ދިވެހިރާއްޖޭގެ ހައިކޯޓު ވެސް މިއަދު ރިސެސް އަށް ހިނގައްޖެ އެވެ.
ހައިކޯޓުގެ ޤަވާއިދުގެ 4 ވަނަ މާއްދާގެ ދަށުން ކަނޑައެޅިފައި އޮންނަ ޤާނޫނުގެ ދަށުން ކޮންމެ އަހަރެއްގެ ނޮވެމްބަރު ފަހު ހަފްތާގެ އެންމެ ފަހު މަސައްކަތު ދުވަހުން ފެށިގެން، ޖެހިގެން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ރަސްމީ ދުވަހާއި ހަމައަށް ހައިކޯޓު އޮންނާނީ ރިސެސްގަ އެވެ.
އެގޮތުން ކަނޑައެޅިފައި އޮންނަ ޤަވާއިދުގެ ދަށުން އެ މުއްދަތުގެ ތެރޭގައި ކޯޓުން އެއްވެސް ޝަރީއަތެއް ކުރިއަކަށް ނުގެންދާނެއެވެ. އެހެންނަަމަވެސް ކޯޓުގެ އިދާރީ މަސައްކަތްތަކާއި މައްސަލަ ބަލައިގަތުން ފަދަ ކަންކަން ކުރިއަށް އެ ދުވަސްވަރުގައި ކުރިއަށް ގެންދާނެއެވެ.
ހަމައެހެންމެ މި މުއްދަތުގެ ތެރޭގައި ކޯޓުގެ ފަނޑިޔާރުން ބޭނުންވެއްޖެނަމަ ޝަރީއަތުގެ އަޑުއެހުމެއް ކުރިއަށް ގެންދެވިދާނެއެވެ.
އަދި ޤާނޫނަކުން ވަކި މުއްދަތަަކަށް ކަމެއް ނިންމަން ލާޒިމް ކުރާނަމަ އެ މުއްދަތުގެ ތެރޭގައި އަޑުއެހުންތައް ބޭއްވުމަށް ޤާނޫނު ލާޒިމު ކުރެއެވެ.
މީގެއިތުރުން، އަވަސްކޮށް ބަލާ ނިންމަން ޖެހޭ މައްސަލައެއް ކަމުގައި ފަނޑިޔާރުންގެ ބެންޗަށް އިއްތިފާގުވެވޭ މައްސަަލަތަކާއި ހުކުމް ކުރުމަށް ބާއްވާ ޝަރީއަތްތައް ވެސް ރިސެސްގެ މުއްދަތުގައި ބާއްވާނެއެވެ.
އެގޮތުން މިއަދު ހައިކޯޓުގައި ވަނީ ރަހުނު ހިމެނޭ ލޯނެއްގެ މައްސަލައެއްގެ ހުކުމް އިއްވުން ތާވަލު ކޮށްފައެވެ. އަހަރުގެ ބޮޑު ޝަރީއަތް ނިންމުމަށްފަހު ސްޕްރީމް ކޯޓުންވެސް އިއްޔެ ވަނީ ރިސެސް އަށް ގޮސްފައެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް