ކުރީގެ އަދަދާ ގުޅޭ...
"ޝައިލާ!!!" އޭނާގެ ބަރު އަޑުން ގޮވައިލިއެވެ. އެއަށްފަހު ބާރުބާރަށް ރޯން ފެށިއެވެ. ލޮލުން ކަރުނަ އަންނަމުން ދިޔައީ ކޯރެއް ފަދައިންނެވެ. މުޅި މީހާ އެވަނީ ފިނިވެފައެވެ. ހިތް ކުދިކުދި ވެއްޖެ އެވެ. ޝައިލާ އޭނާއަށް ގެއްލިއްޖެކަން ހަނދުމަވުމުން އިތުރަށް ރޮވެން ފަށައިފި އެވެ. އަނގައިން ނިކުންނަމުން ދިޔަ ބާރު އަޑު އެހަތަރު ފާރުގެ ތެރޭގައި އެވަނީ ހަރުލާފައެވެ.
***
ސުމާ އާއި އަޝްރާގެ އެހީގައި ޝައިލާ ގެއަށް ދިޔައެވެ. އެގެއިން ނިކުތީއްސުރެ ޝައިލާ ހުރީ ފާޑަކަށް ގަނޑުވެފައެވެ. ސުމާ ހުރީ ޝަހާދަތް ކިޔައިލަ ކިޔައިލައެވެ. އަޝްރާ ހުރީ އޭނާގެ ސަބަބުން ނަޒާންގެ ހަގީގަތް ހާމަވުމުން ހިތްހަމަޖެހިފައެެވެ. ނަމަވެސް ދުވަސްގަނޑަކަށްފަހު ގެއްލިފައިވާ އެކުވެރިޔާ އާއި ދިމާވުމަށްފަހު އޭނާގެ ހުރިހާ އުފާތަކެއް ފޭރިގަނެވުނުކަމުގެ އިހުސާސެއް ވެސް އޭނާއަށް ދިޔައީ ކުރެވެމުންނެވެ. ނަޒާންގެ މޫނުމަތިންނާއި އޭނާގެ ހަރަކާތްތައް ހުރިގޮތުން ހަގީގަތުގައި ވެސް އޭނާ ޝައިލާ ދެކެ ލޯބިވާކަން ހާމަވެގެން ދިޔައެވެ. ނަމަވެސް ހަގީގަތަކީ ބަދަލުކުރެވޭނެ އެއްޗެއް ނޫނެވެ. ނަޒާންގެ ފަރާތުން ޝައިލާއަށް ލިބުނު އަނިޔާ އަކީ ދުވަހަކުވެސް ފިލައިގެން ނުދާނެ އަނިޔާއެކެވެ.
ޝައިލާ ގޮވައިގެން އެމީހުން ގެއަށް އައިއިރު ނަސީބަކުން ގޭތެރެއިން އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ނަޒާންގެ ހަގީގަތް ސަމާހު އަދި ގޭގެ އެހެން މީހުންނަށް އެނގެއްޖެނަމަ ދެން ވާނީ ކިހިނެއް ކަމެއްވެސް ނޭންގެއެވެ.
ގެއަށް އައިތާ ގަޑިއިރެއް ފާއިތުވެއްޖެ އެވެ. ޝައިލާ އައިގޮތަށް އެނދުގައި އޮށޯތްގޮތަށް އަދިވެސް އެއޮތީ ހަމަ އެހެންނެވެ. އޭނާގެ ލޯ ވަނީ ސީލިންގަށް ހުއްޓިފައެވެ. އޭނާ ބަލަމުން ދިޔައީ ބާރަށް އެނބުރެމުން ދިޔަ ފަންކާއަށެވެ.
"ޝައި ވާހަކަދައްކަބަލަ" ސުމާ އަދިވެސް މަސައްކަތް ކުރަމުން ދިޔައީ ޝައިލާގެ ފަރާތުން ހަރާކާތެއް ކޮށްލާތޯއެވެ. މިހާރު އޭނާގެ ހިތް އެވަނީ ބިރުވެރިކަމުން ފުރިފައެވެ.
"ދެން މިކަން ސިއްރު ކުރެވޭނެހެން ހިޔެއް ނުވޭ" މޭގައި އަތް އަޅައިލަމުން ސުމާ ބުނެލިއެވެ. އޭނާ ވެސް މިހާރު ކޮޅަށް އެއިނީ ހަމަ ހިތްވަރަށެވެ. އެދުވަސްތައް ތަކުރާރުވާން އުޅޭކަމުގެ ފުރަތަމަ ސިގްނަލް މިވަނީ ލިބިފައެވެ.
"ޝައި އަނެއްކާ ކުރިން އުޅުނު ދުނިޔެއަށް ދަނީކަންނޭންގެ... ހާދަވަރަކުންނޭ ޝައިއަށް ނޯމަލް ލައިފެއް އަހަރެމެން ހޯދައިދިނީ... ނޫން އަޝް... ދޮންބެ ވަރަށް ދެރަވާނެ... ދޮންބެ ވަރަށް ދެރަވާނެ... ޝައި ނޫން... ޝައި ތެދުވެބަލަ... ވާހަކަ ދައްކަބަލަ... ޝައި ނޫން..." ރޮމުން ރޮމުން ސުމާ ވާހަކަ ދެއްކިއެވެ. އަދި ޝައިލާގެ ދެކޮނޑުގައި ހިފައި ދެފަހަރަކު ތަޅުވައިވެސް ލައިފިއެވެ. ނަމަވެސް ޝައިލާގެ ދެލޮލުން ކަރުނަ އައުން ފިޔަވައި އިތުރު އެއްވެސް ހަރަކާތެއް ގެންނަ މަންޒަރެއް ނުފެނެއެވެ.
ތިން ގަޑިއިރުވެގެން ދިޔައިރުވެސް ޝައިލާގެ ފުށުން އެއްވެސް ކަހަލަ ހަރާކާތެއް ނުފެނުނެވެ. ގަޑިން މިހާރު 12 ޖެހީ އެވެ. އަޝްރާ ވެސް މަޑުކޮށްގެން އިނީ ޝައިލާގެ ފަރާތުން އިޝާރާތެއް ފެންނާނެ އިރަކަށެވެ. އެންމެފަހުން ހިތްވަރުކޮށްލާފައި ސުމާ ގޮސް ސަމާހު އަށް ގޮވައި ވެގެން އުޅޭގޮތް ކިޔައިދިނެވެ. ސަމާހު އަދި އެގޭގައި މިވަގުތު ތިބި އާއިލާގެ އެންމެންގެ ހިތް ވެސް ދިޔައީ ފަޅައިގެންނެވެ. ސަމާހުގެ ލޮލުން އެތައް ދުވަހަކަށްފަހު ކަރުނަ އަންނަން ފެށިއެވެ. އެންމެން އެވަރަށް ގޮވައި ޝައިލާގެ ހަށިގަނޑު ތެޅުވުމުންވެސް އޭނާގެ ފުށުން އެއްވެސް ހަރަކާތެއް ނުފެނުނެވެ. ޝައިލާގެ ލޮލުން އޭރުވެސް ދިޔައީ ކަރުން އަންނަމުންނެވެ. އެންމެފަހުން ޝައިލާ ހޮސްޕިޓަލަށް ގެންދެވުނެވެ.
ޝައިލާ ބެލި ޑޮކްޓަރު ބުނީ އޭނާއަށް އެވަނީ ޝޮކެއް ޖެހިފައި ކަމަށެވެ. ޝައިލާގެ ސިކުނޑި އެވަނީ މަސައްކަތްކުރުން ހުއްޓާލާފައެވެ. ރަގަޅުވާން ދުވަސްކޮޅެއް ނަގާނެ ކަމަށް ޑޮކްޓަރު ބުންޏެވެ. މިޚަބަރާއި އެކީ އާއިލާގެ ހުރިހާ މެމްބަރުން މާޔޫސްކޮށްލައިފިއެވެ.
"އަހަރެން ބޭނުމީ އެނަޒާން މަރާލަން" ޝައިލާ ބާއްވާފައި އޮތް ކޮޓަރީގެ ދޮރުމަތީގައި ހުރެ ސަމާހު ބުނެލިއެވެ. ސަމާހުގެ ރުޅިގަނޑު ދިޔައީ ގަދަވަމުންނެވެ. ޝާއިރާ އައިސް ނަޒާންގެ އަތުގައި ހިފައިލިއެވެ.
"މީ ރުޅި އިސްކުރަންވީ ވަގުތެއް ނޫން... ނަޒާނަށް ދައްކަވަން ހުރި ކަމެއް އެކަލާންގެ ދައްކަވާނެ... އަހަރެމެން ދުޢާކުރަންވީ އަހަރެމެންގެ ދަރިފުޅު ރަގަޅުވޭތޯ" ޝާއިރާ މަސައްކަތްކުރީ ޝައިލާ އަށް ވިސްނައިދެވޭތޯ އެވެ. ޝާއިރާ އެތައް ވާހަކައެއް ދެއްކުމުން ސަމާހު އައިސް ގޮނޑީގައި އިށީނެވެ.
ސުމާ ހުރީ ބިއްލޫރިގަނޑުން އެކޮޓަރީގެ އެތެރެއަށް ބަލާށެވެ. އޭނާގެ ހުރިހާ ކަމެއް ދޫކޮށްލާފައި ޝައިލާ އަށް ޚިދުމަތް ކުރަން އައީ ފޮނި އުންމީދުތަކަކާއި އެކީއެވެ. އުންމީދުތައް ކާމިޔާބުވުމުގެ މަގުމަތީގައި ވަނިކޮށް ޝައިލާ މިހާރު އެވަނީ ކުރިއަށްވުރެ ހާލަތު ގޯސްވެފައެވެ. މިހުރިހާ ކަމެއްގައި އޭނާއަށް ކުށްވެރިކުރެވުނީ އޭނާގެ އަމިއްލަ ނަފްސެވެ. އެދުވަހު އަހުލާމްގެ އެދުމުގެ މަތިން ނަޒާނަށް ޝައިލާގެ ނަމްބަރު ނުދެވުންނަމަ މިއިން އެއްވެސް ކަމެއް ނުވާނެކަން ޔަގީނެވެ. އެހެން އެކަކަށް ނުކުރާވަރަށް ސުމާއަށް އެވަނީ އަސަރުކޮށްފައެވެ. ކުއްލިއަކަށް އޭނާގެ އަޑު ދިޔައީ ފަޅައިގެންނެވެ. އަޑުން އަޑުނަގައި ރޮވެން ފަށައިފިއެވެ.
"ދަރިފުޅާ..." ޝައިރާ އައިސް ސުމާގެ ހަށިގަނޑުގައި ހިފަހައްޓައިލިއެވެ.
އެންމެންގެ ލޮލުންވެސް އެވަނީ ކަރުނައިގެ ކޯރެއް ލެވިފައެވެ. ޝަހާމާ ވެސް އިނީ ހަރަކާތް ހުއްޓިފައެވެ. ނަޒާންގެ ރަގަޅުކަމުގެ ވާހަކަ އޭނާ ޝައިލާ ކައިރީ ދެއްކީ ވަރަށް ފަޚުރުވެރިވެލާފައެވެ. ނަޒާން ލަންކާގައި ގޮސް އެހުރީ އޭނާގެ އަމިއްލަ ކޮއްކޮ ރޭޕްކޮށްފައި އެކަމުން ރެކޭންކަން ކުރިން އެނގުންނަމަ އޭނާ ސަލާމަތްވިޔަ ނުދޭނެކަން ޔަގީނެވެ.
***
ނަޒާނަށް އެއްވެސް ކަމެއް ނުވިސްނެއެވެ. އޭނާ ހުރީ ދެކޮޅުން ދެކޮޅަށް ކޮޓަރިތެރޭގައި ދުވެލަ ދުވެލައެވެ. އޭނާ ބޭނުންވަނީ ޝައިލާގެ މޫނު ދެކިލާށެވެ. އޭނާ ބޭނުންވަނީ ޝައިލާގެ ކިބައިން މައާފަށް އެދޭށެވެ. އޭނާ ބޭނުންވަނީ އެހިތުގެ ހާލަތު ޝައިލާގެ ކުރިމަތީގައި ބަންޑުންކޮށްލާށެވެ. ނަމަވެސް ހިތްވަރު ވަނީ އެލިފައެވެ. ޝައިލާ އަދި ސުމާގެ ފޯނަކަށް ވެސް ނުގުޅެއެވެ.
"އާހް!!!" އަޑުގެ ނެތްތަނަށް ނަޒާން ހަޅޭއްލަވައިގަތެވެ. އޭނާގެ އަޑު އަހާނެ ހަމަ އެކަކުވެސް މިގޭތެރެއިން ފެންނާކަށް ނެތެވެ. މިހެން ހުއްޓައި ނަޒާންގެ ފޯނު ރިންގުވާން ފަށައިފިއެވެ. ޝައިލާ ކަމަށް ހިތައި އަވަހަށް ފޯނު ނަގައި ބަލައިލިއެވެ. ފޯނު ކެނޑިއްޖެ އެވެ. ނަމަވެސް މެސެޖެއް އައިސްފައި އޮތުމުން މެސެޖު ބަލައިލިއެވެ.
"ދެން އަތްޖަހާ... މަންޖެ އޮތީ ހޮސްޕިޓަލުގަ... ކަލޭގެ ސަބަބުން... ދެން ބުނެބަލަ ކަލޭ އަމިއްލައަށް މަރުވާނީތަ ނޫނީ އަހަރެމެން ގޮސް ކަލޭ މަރާލަންވީތަ؟" އެމެސެޖު ފެނުމުން ނަޒާން ބިރުން ހެޔަށް ގޮތް ނުވީ ކިރިޔާއެވެ. އެއީ އިމާދުގެ މެސެޖެކެވެ. އެމެސެޖު ކިޔައި ނިމުންއިރު ނަޒާންގެ ފޯނު އޮތީ މުށިތަކު މަތީއެވެ. އޭނާގެ ދެލޯ ވަނީ ބޮޑުވެފައެވެ. މުޅި މޫނުމަތި ވަނީ ދާހިއްލާ ފޯވެފައެވެ.
ނަޒާން މަޑުމަޑުން އެނދުމަތީގައި އިށީނެވެ. އަދި ތިރީގައި އޮތް ފޯނު ނަގައި ބަލައިލިއެވެ. އެމެސެޖު އެތައް ފަހަރަކު ކިޔައިފިއެވެ. އެތައްއިރަކު އެހެން އިނުމަށްފަހު ތުރުތުރު އަޅަމުންދިޔަ އިނގިލިތަކުން މެސެޖެއް ލިޔެލިއެވެ.
"އައިމް ޑެޑް! ޝައިލާ ކައިރީ ބުނެދޭތީ އަހަރެން އޭނާ ދެކެ ވަރަށް ވަރަށް ލޯބިވެޔޭ!" ނަޒާން ލިޔެލިއެވެ. އަދި ފުން ނޭވާތަކެއް ދޫކޮށްލުމަށްފަހު ވަރަށް ހިތްވަރުކޮށްފައި ނުހާގެ ނަމްބަރަށް މެސެޖު ފޮނުވައިލިއެވެ. އަދި ވަގުތުން ފޯނު މުށިތަކުގައި ޖަހައި ފިސްކޮށްލައިފިއެވެ. މުށިތަކުގައި ޖެހުނުވަގުތު ބާރު އަޑަކާއި އެކީ ފޯނުގެ ބިއްލޫރިތައް މުޅި ކޮޓަރިތެރެއަށް ބުރައިގެން ދިޔައެވެ.
***
އާދުވަހަކަށް އިރުއަރައިފިއެވެ. އަދިވެސް ޝައިލާގެ ހާލު ހަމަ އެފަދައެވެ. އެންމެން އަދިވެސް ތިބީ ހަމަ އެއައިގޮތަށެވެ. ޝައިލާގެ އަތުގެ އިނގިއްޔެއް ވެސް ހެލިނުލައެެވެ. ސުމާ އަދި ސަމާހުގެ ލޮލުން ކަރުނަ ނުހިކެއެވެ. އެންމެން ވެސް ތިބީ ނެގިމަޑުވެފައެވެ. އެކަކު އަނެކަކާ އަނގައިންވެސް ނުބުނެ އެންމެންވެސް ތިބީ އަމިއްލަ ހިޔާލަށް ގެއްލިފައެވެ. މިއީ ހަމަ މީގެ ފަސްއަހަރު ކުރިންވެސް އެރޭ އެންމެން ތިބި ގޮތެވެ.
ޑޮކްޓަރު އައިސް ބެލުމަށްފަހު އެއްވެސް ކުރިއެރުމެއް ނުލިބޭ ވާހަކަ ބުނުމުން ސަމާހުގެ ހިތްވަރު އެލިއްޖެ އެވެ. ސައިކްރޭޓްރިސްޓެއް ވެސް މިއަދު ޝައިލާ ބަލަން އަންނާނެ ކަމަށް ޑޮކްޓަރު ބުންޏެވެ. ސަމާހުގެ ދުލުހުން ހަމަ އެންމެ ބަހެއްވެސް ބޭރެއް ނުވެއެވެ.
***
ހެނދުނު ގަޑިން ދިހައެއް ޖަހާއިރު ނުހާ އާއި އާއިލާގެ އިތުރު މެމްބަރުންނަށް މާލެ އާދެވިއްޖެ އެވެ. ރޭގައި ނަޒާން ކުރި މެސެޖުގެ ސަބަބުން އޭނާ އެވަނީ ވަރަށް ހާސްވެފައެވެ. އޭގެ މާނައަކީ ކޮބައިކަމެއް ވެސް ނޭންގެ އެވެ. ނަޒާނަށް ގުޅުމުން ބުނަނީ ފޯނު ނިއްވާލައިފައިވާ ކަމަށެވެ. އިތުރަށް ގުޅާނެ މީހަކު ނޭންގެއެވެ. އެވާހަކަ އިތުރު މީހެއް ކައިރީ ބުނާކަށްވެސް ނުކެރުނެވެ.
ގެއަށް އާދެވުމާއި އެކީ ނުހާ ފުރަތަމަވެސް ދުއްވައިގަތީ ނަޒާން އުޅޭ ކޮޓަރިއަށެވެ. ނަޒާންގެ ހާލު ބަލައިނުލައި އޭނާގެ ހިތެއް ހަމައެއް ނުޖެހޭނެއެވެ. ޔަގީނުންވެސް ބޮޑު ކަންތައްގަނޑެއް ހިނގައިފިއެވެ.
"ގޮވާ ގޮވާ... ބުނޭ ހުތް އަނބު އެބަހުއްޓޭ... ނަޒާން ވަރަށް ކާހިތްވާނެ" ނުހާ ހިނގައިގަތުމުން ނާޒިމާ އަވަހަށް ބުނެލިއެވެ. ނުހާ އައިގޮތަށް ނަޒާން ހޯދަން ދާންފެށުމުން ނަހުޒާން ހިތްހަމަނުޖެހުނެވެ. ނަމަވެސް މަންމަގެ އަޑު އިވުމުން އޭނާ އެކަމަށް އިންކާރެއް ނުކުރިއެވެ.
ކޮޓަރީގެ ދޮރު ހުޅުވައިލިގޮތަށް ނުހާގެ އަނގައިން ނިކުތީ ތޫލި އަޑެކެވެ. ފަހަތަށް ޖެހެމުން ޖެހެމުން ގޮސް އޭނާ ތިރިއަށް ވެއްޓުނެވެ. އޭނާގެ ދެލޯ ވަނީ ބޮޑުވެފައެވެ. އެއަޑަށް އެންމެން ދުއްވައިގަތެވެ. ކޮޓަރީގެ އެތެރެ ފެނުމުން ނާޒިމާ އެނބުރުން އަރައިގަނެގެން ވެއްޓުނެވެ.
ނަޒާން ރޭގައި ބުނީ ދޮގެއް ނޫނެވެ. އޭނާ އެހުރީ ފަންކާގައި އެލިފައެވެ. އެނދުމަތީގައި ގޮނޑިއެއް ވެއްޓިފައި އޮތްއިރު އޭނާގެ ދެއަތާއި ފައި އެވަނީ ފަޒާގެތެރެއަށް ދޫވެފައެވެ. ސަމީރު އަދި ނަހުޒާން ވެސް ދިޔައީ ސިއްސައިގެންނެވެ.
***
ދާދި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މުޅި ރާއްޖެއަށް ވާހަކަ ފެތުރިގެން ދިޔައެވެ. ނާޒިމާ އޮތީ ހޮސްޕިޓަލުގައި އަވަސް ފަރުވާ ދޭ ކޮޓަރީގައެވެ. ނުހާ ހުރީ ގަނޑުވެފައެވެ. އޭނާއަށް ލިބުނު މެސެޖުގެ ވާހަކަ ނުހާ ފުލުހުންނާއި ހިއްސާކުރިއެވެ. އޭގެފަހުން ޝައިލާގެ އާއިލާ އާއި ވެސް ފުލުހުން ބައްދަލުކުރި އެވެ. އެއާއިލާ ވެސް ވަނީ ފުން ހިތާމައެއްގެ ތެރޭގައެވެ. އެހެންކަމުން ނަޒާންގެ މަރުގެ މައުލޫމާތު ހޯދަން ކޮންމެވެސް ވަރަކަށް ދަތިތަކަކާއި ކުރިމަތިވިއެވެ.
މައްސަލަ ފެންމަތިވެ ޝައިލާގެ ރޭޕް ކޭސްގެ ވާހަކަވެސް ދެކެވެން ފަށައިފިއެވެ. ނަޒާނަކީ އެކަމުގައި ބައިވެރިވި ހަތަރުވަނަ މީހާކަމަށް ސާބިތުވެގެން ދިޔައެވެ. ދެދުވަސްތެރޭގައި ފުލުހުންގެ ތަހުގީގަށް ބޮޑު ކުރިއެރުމެއް ލިބިގެން ދިޔައެވެ. މިމައްސަލާގައި ސިމައްޓެ، އިމާދު އަދި ހަމްދާނާއި ވެސް ސުވާލުކުރެވުނެވެ. މީގެތެރެއިން ގަސްތުގައި މީހަކު މަރަން އިންޒާރު ދިން ކަމުގެ ތުހުމަތުގައި އިމާދު ހައްޔަރުކުރެވުނެވެ. އޭނާގެ ފޯނުން އެރޭ ނަޒާނަށް ކޮށްފައިވާ މެސެޖު ފުލުހުންނަށް ވަނީ ފެނިފައެވެ.
ޝައިލާގެ ހާލު އަދިވެސް ހަމައެފަދައެވެ. އިތުރު ކުރިއެރުމެއް ނުލިބުމުން އާއިލާގެ އެންމެން މެލޭޝިއާއަށް ދާން ފުރީ އޭގެ ދެހަފްތާ ފަހުންނެވެ. މިފަހަރު އެއާއިލާ އެވަނީ ކުރީ ފަހަރަށްވުރެ މާބޮޑު ހިތާމައެއްގައެވެ. ޝައިލާ އަށް ލޯބިވެވުނީ އޭނާ ރޭޕްކުރުމުގައި ހަރަކާތްތެރިވި މީހަކާކަން އެނގުމުން އެންމެންވެސް އެތިބީ ޝޮކެއްގަ އެވެ. އިސާހިތަކު އެއާއިލާގެ އުފާވެރިކަން ގެއްލިއްޖެ އެވެ. އެމީހުން ހިނިތުންވާން ހަނދާން ނެތިއްޖެ އެވެ. ހިތާމައިގެ ކޮޅެއް ނެތެވެ.
މިހުރިހާ ކަމެއް ފެށުނީ އެރެއަށްފަހު އެވެ. އެރޭ އެހާދިސާ ނުހިނގިނަމަ މިއަދު ހުރިހާ އެންމެންގެ މޫނުމަތިން ހިނިތުންވުން ފެންނާނެކަން ޔަގީނެވެ. ނަމަވެސް އެއްކަމެއް ވެއެވެ. އެއީ ޝައިލާ އާއި ނަޒާންގެ ދެމެދުގައި އުފެދުނު ވަރުގަދަ ލޯތްބެވެ. އެލޯތްބަކަށް ބަދަލެއް ނާންނާނެއެވެ. ނަޒާން މަރުވެގެން އެދިޔައީވެސް އެލޯބީގެ ހައްގުގައެވެ.
(ނިމުނީ)
"އެރެއަށްފަހު" ވާހަކަ ކީ ހުރިހާ ކިޔުންތެރިންނަށް ޝުކުރު ދަންނަވަން--
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް