައިގައި ވަކިވަކިން އޭނާގެ މައްޗަށް ދައުލަތުން އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލެއް ކުރުމުގެ ދައުވާ، އުފުލާފައިވާ އިރު، ކްރިމިނަލް ކޯޓުގައި މިއަދުއޮތް ޝަރީއަތުގައި އޭނާ ވަނީ އެ ދެ ދައުވާއަށް އެއްބަސްވެފަ އެވެ.
އޭނާ އެދުނީ ބަންދުގެ އަދަބު އުނިކުރުމަށްފަހު ޖޫރިމަނާއަށް އަދަބު ބަދަލުކޮށްދިނުމަށެވެ. ނަމަވެސް ހަސަން ޒިޔާދުގެ އަމަލަކީ މުޖުތަމައުގައި ހުތުރު އަމަލަކަށްވުމުގެ އިތުރުން އެ އަމަލުތައް ރޭވުންތެރިކަމާއެކު އަމާޒުކޮށްފައިވަނީ އިސްލާމް ދީނާއި ދިވެހިންގެ ގައުމިއްޔަތާ ގުޅުންހުރި ތަންތަނަށް ކަމަށްވާތީ މިއީ ގަސްދުގައި ރޭވުންތެރިކަމާއެކު ހިންގާފައިވާ އަމަލުތަކެއް ކަމުން އޭނާގެ އަދަބު ޖޫރިމަނާއަކަށް ބަދަލު ނުކުރެވޭނެ ކަމަށް ގާޒީ ދީބާނާޒް ފަހުމީ އިއްވި ހުކުމުގައި ވެއެވެ.
އެހެންވެ، އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމައި، އެކުށުގެ ގާނޫނީ އަދަބު ކަމަށްވާ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ވަކި ވަކީން ދެ މައްސަލައަށް ވަނީ އިއްވައިފައެވެ. ދެ މައްސަލައިގެ އަދަބު އެއްކޮށްލުމުން އެއީ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ.
ނަމަވެސް އޭނާ ބަންދުގައި 23 ދުވަސް ހޭދަކޮށްފައިވާތީ އަދަބުން އެދުވަސްތައް އުނިކުރުމުން އޭނާ ތަންފީޒު ކުރަން ޖެހޭނީ އެއް މަހާއި 19 ދުވަހުގެ ޖަލު ހުކުމެއް ކަމަށް ހުކުމުގައި ވެއެވެ.
އޭނާ ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ތިން ވަނަ ދުވަހު މަޣްރިބް ނަމާދު ވަގުތުގައި މާލޭގެ އިސްލާމީ މަރުކަޒަށް ވަދެ، އެ މިސްކިތުގައި އިމާމު މީހާގެ ކުރިމަތީގައި ހުންނަ މިހްރާބުގެއާ ހަމައިން ގިބްލައަށް ކުރިމަތިލައިގެން ކޮޅަށްހުރެ، އެތަނަށް ކުޑަކަމުގޮސްފަ އެވެ. އަދިހަމަ އެދުވަހު 18:10 ހާއިރު މާލޭގެ ޖުމްހޫރީ މައިދާނުގެ މެދާ ހިސާބުގައި ކޮޅަށްހުރެގެން ވެސް އޭނާ ވަނީ ކުޑަކަމުގޮސްފަ އެވެ.
މީގެ އިތުރުން ރައީސް އޮފީސް ދޮރުމައްޗަށާއި ހުކުރު މިސްކިތުގެ ގޯތި ތެރެއަށް ވެސް ކުޑަކަމު ގޮސްފައިވާތީ، އެ މައްސަލައިގައި އޭނާ ހައްޔަރު ކުރުމަށްފަހު، ފަހުން ވަނީ ދޫކޮށްލާފަ އެވެ.
އެއަށްފަހު އޭނާ ހައްޔަރުކުރީ މާލޭގެ އިބްރާހީމީ މިސްކިތަކަށް ވަދެ، ޚަތިމަކަށް ކުޅު ޖެހި މައްސަލައިގަ އެވެ.
އޭނާގެ މައްޗަށް އެ މައްސަލައިގައި ވެސް ދައުވާ ކޮށްފައިވީނަމަވެސް އެ މައްސަލައިގައި ހުކުމް އިއްވައިފައެއް އަދިނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް