މަތީ ތަޢުލީމުގެ ދާއިރާއިން ސްކޮލަރޝިޕް އިތުރުކުރުމަށް ނައިބު ރައީސް މަޝްވަރާކުރައްވައިފި

މަތީ ތަޢުލީމުގެ ދާއިރާއިން ސްކޮލަރޝިޕް އިތުރުކުރުމަށް ނައިބު ރައީސް ފައިޞަލް ނަސީމު މަޝްވަރާކުރައްވައިފި އެވެ. އެ މަނިކުފާނު މި މަޝްވަރާ ކުރައްވާފައިވަނީ ދެކުނު ކޮރެޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފަ...

01 Dec 2021 | 08:37

މަތީ ތަޢުލީމުގެ ދާއިރާއިން ސްކޮލަރޝިޕް އިތުރުކުރުމަށް ނައިބު ރައީސް ފައިޞަލް ނަސީމު މަޝްވަރާކުރައްވައިފި އެވެ.

އެ މަނިކުފާނު މި މަޝްވަރާ ކުރައްވާފައިވަނީ ދެކުނު ކޮރެޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖިއޮންގް ވޫންޖިން، އެމަނކުފާނުގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ، ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުންތައް އިތުރަށް ބަދަހިކުރެވިދާނެ ގޮތްތަކާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފަ އެވެ.

އަންގާރަ ދުވަހަކީ، ދިވެހިރާއްޖެއާއި ދެކުނު ކޮރެޔާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 54 އަހަރު ފުރުނު މުނާސަބަތު ކަން ފާހަގަކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުމުގެ ތެރެއިން، ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި އެ ޤައުމުގެ ސަރުކާރުން ފޯރުކޮށްދީފައިވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވާ ކަމުގަ އެވެ.

މަތީ ތަޢުލީމުގެ ދާއިރާއިން ސްކޮލަރޝިޕް އަދި ބަހުގެ ދާއިރާއިން ތަމްރީނުގެ ފުރުޞުތައް އިތުރުކުރުމާއި، އެކްސްޗޭންޖް ޕުރޮގުރާމުތައް އިތުރަށް ފުޅާކުރުމާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވާހަކަފުޅު ދެއްކެވި އެވެ.

ދެކުނު ކޮރެޔާގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ހުސްވި ނޮވެންބަރު މަހު އިނގިރޭސި ވިލާތުގެ ގްލާޒްގޯގައި ބޭއްވި އ.ދ.ގެ ކްލައިމެޓް ޗޭންޖް ކޮންފަރެންސް އޮފް ދަ ޕާޓީޒް (ކޮޕް26) ގައި ދިވެހިރާއްޖެއިން އަދާކޮށްފައިވާ ދައުރު ފާހަގަކުރައްވައި، އެ ކަމަށް ތަޢުރީފު ކުރެއްވި އެވެ.

މި ދާއިރާއިން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކަކީ ރާއްޖެއިން ނުހަނު ކަންބޮޑުވާ އެއް މައްސަލަ ކަމުގައެވެ. އަދި، ތިމާވެށީގެ ދާއިރާއިން ދެ ޤައުމު ގުޅިގެން މަސައްކަތް ކުރުމާ މެދު ދެ ބޭފުޅުން އިތުރަށް މަޝްވަރާ ކުރެއްވި އެވެ.

ދިވެހިރާއްޖެއާއި ދެކުނު ކޮރެޔާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 1967 ނޮވެންބަރު 30 އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް