ބޭކާރު ހަރަދާއި އިސްރާފުކުރުން ހުއްޓާލައި ކޮރަޕްޝަނަށް ނޫނެކޭ ބުނަންޖެހޭ: ނައިބުރައީސް

ރައްޔިތުންގެ އުންމީދުތައް ހަޤީޤަތަކަށް ހެދުމަށްޓަކައި ޚާއްޞަކޮށް ދައުލަތުން ދޭ ޚިދުމަތްތައް ރަނގަޅުކޮށް، ބޭކާރު ޚަރަދާއި އިސްރާފުކުރުން ހުއްޓާލައި ކޮރަޕްޝަނަށް ނޫނެކޭ ބުނަންޖެހޭކަމުގައި ރައީސުލްޖުމްހޫ...

01 Dec 2019 | 10:17

ރައްޔިތުންގެ އުންމީދުތައް ހަޤީޤަތަކަށް ހެދުމަށްޓަކައި ޚާއްޞަކޮށް ދައުލަތުން ދޭ ޚިދުމަތްތައް ރަނގަޅުކޮށް، ބޭކާރު ޚަރަދާއި އިސްރާފުކުރުން ހުއްޓާލައި ކޮރަޕްޝަނަށް ނޫނެކޭ ބުނަންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމު މިއަދު ވިދާޅުވެއްޖެއެވެ.

ފެނަކަ ކޯޕަރޭޝަނުން އިންތިޒާމުކޮށްގެން ބޭއްވި "އިންޖިނިއަރިންގ ސިމްޕޯޒިއަމް 2019" އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ކުރާ ކޮންމެ ކަމެއްގައިވެސް ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތްތައް ހޯދުމާއި  ކުރާ މަސައްކަތްތަކާއި ދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރަންޖެހޭކަން ފާހަގަކުރެއްވިއެވެ.

އެގޮތުން މިސަރުކާރުން މަސައްކަތްތައް ކުރިޔަށްގެންދާއިރު ރައްޔިތުން އެންމެ ހިތްހަމަޖެހޭގޮތަށް، ޚަރަދުކުޑަކޮށް އަދި ރަނގަޅު ފެންވަރުގައި، މަސައްކަތްތައް ކުރުމަކީ ވަރަށް މުހިންމުކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި މި ސަރުކާރުން ރައްޔިތުންގެ މެދުގައި ތަފާތު ކުރުމެއް ނުގެންގުޅޭނެކަން ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުން މަސައްކަތްކުރަނީ ޚާއްޞަކޮށް އަސާސީ ޙައްޤުތަކާއި ޚިދުމަތްތައް ދިނުމުގައި ރައްޔިތުންގެ ޝަކުވާއެއް ނޯންނާނޭހެން ހާމަކަން ބޮޑުގޮތެއްގައި ކުރިޔަށްގެންދިއުމަށްކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ. އެގޮތުން މިހާރުވެސް ރަށްރަށުގެ އިންޖީނުތައް ބަދަލުކުރުމާއި އިންޖީނުގެތައް އިމާރާތްކުރުމާއި އިންޖީނުތަކުގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ފެނަކައިން ކުރަމުން ގެންދާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

އެގޮތުން މި ސަރުކާރުން މިހާތަނަށް 60 އަށްވުރެ ގިނަ ރަށަކަށް ޖަނަރޭޓަރު ފޯރުކޮށްދެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ކަރަންޓް ބޭނުން ކުރާ ފަރާތްތަކުންވެސް އިސްރާފުކުޑަކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ޤައުމަށް ބޭނުންވާ މިފަދަ ދާއިރާތަކުން މީހުން އުފެއްދުމުގެ މުހިންމުކަމާއި ޓެކްނޮލޮޖީގެ ބޭނުން ހިފުމުގެ މުހިންކަން ވެސް ފާހަގަކުރެއްވިއެވެ. މިއަދު ދަރުބާރުގޭގައި ބޭއްވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ފެނަކައިގެ ބްރާންޗްތަކުގެ އިންޖީނުގެތައް "ރިމޯޓް ކޮންޓްރޯލު ކުރުމުގެ ނިޒާމު" އިފްތިތާޙްކޮށްދެއްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް