ރައީސް ޔާމީން ރާއްޖެއިން ބޭރަށް ފުރުން މަނާކުރީ ކީއްވެކަން ޕީޖީ އޮފީހުން ހާމަކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްުޔޫމް ރާއްޖެއިން ބޭރަށް ފުރުން މަނާކުރީ ކީއްވެކަން ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ހާމަކޮށްފި އެވެ. އެ އޮފީހުން ބުނީ އެމަނިކުފާނު ރާއްޖޭން ބޭރަށް ފުރުން...

01 Dec 2021 | 09:21

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްުޔޫމް ރާއްޖެއިން ބޭރަށް ފުރުން މަނާކުރީ ކީއްވެކަން ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ހާމަކޮށްފި އެވެ.

އެ އޮފީހުން ބުނީ އެމަނިކުފާނު ރާއްޖޭން ބޭރަށް ފުރުން މަނާކޮށް ފުލުހުން އަމުރެއް ހޯދީ ޕީޖީ އޮފީހުން އެގޮތަށް ލަފާ ދީގެން ކަމަށެވެ.

ރައީސް ޔާމީން ފުރުން މަނާ ކޮށް ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް ފުލުހުން ކްރިމިނަލް ކޯޓުގައި އިއްޔެއެދުނީ އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑަރިންގެ ފުރަތަމަ ދައުވާ އެމަނިކުފާނުގެ މައްޗަށް ސާބިތު ނުވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރި ފަހުންނެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަހްމަދު ޝަފީއު ވިދާޅުވީ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް އެދުމަށް ޕީޖީ އޮފީހުން ފުލުހުންނަށް ލަފާދީފައިވާނީ އެފަދަ އަމުރަކަށް އެދެވޭނީ ގާނޫނު ތަންފީޒު ކުރާ އިދާރާތަކަށް ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައި އޮންނާތީ ކަމަށެވެ.

މީގެ އިތުރުން ރައީސް ޔާމީން ފުރުން މަނާކުރީ ރ. ފުއްގިރި ކުއްޔަށް ދޫކުރުމާ ގުޅޭ މައްސަލައެއްގައި ކަމަށް ވެސް ޝަފީއު ވިދާޅުވި އެވެ.

ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ފުއްގިރި ތަރައްގީކުރަން ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި ރައީސް ޔާމީން، މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 17.2 މިލިއަން ރުފިޔާ) ހޯދި ކަމަށް ދައުލަތުން ވަނީ ތުހުމަތުކޮށްފަ އެވެ.

ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް އެ ފައިސާ ލޯންޑަކުރި ކަމުގެ ތުހުމަތުގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން، މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވަނީ ވަނީ މިދިޔަ ޖޫން 28 ވަނަ ދުވަހު އެވެ.

ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކުގައި ދައުވާ ލިބޭ އަދި ތުހުމަތުކުރެވޭ މީހުންގެ ޕާސްޕޯޓް ހިފެހެއްޓުމަކީ ޕީޖީ އޮފީހުން އަމަލުކުރާ އެސްއޯޕީގައި އޮންނަ ކަމަށާއި އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި ރައީސް ޔާމީންގެ އިތުރުން ތުހުމަތުކުރެވޭ އެެހެންމީހުންގެ ޕާސްޕޯޓް ވެސް ހިފަހައްޓާފައިވާ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ. އެހެންނަމަވެސް އެއީ ކޮން ބައެއް ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.

ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލަތަކުގައި ޕީޖީއަށް ފެންނަ ލަފައެއް ދިނުމާއި ތަހުގީގު ކުރުމުގައި އަމަލުކުރަންވީ ގޮތްތަކެއް ފުލުހުންނަށް އެންގުމުގެ ބާރު ޕީޖީއަށް ލިބިގެންވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް