މަންޓާ އެއާގެ ކޮމާޝަލް ތިންވަނަ މަންޒިލަކަށް ކޫއްޑޫ ހަމަޖައްސައި ކޫއްޑޫއަށް އޮޕަރޭޝަންސް ފެއްޓުމުގެ ގޮތުން މިދިޔަ ބުރާސްފަތި ދުވަހު ކޫއްޑޫ އެއާޕޯޓަށް މަންޓާ އެއާގެ އިނޯގްރަލް ފްލައިޓް ދަތުރުކޮށްފައިވެއެވެ. ކޫއްޑޫގައި ބޭއްވި އިނޯގްރަލް ރަސްމިއްޔާތަށް ނޫސްވެރިންނަށް ދިން ފުރުސަތުގައި ދުވަހުގެ ނޫސްވެރިންނަށްވެސް އެ ފުރުސަތު ދީފައިވެއެވެ.
އޭޓީއާރު 600-72 މަރުކާރުގެ މަންޓާ އެއާ ބޯޓަށް ދަތުރުވެރިން އެރުމާއެކު އެންމެ ފުރަތަމަ ފާހަގަކުރެވޭނެ ކަމަކީ ދެ ސީޓް ދޭތެރޭގައި މި މަރުކާގެ އެހެން ފްލައިޓްތަކާއި ބަލާއިރު ޖާގަ ބޮޑު ކަމެވެ. "ލެގް ސްޕޭސް" ތަނަވަސްކަމެވެ.
މަންޓާ އެއާއިން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އޭޓީއާރު މަރުކާގެ މުޅިން އައު ދެ ފްލައިޓް ގަނެގެން ގެނެސް އޮޕަރޭޝަނަށް ނެރުނު އިރު މިކަން ފާހަގަކުރިއެވެ. އެއީ އެ ފްލައިޓްތަކުގެ ބިޒްނަސް ކްލާސް އަދި އިކޮނޮމީ ކްލާހުގެ ސީޓް ބަރިންވެސް ދެ ސީޓް ނަގައި "ލެގް ސްޕޭސް" އިތުރުކޮށްފައިވާކަމެވެ. ހިތްފަސޭހަ ދަތުރެއް ކޮށްލުމުގައި ފައި ދަމާލައި ފަހަތަށް ގޮނޑި ލަންބާލެވުމަކީ ހަމަ ހަގީގަތުގައިވެސް ހިތްފަސޭހެ އަރާމު ދަތުރެއްގައި ބޭނުންވާނެ ކަންކަމެވެ.
ދަތުރުފެށުމާއެކު އިންފްލައިޓް ވެޓް ވައިޕްސް ޓިޝޫއާއެކު ކުޑަ ޗޮކޮލެޓެއް ނެގުމުގެ ފުރުސަތު ދަތުރުގެ ބައިވެރިޔާއަށް ލިބިގެންދާއިރު އެ ޗޮކޮލެޓަށް އިންސާފުކޮށް ނުނިމެނީސް ކޯރނީ ކޮކޯސް ސީރިއަލް ބާރ އެއް ލިބެއެވެ. ކޯރނީ ކޮކޯސް ސީރިއަލް ބަރ އަކީ ކާށި ކިރާއި ޗޮކޮލެޓް އަދި ކޯރންސް ބޭނުންކޮށްގެން ތައްޔާރުކޮށްފައި ހުންނަ ސީރިއަލް ބާރ އެކެވެ. އެއީ އޭގެން ގިނަ އަދަދަކަށް ހަކަތަ ލިއްބައިދޭ ސީރިއަލް ބަރ އެކެވެ.
އެހިސާބުން ނިމުނީކީ ނޫނެވެ. ސީރިއަލް ބަރ އަށްފަހު މަދު ވަގުތުކޮޅެއްގައި ދެން ލިބިގެންދަނީ ސިއްހަތަށް އެހާމެ ފައިދާހުރި ކާނާއެކެވެ. އެ އެއްޗެއްގެ ސިއްހީ ފައިދާއާއިމެދު އެކަކަށްވެސް ދެބަސް ނުވެވޭނެފަދަ މޭވާއެކެވެ. ފެހި އާފަލެކެވެ. ފެހި އާފަލަށް އިންސާފުކޮށް ނިމެންވާއިރަށް ދެވައްތަރުގެ ޖޫހުން ކުރެ ޖޫހަކަށް އިންސާފުކުރުމުގެ ފުރުސަތު ބޯފެނާއެކު ލިބިގެންދެއެވެ.
އެންމެ ފާހަގަވި އަނެއް ކަމަކީ ދަތުރުގައި ބައިވެރިވި ކުޑަ ކުދިންނަށް ވަކީން ހާއްސަ ހަދިޔާއެއް ލިބިގެންދިޔަކަމެވެ. ދަތުރުގައި ބައިވެރިވި ކުޑަ ކޮންމެ ކުއްޖަކަށް މަންޓާ ކްރޫގެ ފަރާތުން ސޮފްޓް މަންޓާ ޓޯއީއެއް ހަދިޔާކުރިއެވެ. އެ ސޮފްޓް ޓޯއީ ލިބުމާއެކު އެ ކުދިން ތިބީ އުފަލުން ފޮޅިފައެވެ.
މިއީ އެންމެ ގަޑިއިރެއްގެ ދަތުރެއްގެ ވާހަކައެވެ.
ކުރިންވެސް ފާހަގަކުރިހެން "ލެގް ސްޕޭސް" އިތުރަށް ލިބި އިންފްލައިޓް ކޭޓަރިން ހިދުމަތުން ލިބިގެންދާ ހިދުމަތްތަކާއެކު މަންޓާ އެއާގެ ހަމަ ކޮންމެ ދަތުރަކީ ވަރަށް ތަފާތު، ދަތުރުގެ ހަމަ ކޮންމެ ބައިވެރިއަކަށްމެ ހިތްހަމަޖެހުން ލިއްބައިދޭ ފަސް ތަރީގެ ތަޖުރިބާއަކަށް ވެގެންދާނެ ކަމުގައި އުންމީދު ކުރެވެއެވެ.
މަންޓާ އެއާގެ ދަތުރުތައް ރާއްޖޭގެ ކޮމާޝަލް ތިންވަނަ މަންޒިލު ކަމުގައިވާ ކޫއްޑޫއަށް ޕްރީ ޝެޑިއުލް ދަތުރުތައް މިއަދު އެ ފަށަނީ ފުރަތަމަ ދެ މަހަށް ވަރަށް ހާއްސަ އަގުތަކަކާއިވެސް އެކީގައެވެ. އެއީ ހަތް ދުވަސް ކުރިން ޓިކެޓް ނަގާނަމަ ހަމަ އެންމެ 829 ރުފިޔާއަށެވެ. ހަތަރު ދުވަސް ކުރިން ޓިކެޓް ނަގާނަމަ ހަމަ އެންމެ 869 ރުފިޔާއަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް