މުޅިދުނިޔެއިން އެޗްއައިވީ ޖެހިފައިވާ މީހުންގެ އަދަދު ހުރީ 37 މިލިއަނުން މަތީގަ

ދުނިޔޭގައި މިބައްޔަށް ހުށައެޅިފައިވާ 37 މިލިއަނަށްވުރެ ގިނަ މީހުން އެބަތިި ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން އަންދާޒާކޮށްފި އެވެ. މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ އެއިޑްސް ދުވަހާއިގުޅިގެން އެ ޖަ...

01 Dec 2021 | 15:54

ދުނިޔޭގައި މިބައްޔަށް ހުށައެޅިފައިވާ 37 މިލިއަނަށްވުރެ ގިނަ މީހުން އެބަތިި ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން އަންދާޒާކޮށްފި އެވެ.

މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ އެއިޑްސް ދުވަހާއިގުޅިގެން އެ ޖަމިއްޔާއިން ނެރުނު ތަފާސް ހިސާބަށް ބަލާ އިރު، ވޭތުވެދިޔަ 3 އަހަރުތެރޭގައި މި ބައްޔަށް ހުށައެޅުނު މީހުންގެ ނިސްބަތްވަނީ އިތުރުވެފަ އެވެ.

1981 ވަނަ އަހަރު ފެނުނު "އެކުއާޑް އިމިއުނޯ ޑެފިޝިއެންސީ ސިންޑްރޯމް (އެއިޑްސް)" ބަލި ޖެހެން މެދުވެރިވާ ވައިރަސް ހޯދުނީ އޭގެ 3 އަހަރު ފަހުން ނެވެ.

އެއިޑްސްބަލި ޖެހެނީ މީހާގެ ދިފާޢީ ނިޒާމު އެއްކޮށް ހަލާކުކޮށްލާ، ޖަރާސީމާއި ބަލިތަކާ ދެކޮޅަށް ޙަރަކާތްތެރިވާ އިންސާނާގެ ޑިފެންސް ސިސްޓަމް އެއްކޮށް ނެތިކޮށްލާ "ހިއުމަން އިމިއުނޯޑެފިޝިއެންސީ ވައިރަސް" އެޗްއައިވީއަށް ހުށައެޅިގެން ނެވެ.

މި ނުރައްކާތެރި މިބަލިމަޑުކަން ދުނިޔޭގައި ފެތުރެން ފެށިތާ މިއަހަރު 40 އަހަރު ފުރޭއިރު، މިބައްޔަށް ފަރުވާ ހޯދުމުގައި ވޭތުވެދިޔަ އަހަރުތަކުގައި ސައިންސްވެރިންވަނީ އެތައް ކުރިއެރުމެއް ހޯދާފަ އެވެ.

އެގޮތުން މީގެކުރިން ދެކެމުން އައިގޮތާއި ޚިލާފަށް ދިރާސާތަކުން ދައްކާގޮތުގައި އެޗްއައިވީއަށް ޕޮޒިޓިވްވީ ނަމަވެސް ޒަމާނީ ބޭހާއެކު އެއިޑްސް ބަލިޖެހުމަށް އަހަރުތަކެއް ނަގާކަން ސައިންސްވެރިން އަންނަނީ ބުނަމުން ނެވެ.

އެކަމަކު ބައެއް ޙާލަތްތަކުގައި ހަށިގަނޑަށް މިވައިރަސް ވަދެފައިވާ ނިސްބަތުން މިމުއްދަތު ކުރުވެ ދިފާޢީ ނިޒާމުން ޢާއްމުގޮތެއްގައި ރައްކާތެރިކުރާ ބަލިތަކަށް މީހާ ހުށައެޅޭ ކަަމަށް މިހައިތަނަށް ހޯދި ހޯދުންތަކުން ވަނީ ދައްކާފަ އެވެ.

ޖިންސީ ގުޅުން ނަހަމަ ގޮތުގައި ހިންގުމާއި ރައްކާތެރި ނޫން ލޭ އެޅުމުގެ ސަބަބުން ފެތުރޭ މިބައްޔަށް، ބަލިޖެހިފައިވާ މާބަނޑުމީހާ ވިހާ ދަރިފުޅު ވެސް ޕޮޒިޓިވް ވެއެވެ.

އެއިޑްސްއަކީ އެބައްޔެއްގެ ވާހަކަ ދެއްކުމަށް ވެސް މީހުން ޖެހިލުންވާ ބަލިމަޑުކަމަކަށްވާ އިރު، ލަދުވެތިކަމާއި ބިރުވެރިކަން އެކުލެވޭ އެތައް ވޭނެއް މިބައްޔަށް ހުށައެޅޭ މީހުން އުފުލަމުންދާ ކަމަށް ވެސް ދިރާސާތަކުން ދައްކަ އެވެ. ނަމަވެސް އެފަދަ މީހުންނަކީ ހަށިގަނޑުގެ ދިފާޢީ ބާރުދެރަ މީހުން ނެވެ.

މިއަދަކީ މިބައްޔާ މެދު ހޭލުންތެރިކުރުވާ ބަލިޖެހުމަށް މަގުފަހިވާ ކަންކަމާއި ބަލި ޖެހިފައިވާ މީހުންނަށް އަޅާލުމަށް މުޖުތަމަޢު އެކަތިގަނޑަކަށްވުމާ ގުޅޭގޮތުން އަޑުއުފުލާ، ބައިނަލްއަޤުވާމީ އެއިޑްސް ބަލީގެ ދުވަހެވެ.

ބައެއް ޤައުމުތަކުގައި މިބަލި ޢާއްމުވިނަމަވެސް ރާއްޖޭގައި މިބަލި ނިސްބަތުން މަދުކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް