ރާއްޖޭގައި އެޗްއައިވީއަށް ޕޮޒިޓިވްވީ ބިދޭސިންގެ ޢަދަދު ނިސްބަތުން ގިނަ ކަމަށް ހެލްތު މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކައިފި އެވެ.
މިހާތަނަށް އެކި ސަބަބުތަކާއި ގުޅިގެން ހެދި މެޑިކަލްތަކުން ބިދޭސީންގެ 450 މީހެއްގެ ގައިންވަނީ އެޗްއައިވީ ފެނިފައިވާ ކަމަށް އެ މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކަ އެވެ.
އެ މިނިސްޓްރީގެ ތަފާސް ހިސާބަށް ބަލާ އިރު، 2017 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ތިބީ މިބަލި ޖެހިފައިވާ ދިވެހިންގެ އަދަދަކީ 25 އެވެ. އޭގެ 3 އަހަރުފަހުން މިނިސްޓްރީން ޢާއްމުކުރި ތަފާސް ހިސާބުގައި ރާއްޖޭގައި މިވަގުތު މިބައްޔަށް 37 ދިވެހިން ވަނީ ހުށައެޅިފަ އެވެ.
މީގެތެރޭގައި 31 ފިރިހެނުންނާއި 6 އަންހެނުން ހިމެނޭ އިރު، މިވަގުތު 22 މީހަކަށް އަންނަނީ އޭއާރްވީ ފަރުވާ ދެމުން ނެވެ. އަދި މިބަލީގައި 15 މީހަކުވަނީ ނިޔާވެފަ އެވެ.
އެޗްއައިވީއަށް ހުށައެޅިފައިވާ މީހުންގެ ޢަދަދު އަހަރުން އަހަރަށް ރާއްޖޭގައި އިތުރުވަމުންދާއިރު، މިބައްޔަށް ހުށައެޅެން މެދުވެރިވާ ސަބަބުތައް މުޖުތަމަޢުގެ ތެރޭގައި ޢާއްމުވެފައިވާކަމުގެ ކަންބޮޑުވުން ސިއްޙީ ދާއިރާ އިން އަންނަނީ ފާޅުކުރަމުން ނެވެ.
ނަހަމަ ގޮތުގައި ޖިންސީ ގުޅުން ހިންގުން ރާއްޖޭގައި އިތުރުވެފައިވާކަން ޔޫއެންޑީޕީގެ ދިރާސާތަކުން ދައްކާ އިރު، މިބަލިމަޑުކަމުން އަރައިގަތުމަށް މިފަދަ ގުޅުންތަކަށް މަގުފަހިވާގޮތަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރަންޖެހޭ ކަމަށް ވެސް ސިއްހީ ދާއިރާއިން އަންނަނީ ބުނަމުން ނެވެ.
ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހު ފާހަގަކުރާ ދުނިޔޭގެ އެއިޑްސްބަލީގެ ދުވަސް ފާހަގަކުރުމަށް އެކި ޤައުމުތަކުގައި ގިނަ ޙަރަކާތްތަކެއް ހިންގުމަށްވަނީ ރާވާފަ އެވެ.
މިއަހަރު ދުވަހުގެ ޝިޢާރަކަށް ޑަބްލިއުއެޗްއޯއިންވަނީ "އެންޑް އިނީކުއެލިޓީސް، އެންޑް އެއިޑްސް" ނުވަތަ "ތަފާތުކުރުން ނައްތާލާ، އެއިޑްސް ނައްތާލާ." މިޝިޢާރެވެ.
މީގެ މަޤްސަދަކީ ބައްޔަށް ހުށައެޅިފައިވާ ހުރިހާ ފަރާތްތަކަށް އެއްވެސް ހުރަހެއްނެތި ހަމަހަމަކަމާއެކު ބޭސްފަރުވާ ލިބޭނެ މަގުފަހިކޮށްދިނުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް