ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ޒުވާނުން ތަމްރީނުކުރުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އާއެކު މާލޭ ވޯޓަރ އެންޑް ސްވެރޭޖް ކަމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) އިން އެމް.އޯ.ޔޫ އެއްގައި ސޮއިކޮށްފިއެވެ.
އެގޮތުން މި ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައި ވަނީ ޑިސެމްބަރު 2021 ގައެވެ. މި އެއްބަސްވުމުގެ ދަށުން އެމް.ޑަބްލިޔު.އެސް.ސީ އިން ކުރިއަށް ގެންދާ ފުރަތަމަ 02 ބެޗްގައި 17 ދާއިރާ އަކުން 73 ޒުވާނުން ތަމްރީނު ކުރާނެ ކަމުގައި އެ ކުންފުނިން ވިދާޅުވެއެވެ.
އެ ކުންފުނިން މަޢުލޫމާތު ދެެއްވާ ގޮތުގައި މި ޕްރޮގްރާމްގައި ކޮންމެ ބެޗެއްގެ ބައިވެރިން 06 މަސްދުވަހުގެ މުއްދަތަކަށް އެމް.ޑަބްލިޔު.އެސް.ސީ ގައި މަސައްކަތްކޮށް، ބައިވެރިވާ ދާއިރާގެ ހުނަރުތައް ޢަމަލީ ގޮތުން ދަސްކޮށް، ތަމްރީން ވެގެންދާނެއެވެ.އެމް.ޑަބްލިޔު.އެސް.ސީ އިން ހާމަކުރިގޮތުގައި މިވަގުތު އެ ކުންފުނީގައި މަސައްކަތްކުރާ 15 މުވައްޒަފެއްވެސް މި ޕްރޮގްރާމްގައި ބައިވެރިވެއެވެ.
ނެޝަނަލް އެޕްރެންޓިސްޝިޕް ޕުރޮގްރާމް ފުރިހަމަ ކުރާ ފަރާތްތަކަށް ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގައި ހިމެނޭ ލެވެލް 3 ގެ ސެޓްފިކެޓެއް ލިބިގެންދާނެއެވެ. އަދި މީގެ ދަށުން ހިންގާ ތަމްރީން ޕުރޮގްރާމްތައް ހިންގާނީ މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީގެ "ނެޝަނަލް ކޮމްޕިޓެންސީ ސްޓެންޑަރޑްސް" އާ އެއްގޮތަށެވެ.
އެ ކުންފުނީގެ އުންމީދަކީ މިޕުރޮގްރާމްގެ ސަބަބުން، މުޖުތަމަޢުގައި ވަޒީފާގެ ފުރުޞަތު ނުލިބި ތިބި ޒުވާނުންނަށް އެފުރުޞަތު ތަނަވަސްކޮށްދީ، މުޖުތަމަޢުގައި ބޭނުން ހިފޭ ޒުވާން މަސައްކަތްތެރިންތަކެއް ބިނާކުރުން ކަމުގައި ހާމަކޮށްފައިވެއެވެ.
ނެޝަނަލް އެޕްރެންޓިސްޝިޕް ޕުރޮގްރާމަކީ މަސައްކަތު މާޙައުލުގައި ތިބެގެން އެ ދާއިރާތަކުގެ ތަޖުރިބާކާރުންގެ ބެލުމުގެ ދަށުން މަސައްކަތްތައް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުޞަތު ޤައުމީ ފެންވަރުގައި ހުޅުވާލައިގެން މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން ހިންގާ ޚާއްސާ ޕުރޮގްރާމެކެވެ.
މި އެމް.އޯ.ޔޫ ގައި އެމް.ޑަބްލިޔު.އެސް.ސީގެ ފަރާތުން ސޮއި ކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް ޙަސަން ޝާޙް އެވެ. އަދި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރ އަލްފާޟިލް ޙުސެއިން އިސްމާޢީލް އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް